(19 ޖޫންގެ އަދަދާ ގުޅޭ)
سعد އާއި أحمد އާ ދެބެއިން ޢިޝާނަމާދަށްފަހު ތިއްބެވީ ރަށްބޭރުގައިހުރި ޢަސްކަރީ މަރުކަޒުގެ ފޭލިގެއެއްގައެވެ. ސިފައިންގެ މީހެއް ފޭލިގޭގެ ދޮރުގެ ފަރުދާ ހިއްލައި އެތެރެ ބަލައިލައިފައި ދެންނެވިއެވެ. "ޣަރުނާޠާގެ މީހެއް ބައްދަލުވާންއައިސް އެބަހުރި."
ކޮންމެވެސް މީހެއް އިންތިޒާރު ކުރުމެއްނެތި ފޭލިގޭގެ ދޮރުން ބޯދިއްކޮށްލައިފައި ބުންޏެވެ. "ޣަރުނާޠާގެ މީހަކު އައިސް އެބަހުއްޓެކޭ ނޫން. ބޮޑުބޭބެ المـــاس ދުރުވެ އެބަހުންނެވިޔޭ ދަންނަވާ!"
سعد އާއި أحمد އާ ދެބެއިން ހަމައެވަގުތު ތެދުވެވަޑައިގެން ހިނިފުޅުވަޑުވަމުން المـــاس އާ ދިމާޔަށް ވަޑައިގެންފިއެވެ. ސިފައިންގެ މީހާ އިސްކޮޅާ އެއްވަރަށް އަނގަހުޅުއްވައިގެންހުރެ ފަހަތަށް ޖެހިއްޖެއެވެ.
المـــاس، سعد އާއި أحمد އާ މުޞާފަޙާ ކުރުމަށްފަހު ގޮނޑިޔެއްގައި އިށީނދެއްޖެއެވެ.
سعد ވިދާޅުވިއެވެ. "ބޮޑުބޭބޭ! ހާދަ ނުވަގުތެއްގައި ތިޔަ ދުރުވީ ކީއްކުރައްވަންތޯ؟ ގޭގެ ހާލު ރަނގަޅުތޯ؟"
"ގޭގެ ހާލު ރަނގަޅު. އަޅުގަނޑު މިއައީ އަޅުގަނޑުމެން ޤުރުޠުބާއަށް ދާނީ ކޮންދުވަހަކުތޯ އޮޅުންފިލުވަން. ސާހިބާގެ ރަޙުމަތްތެރި ވަރަށްގިނަ ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް އެބަވަޑައިގަންނަވާ. އެބޭފުޅުން އެދިވަޑައިގަންނަވަނީ އަޅުގަނޑުމެން ވީހައިވެސް އަވަހަކަށް ގެޔަށްދާން."
سعد ވިދާޅުވިއެވެ. "އަޅުގަނޑާއި أحمد އާވެސް މިދައްކަނީ ތިޔަވާހަކަ. އަޅުގަނޑުމެން ދެބެއިން އެއްބަސްވީ أحمد ތިޔަބޭފުޅުން ގޮވައިގެން ޤުރުޠުބާއަށް ވަޑައިގަންނަވަން."
المـــاس ދެންނެވިއެވެ. "ދަރިފުޅު ޣަރުނާޠާއަކަށް ވަޑައެއް ނުގަންނަވާނުތޯ؟ ދަރިފުޅުގެ މަންމާފުޅު އެދިވަޑައިގަންނަވަނީ އަޅުގަނޑުމެން އެންމެން އެކުގައި ޣަރުނާޠާއިން ޤުރުޠުބާއަށް ދާން."
سعد ވިދާޅުވިއެވެ. "އަޅުގަނޑުވެސް ގަސްދުކޮށްގެންހުރީ ތިޔަގޮތަށް. އެކަމަކު މިއަދު އަޅުގަނޑާ ވަނީ އިތުރު މަސްއޫލިއްޔަތެއް ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް މަހެއްހައި ދުވަހުގެ ތެރޭގައި ޤުރުޠުބާއަށް ދާނަން. ބިޠުލިޔޫސާއި، ބަލަންސިއްޔާއާއި، ސަރުޤިސްޠާ ފަތަޙަކުރުމުގެ ވަގުތު ޖެހެންދެން އަޅުގަނޑަށް ޤުރުޠުބާގައި ހުރެވޭނެ. ބޮޑުބޭބެ މާދަން މިތާނގައި އަރާމުކުރައްވާ! އަނެއްދުވަހު ޣަރުނާޠާއަށް ދުރުވޭ!"
"ދަރިފުޅު ވަޑައިގަންނަވަނީ ކޮންތަނަކަށްތޯ؟"
"އަޅުގަނޑު މިދަނީ މުރުސިއްޔާއަށް. އެތާނގެ އުތުރު ސަރަޙައްދުގައި ބަލަންސިއްޔާގެ ނަސްރާނީ ފައުޖުން ރަށްރަށް ފޭރިއުޅޭތީ. އަޅުގަނޑަށް އަމުރު އައިސްފައިއޮތީ އެކަން ހުއްޓުވުމަށްޓަކައި ދިފާޢީ މަރުކަޒުތައް ހަދަން."
"ދަރިފުޅު ފުރައިވަޑައިގަންނަވަނީ ކޮންއިރަކުތޯ؟"
"މާދަން ހެނދުނު."
"އެހެންވީއިރު އަޅުގަނޑާއި أحمد އާވެސް މާދަމާ ހެނދުނު ފުރާނަން. އަޅުގަނޑު އަރާމުކުރާކަށެއް ބޭނުމެއް ނޫން.—"
އޭގެ އަނެއްދުވަހުގެ ހެނދުނު سعد އެއްހާސް އަސްވާރުންނާއިގެން މުރުސިއްޔާއަށް ވަޑައިގަންނަވަން ފުރައިވަޑައިގެންނެވިއިރު أحمد އާއި المـــاس އާވެސް ގެންދެވީ ޣަރުނާޠާއަށް ދަތުރުކުރައްވަމުންނެވެ.
* * * * * * * * * * *
سعد بــن عبــدالمنـعـــم ބަރާބަރު މަސްދުވަސްފަހުން މުރުސިއްޔާގެ ސަރަޙައްދީ ދިފާޢީ މަރުކަޒަކުން أميــر سيـر بــن أبى بـكـر އަށް ސިޓީއެއް ލިޔުއްވިއެވެ. "އަޅުގަނޑުމެން ބަލަންސިއްޔާގެ ނަސްރާނީ ލުޓޭރުން ޢިބުރަތްތެރި ގޮތަކަށް ބަލިކޮށްލުމަށްފަހު ސަރަޙައްދުގައި ދިފާޢީ މަރުކަޒުތައް ހަދައިފީމު. މިތާނގެ މުސްލިމުންގެ ރިޟާކާރުން އަޅުގަނޑުމެންނަށް ފުރިހަމަޔަށް އެއްބާރުލުންދޭ. ފެންނަ ފެނުމުގައި މައްސަރުތަކެއް ވަންދެން ދުޝްމިނުންގެ ފަރާތުން ފިޔަވަޅެއް އަޅާނެކަމަކަށް ހިއެއްނުވޭ. އެކަމަކު ގަންބިޠޫރުގެ ވެރިކަން ބަލަންސިއްޔާއިން ނައްތައިނުލެވެނީހެއް މި ސަރަޙައްދު ރައްކާތެރިޔެއް ނުވާނެ. ޙިޞްނުއްލައިޠާއި ޙިޞްނުލްމަދޫރު ފަތަޙަވުމުން އިސްލާމްދީނުގެ ދުޝްމިން ޖަމާޢަތްތައް ވަނީ ގަންބިޠޫރުގެ ކައިރިޔަށް ޖަމާވެފައި. إبــن هــود ގެ މިއްލަތު ވިއްކެވުމުގެ ސަބަބުން ސަރުޤިސްޠާވެސް ވަނީ އުތުރުގެ ޢީސާއީ ލުޓޭރުންގެ މަރުކަޒަކަށްވެފައި. އަޅުގަނޑުމެން ސަރުޤިސްޠާ ފަތަޙަކޮށްފިނަމަ އުތުރުގެ ލުޓޭރުންގެ ސަމާލުކަން ތިމަތިމާމެންގެ ސަރަޙައްދުގެ ދިފާޢަށް ހުއްޓިދާނެ. އޭރުން ބަލަންސިއްޔާ ފަތަޙަކުރަން ނިސްބަތުން ފަސޭހަވާނެ." އެހެންނޫނީ يحـيى القــادر ބަލަންސިއްޔާ ޢަމަލީގޮތުން ގަންބީޠޫރާ ހަވާލުކުރެއްވިގޮތަށް إبــن هــود ސަރުޤިސްޠާ އަލްފާންސޫއާ ހަވާލުކުރައްވައިފާނެ. އެދެބައިމީހުން އަޅުގަނޑުމެންނަކީ ދެބައިމީހުންގެވެސް ދުޝްމިނެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނާ ދެކޮޅަށް އިއްތިހާދެއް ހެދުމަކީވެސް އެކަށީގެންވާ ކަމެއް."
