އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ އުމުރު ހަމަވުމުގެ ސަބަބުން ރަޖިސްޓަރީ ނުކުރެވިފައިވާ އުޅަނދުތައް ރަޖިސްޓަރީ ކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް މާދަމާއިން ފެށިގެން ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީ ކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި އެ އޮތޯރިޓީގެ އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު މިވަގުތު ބަލައިގަންނާނީ އަތޮޅުތަކަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެޕްލިކޭޝަންތަކާއި ހުޅުމާލެއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މާލެއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެޕްލިކޭޝަންތައް މިވަގުތު ބަލައި ނުގަންނަން ނިންމާފައި ވަނީ ގަރާޖު ތަކުގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިއުމަށް މިވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއް ގޮތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ.

ރަޖިސްޓަރީ ނުކުރެވި ހުރި ވެހިކަލްތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހައްލެއް ހޯދައިދީފައިވާއިރު ދާދި ފަހުން އެ އޮތޯރިޓީން ވަނީ ކޮންޓެކްޓްލެސްކޮށް (މީހުންނާ ބައްދަލު ނުވެ) ހިދުމަތް ދިނުމުގެ ގޮތުން ރަޖިސްޓަރީ އާއި ލައިސަންސް ކާޑު ދޫކުރުމަށް ސެލްފް ކަލެކްޝަން ސެންޓަރަކުން ހިދުމަތް ދޭން ފަށާފައެވެ.