ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމުން ކުޅުނު ތިން މެޗުންވެސް މޮޅުވެ، އެޓީމުން ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުގެ ތިން މެޗު ކާމިޔާބުކޮށް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމަށް ގްރޫޕް ބީގެ އެއްވަނަ ޔަގީންވެފައިވާ އިރު، މެޗުން ބަލިވި ފިންލޭންޑަށް ޖެހުނީ ތިންވަނައިގައި ގަދަ 16 އަށް އިންތިޒާރު ކުރާށެވެ.

މިރޭގެ މެޗަށް ނުކުތްއިރުވެސް ބެލްޖިއަމަށް އޮތީ ގަދަ 16 ޔަގީންވެފައެވެ. އެހެންނަމަވެސް ގަދަ 16ގެ ޔަގީންކަން ބޮޑުކުރަން ބެލްޖިއަމަށް ގްރޫޕްގެ އެއްވަނަ ހޯދަން އޮތީ މުހިއްމުވެފައެވެ. ޕޮއިންޓަކާއެކު ބެލްޖިއަމްއަށް އަމިއްލަ ބާރުގައި އެކަން ޔަގީންވެސް ވާނެއެވެ. އަނެއް ކޮޅުން މެޗަށް ނުކުތް ފިންލޭންޑަށްވެސް މޮޅަކާއެކު ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެގައުމުގެ ތާރީހުގައިވެސް ވާދަކުރާ ފުރަތަމަ ޔޫރޯގައި ގަދަ 16 އަށް ދާން ޓީމު އޮތީވެސް ވަރުގަދަ ހިތްވަރެއްގައެވެ. ފިންލޭންޑަށް ތާރީހީ މަގާމު ޔަގީން ކުރެވެން އޮތީ ޔަގީންކަމާއެކު ތިން ޕޮއިންޓް ނަގައިގެންނެވެ. އެއްވަރު ވެއްޖެނަމަ ޖެހޭނީ ރަޝިއާ ޑެންމާކު އަތުން ބަލިވޭތޯ ބަލާށެވެ.

ބެލްޖިއަމްގެ ރަން ޖީލަށް މިފަހަރުގެ ޔޫރޯ މުހިއްމީ، ތަށްޓެއް ހޯދުމަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ބެލްޖިއަމްގެ ރަން ޓީމު ހޯދާފައިވާ އިރު، ޔޫރޯގައި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވެސް ބެލްޖިއަމްގެ ނަތީޖާ ގޯހެއް ނޫނެވެ. އެއީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ބެލްޖިއަމް ވާދަކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ގްރޫޕު ސްޓޭޖުގައި ބެލްޖިއަމް ލައްވާލީ އިޓަލީ އާއި އަޔަލެންޑް އަދި ސްވިޑަންއާ އެއް ގްރޫޕެއްގައެވެ. ބެލްޖިއަމުން ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނައިގައެވެ. އެއްވަނައިގައި ނިންމާލީ އިޓަލީއެވެ.

ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ނަމަވެސް ކުއާޓާގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗުގައި ބެލްޖިއަމް ވަނީ ވޭލްސް އަތުން ބަލިވެފައެވެ.

މިރޭގެ މެޗަށް ބެލްޖިއަމުން ނުކުތީ ފުރަތަމަ 11 ގައި ކެވިން ޑިބްރޭނާއާއި ކެޕްޓަން އެޑެން ހަޒާޑް ހިމަނައިގެންނެވެ. ދެ ކުޅުންތެރިންވެސް މުބާރާތް ފެށިއިރު އަނިޔާގައި ތިބި އިރު، އެންމެފަހުން މެޗުގެ ފަހު ހާފުގައި އަރައި މެޗު އަނބުރާލުމަށް މުހިއްމު ދައުރެއް އެ ދެކުޅުންތެރިންވެސް އަދާކުރިއެވެ.

މެޗުގެ ކުރީކޮޅުގައި ނުރައްކާކޮށް ފެނުނީ ބެލްޖިއަމެވެ. އެޓޭކަށް ކުރިއަށް ޖެހި ފިންލޭންޑަށް ބެލްޖިއަމުން ޕްރެޝަރުކޮށްލާފައިވާ އިރު، ވިޓްސަލްގެ ބާރު ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ އިތުރުން ޑޮކޫ ފޮނުވާލި ބާރު ހަމަލާ ފިންލެންޑްގެ ގޯލްކީޕަރު ހްރަޑެޓްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އެ ހަމަލާތަކުގެ އިތުރުން ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއަށް އިތުރު ފުރުސަތުތަކެއް ލިބިފައިވެއެވެ. ޑޮކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ފުރަތަމަ ހަމަލާ، ފިންލެންޑްގެ ޑިފެންޑަރު އޯ ޝޯނެސީ ބްލޮކް ކުރި އިރު، ޑިބްރޭނާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ފިންލެންޑް ކީޕަރު ހްރަޑެޓްސްކީގެ އަތަށެވެ.

ހަމަލާތަކާއެކު ފުރަތަމަ ހާފު ނިންމާލި ބެލްޖިއަމުން ދެވަނަ ހާފު ފެށީވެސް ނުރައްކާކޮށެވެ. އެ ނުރައްކާތެރިކަން ފިންލޭންޑަށް މާ ގިނައިރަކު ނުހިފެހެއްޓުނެވެ. ކީޕަރު ހްރެޑެޓްސްކީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ފިންލޭންޑް އުންމީދުތަކަށް ހުރަސް އެޅުނެވެ. ބެލްޖިއަމަށް ލީޑު ލިބުނީ ޑި ބްރޭނާގެ ކޯނަރަކުން ވަމާލިން ބޮލުން ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހި، ފިންލެންޑް ކީޕަރު ހްރަޑެޓްސްކީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

އޭގެ އިތުރުންވެސް ދެވަނަ ހާފުގައި ހަޒާޑް ފޮނުވާލި ހަމަލާއެއްވެސް ކީޕަރު ހްރަޑެޓްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ބެލްޖިއަމަށް ލީޑު ފުޅާކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ކެވިން ޑިބްރޭނާއެވެ.

ގްރޫޕްގެ އެއްވަނަ ބެލްޖިއަމަށް ލިބިފައިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޑެންމާކު ގަދަ 16 ޔަގީން ކުރީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ފިންލޭންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ރަޝިއާ ކެޓީވެސް ތިން ޕޮއިންޓުގައި އޮވެ ފައިދާ ގޯލުގެ ތަފާތުންނެވެ.