ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް މޮނީޓަރިން އަށް ގޮސްފިއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަންގެ ޓީމެއް މިއަދު މަހިބަދޫއަށް ގޮސްފައިވާ ކަަމަށެވެ. މި ދަތުރަކީ އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންނާ މެދު އަމަލު ކުރެވޭގޮތާއި ޕޮލިސް ސްޓޭޝަނުގެ އާއްމު ހާލަތާއި އެ ސްޓޭޝަނުގައި ބަންދުގައި ތިބި މީހުންނާމެދު އަނިޔާވެރި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިންގާތޯ ބެލުމާއި އެފަދަ އަމަލަކަށް މަގުފަހިވެދާފަދަ ކަމެއް ހުރިތޯ ބެލުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީ އާއި އެންޓި ޓޯޗާ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ސްޓޭޝަނުގައި ހިދުމަތްފޯރުކޮށްދޭތޯ ބަލާނެ ކަމަށެވެ.

"މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި މިފަދަ މާހައުލެއްގައި މަސައްކަތްކުރާ އިރު ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯ އާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެއާއްމު ހާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް މި ޒިޔާރަތުގެ ތެރޭގައި ހިމެނޭ،" އެޗްއާރްސީއެމުން ބުންޏެވެ.

މީގެ އިތުރުން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮވިޑްގެ ހާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެނެގަންނާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އިންސްޕެކްޝަންގައި އެ ކޮމިޝަން ދެ މެންބަރުންނާއެކު އެންޕީއެމްގެ ޓީމަކުން ބައިވެރިވާނެއެވެ. މި އިންސްޕެކްޝަނުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މަހިބަދޫ ޕޮލިސް ސްޓޭޝަނާ ހިއްސާކުރުމާއި މި އިންސްޕެކްޝަންގެ ރިޕޯޓު ފުލުހުންނަށާއި އެހެނިހެން އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން 2015 ވަނަ އަހަރު ވެސް ވަނީ ޒިޔާރަތްކޮށް އިންސްޕެކްޓްކޮށްފައެވެ. އެގޮތުން އެފަހަރު އިސްލާހު ކުރަންޖެހޭ 17 ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ.