ރާއްޖޭގައި ލާއިންސާނީ އަމަލުތައް ހިންގުމަށް މެދުވެރިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވާތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ކުށްވެރިކޮށް ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ، މި އަނިޔާވެރި އަދި ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން މިއަމަލު ހިންގާފައިވާ ސަބަބާއި އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރުމާއެކު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ
އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އިއްޔެރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާ މަރާލި މައްސަލައިގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކުރެވިފައިވާ ޒިންމާއެއް ކަމަށް ވީހިނދު، ގައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ އަމަލުތައް ހިނގުމަށް މެދުވެރިވަމުން މިދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލު ވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމުގައި ދެކޭ ކަމަށެވެ.
"އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާއިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލަމެވެ. މިއަމަލު ގެ ފަހަތުގައި ވާ ހުރިހާ ކަމެއްގެ ހަގީގަތް ހޯދައި، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ގޮވާލަމެވެ." ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު