ރަހީނު ކުރުމަށްފަހު ފޮއްޓެއްގެ ތެރޭގައި މަރާލާފައި އޮއްވާ އިއްޔެރޭ ފަތިހު ހުޅުމާލެ ދެވަނަ ފިޔަވާހީގެ މޫދުން ފެނިފައިވާ 13 އަހަރުގެ ކުއްޖާގެ މަރަށް ވީ އެންމެ އަވަހަކަށް އިންސާފު ހޯދަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު މަޑަވެލީ ދާއިރާގެ ހުސެއިން ފިރުޝާން އެވެ.
މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވީ، 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލާފައި ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައި މޫދުން ފެނުމަކީ ފިއްކަނޑައިގެންދާވަރުގެ ކަމެއް ކަމަށެވެ.
އެކަން ހިނގާފައި ވަނީ އެކުއްޖާ ރަހީނު ކުރުމުގެ ރިޕޯޓު ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށްކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ، ދައުލަތުން އިޖުތިމާއީ އެހީ ފޯރުކޮށްދެމުންދިޔަ ކުއްޖަކު މިފަދަ އަނިޔާވެރި ގޮތަކަށް މަރާލުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލައި، އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ، މުސްތަގުބަލުގައި އެފަދަ ހާދިސާއެއް ނުހިނގާނެ ގޮތަކަށް ކަންތައްތައް ރޭވުމަށްވެސް ފިރުޝާން ވަނީ ގޮވާލައްވައިފައެވެ.
ހަމަ އެއާއެކު ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ ނިޒާމުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، ހެކި ނެތިގެން ދިއުމުގެ ކުރިން ކުށްވެރިވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުށް ކުރާ ފަރާތްތައް ސަލާމަތް ވެގެން ނުދެވޭ ވަރަަށް އެފަރާތްތަކުގެ މައްޗަށް ދައުވާ އުފުލެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް