ވީނުވީއެއް ނޭނގިގެން ކުޅުދުއްފުށީ ސިޓީގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަބޫބަކުރުގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
ވީމާ، އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސް ނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ދާދި ފަހުން މިގޮތަށް ގެއްލިގެން ހޯދި މީހަކު ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުން ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ ފިރިހެން ކުއްޖަކު މަރާލާފައި ފޮއްޓަކަށްލާފައި މޫދަށް އެއްލައިލައިފައި އޮއްވައި ރޭ ދަންވަރު ވަނީ ފެނިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު