ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

"ނަމުގައި ޖަލު ހުކުމް، ކަމުން ފިނިކޮޓަރީގައި ސިޔާސީ ހަރަކާތް ހިންގަވަނީ" މި ނަމުގައި ރާއްޖެ އެމްވީގައި މިރޭ ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނުގައި ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"އިސްވެ ދެންނެވުނު ހަބަރުގައި ލިޔެފައިވާ ފަދައިން، ޕީޕީއެމްގެ ލީޑަޝިޕްގެ ގްރޫޕްތަކާއި، ޕާޓީގެ ކައުންސިލު ގްރޫޕްތަކާއި އަދި އެނޫންވެސް އެފަދަ އެއްވެސް ގްރޫޕެއްގައި އެއްވެސް މުއާމަލާތެއް އެމަނިކުފާނު ކުރައްވާފައެއް ނުވެއެވެ. އަދި، އެއްވެސް ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ." ވަކީލުންގެ ބަޔާނުގައިވެ އެވެ.

ވަކީލުން ވިދާޅުވީ، ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެއްވިއިރު، ކަރެކްޝަނަލް ސާވިސް އިން ދީފައި ވަނީ ހަމައެކަނި ފޯނު ބޭނުންކުރެއްވުމުގެ ހުއްދަ ކަމަށެވެ.

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ، ވަޓްސްއެޕް، ވައިބާ ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުންކުރެއްވުމުގެ ހުއްދައަކަށް އެދި ކަރެކްޝަނަލް ސާވިސް އަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތްކަމަށް އެ ސާވިސްއިން އަންގާފައިވާތީ، ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު، އެއްވެސް އަމަލެއް ރައީސް ޔާމީން ކުރައްވާފައި ނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ވަކީލުން އިތުރަށް ވިދާޅުވީ ރާއްޖެ އެމްވީގައި ޝާއިއުކުރި ހަބަރަކީ، ފިތުނަ އުފެއްދުމުގެ މަގުސަދުގައި ލިޔެފައިވާ ހަބަރެއް ކަމަށާއި އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގާނޫނީ ޓީމުން ފަސް ނުޖެހޭނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް އިއްވާފައިވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.