އިންޑިއާ އިން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ގެނައީ ތަކުރާރުކޮށް އިއުލާނުކޮށްގެންވެސް ދިވެހި ޓީޗަރުން ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި އިއްޔެ ބުނެފައިވާ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެމީހުން ފޮނުވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ބުނެގެން ކަމަށްވެސް އެ ނޫހުގައިވެއެވެ.
މި ޓީޗަރުން ރާއްޖެ ގެނެސްފައި ވަނީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ޑިޕާޓްމެންޓް އޮފް ނޮން ރެސިޑެންޓަލް ކެރެލައިޓްސް (ނޮރްކާ) ރޫޓްސް މެދުވެރިކޮށެވެ. އެމީހުން އައިސްފައިވަނީ އިންޑިއާގެ ކެރަލާ ސްޓޭޓުންނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކެރެލާއިން ފަސް އަރަބި ޓީޗަރުންނާއި ގުރުއާން ޓީޗަރުން ގެނެސްފައިވާ ކަމަށާއި އެ ޓީޗަރުން ރާއްޖޭގެ ނުވަ ސްކޫލްއެއްގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ. އަދި މި ޓީޗަރުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމްތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު