އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ގެ ސެމީ ފައިނަލާއި ފައިނަލަށް 60،000 ސަޕޯޓަރުން ވައްދާނެ ކަމަށް އިނގިރޭސި ސަރުކާރުން އިއުލާން ކޮށްފިއެވެ.
މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ މިހާތަނަށް ޔޫރަޕުގެ އެންމެ ގިނަ ސިޓީގައި ހޯސްޓް ކުރާ ޔޫރޯ މުބާރާތެވެ. 2014 ވަނަ އަހަރު ޔޫއެފާއިން އިއުލާން ކުރީ ޔޫރޯ ކުޅޭނީ ޔޫރަޕުގެ 13 ގައުމެއްގެ، 13 ސިޓީއެއްގައި ކަމަށެވެ. އޭގެ ފަހުން ކޮވިޑް 19ގެ ހާލަތާ ހެދި ޔޫރޯ އެއް އަހަރަށް ފަސްކުރަން ޖެހުނެވެ. އަދިވެސް ކޮވިޑުގެ ހާލަތުގައި ދުނިޔެ އޮތް ނަމަވެސް ޔޫރޯގެ ހޯސްޓިން ސިޓީތަކަށް ޔޫއެފާއިން މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް މުބާރާތް ފެށިގެން ކުރިއަށްދާ އިރު، ހޯސްޓިން ސިޓީގެ އަދަދު 11 އަށް އޮތީ ދަށް ކޮށްފައެވެ.
އޭގެ ތެރެއިން އެންމެ މުހިއްމު ސްޓޭޑިއަމަކީ ވެމްބްލީއެވެ. އެއީ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލްވެސް ހޯސްޓް ކުރާނެ ސްޓޭޑިއަމެވެ. 90،000 ސަޕޯޓަރުން ވަދެވޭ ވެމްބްލީއަށް ގްރޫޕް ސްޓޭޖު މެޗުތަކަށް ވައްދާފައި ވަނީ 22،500 މީހުން (25 ޕަސެންޓް) އެވެ. އެ ޕްލޭން އިނގިރޭސި ސަރުކާރުން ހަދާފައިވާއިރުވެސް ސެމީ ފައިނަލާއި ފައިނަލަށް އިތުރު މީހުން ވައްދާނެ ކަމަށް ޔޫއެފާއިން ވަނީ މައުލޫމާތު ދީފައެވެ. މިހާރު 60،000 މީހުން ސްޓޭޑިއަމަށް ވައްދަން އިނގިރޭސި ސަރުކާރުން ހުއްދަ ދީފައިވާ އިރު، އެއީ ޖާގައިގެ 75 ޕަސެންޓް ސީޓެވެ.
ވެމްބްލީއަކީ އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ހޯމް ސްޓޭޑިއަމެވެ. 2007 ވަނަ އަހަރު ރީބްރޭންޑްކޮށް ހުޅުވި ފަހުންވެސް 21 މިލިއަން މީހުން ސްޓޭޑިއަމް ބެލުމަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ޔޫރޯގައި މެޗުތައް ކުޅޭނެ އެންމެ މަގުބޫލު ސްޓޭޑިއަމަކީވެސް ވެމްބްލީއެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020