ގުޅީފަޅުގެ ޕްލޭން ރިވައިސް ކުރުމުގެ މަޝްވަރާތައް އަވަސްކޮށްދިނުން އެދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސްކުރުމަށް ސިޓީ ކައުންސިލާއެކުގައި މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިތާ ހަތަރު ހަފްތާވެފައިވާއިރުވެސް އަދިވެސް އެ މަޝްވަރާތައް ބޭއްވިފައި ނުވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަަށް އަޅުގަނޑު މިއަދު ސިޓީ ލިޔެފައިވާނެ އެކަން ]ގުޅީފަޅުގެ ޕްލޭންގެ މަޝްވަރާތައް] އަވަސް ކޮށްދެއްވުމަށް އެދި،" މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅީފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅީފަޅުގައި ޕޯޓު ގާއިމް ކުރަން ނިންމައި، ގުޅީފަޅާއި ތިލަފުއްޓާއި ވިލިމާލޭގެ އިތުރުން މާލެ ބުރިޖަކުން ގުޅާލުމަށް ނިންމައިފައެވެ.
ގުޅީފަޅު މައްސަލައިގައި މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެނަމަ މާލޭ ރައްޔިތުންގެ ހައްގުގައި މާލޭ ސިޓީ ކައުންސިލުން ކޯޓަށްވެސް ދާނެ ކަމަށް މޭޔަރު މުއިއްޒު މިގެ ކުރިން ވިދާޅުވެފައިވެ އެވެ.