سعد ގެ މަންދޫބު ކުޑަދުވަސްކޮޅެއްގެ ތެރޭގައި أميــر سيـر بــن أبى بـكـر ގެ އަރިހުން ޖަވާބު ހިފައިގެން އަތުވެއްޖެއެވެ. އޭނާ ލިޔުއްވައިފައިވެއެވެ. "أميـرالمؤمنـين ވަނީ އައުޒިންމާއަކާ ހަވާލުވެވަޑައިގެންނެވުމަށް ކަލާ އިންތިޚާބު ކުރައްވައިފައި. އެމަނިކުފާނުގެ އަމުރުފުޅު ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑު ދިހަދުވަހުގެ ތެރޭގައި ޤުރުޠުބާއަށް އެބަދަން. ކަލާގެ ބަދަލުގައި إبــن حــاج އެބަފޮނުވަން. ސަރަޙައްދުގައި މިހާރު ކަލާ ތިޔަ އުފުއްލަވަމުން ގެންދަވާ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކުރައްވައިފައި ޤުރުޠުބާއަށް ވަޑައިގަންނަވާ!"
سعد އާ އަލަށް ހަވާލުކުރެއްވެނީ ކޮން މަސްއޫލިއްޔަތެއްކަމެއް އެސިޓީއަކުން އެނގިވަޑައެއް ނުގެންނެވިއެވެ. އޭގެފަހުން ތިންވަނައަށްވީ ދުވަހު إبــن حــاج ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންނެވުމާއެކު سعد ޤުރުޠުބާއަށް ދަތުރު ފައްޓަވައިފިއެވެ.
އެއީ މުޖާހިދަކު ދިގު ޒަމާންތަކަކަށްފަހު އޭނާގެ އަމިއްލަފުޅު ވަޒަނަށް އެނބުރި ރުޖޫޢަވެވަޑައިގެންނެވުމެވެ. އެ ވަޒަނުގެ ޝަރަފާއި މިނިވަންކަމާއި ކަރާމަތަށްޓަކައި އޭނާ ވަނީ ތުއްޕުޅުއިރުގެ ހިނިފުޅުވެޑުވުމާއި ޒުވާން އުމުރުފުޅުގެ އުފާވެރިކަން ޤުރުބާން ކުރައްވައިފައެވެ. سعد بــن عبــدالمنـعـــم އަށްޓަކައި ޤުރުޠުބާއަކީ އޭނާގެ ލޭފޮދާއި، ކަރުނަފޮދުން ފެން ދެއްވައިފައިވާ ބަގީޗާއެކެވެ. އޭނާ ދަތުރުކުރެއްވި މަގުމަތީގެ ކޮންމެ ވެލިފުކަކުންވެސް އޭނާއަށް ފެނިވަޑައިގަންނަވަނީ އައު އޮފަކާއި ބެބުޅުމެކެވެ. އައު ރީތިކަމަކާއި ހިތްގައިމު ކަމެކެވެ. ޙަޔާތުގެ މޫނުމަތީގައިހުރި ހުރިހައި ހުތުރު ލައްތަކެއް މިހާރުވަނީ ފިލައިފައެވެ. ދޮވެވި ސާފުވެފައެވެ. އޭނާ ހިތްޕުޅުގެ އަޑީން ވިދާޅުވަމުން ގެންދެވިއެވެ. "މިއީ އަހަރެންގެ ބިމެކެވެ. މިފެންނަ ފެހިކުލައިގެ ތާޒާ ބަގީޗާތަކާއި، ހެލިލަހެލިލައި މިހިރަ ދަނޑުތަކާއި މިފެންނަ ފަރުބަދަތަކާއި މި ކޯރުތަކަކީ އަހަރެންގެ އެއްޗެއްސެވެ. މިއަދު އަހަންނަކީ މިދުނިޔެއަށް ބީރައްޓެއްސަކީމެއް ނޫނީމެވެ."
ޤުރުޠުބާއާ ވަރަށް ކައިރީން އޭނާ ކުޑަކުޑަ އަވަށަކަށް އަސް މަޑުކޮށްލެއްވިއެވެ. ދަނޑުވެރިޔެއްގެ ގާތުން ފެންފޮދަކަށް އެދިވަޑައިގެންނެވިއެވެ. ދަނޑުވެރިޔާ އޭނާއަށް ކަޓޫރާއެއް ފުރައިހުރި ކިރު އަރުވައިފިއެވެ.
"އަހަރެން އެދުނީ ފެންފޮދަކަށް" سعد ވިދާޅުވިއެވެ.
ދަނޑުވެރިޔާ ހީނލައިފައި ޖަވާބު ދިނެވެ. މިހާރު މިބިމުގައިވަނީ މާތް اللّـه ގެ ހެޔޮލަފާ އަޅުންގެ ވެރިކަން. އެހެންކަމުން ފެން ބޭނުންވެގެން ބުނާ މީހުންނަށް ލިބޭނީ ކިރު. "ކަލާގެ އަސް ތިޔަވަނީ ވަރުބަލިވެފައި. ކަލާ މިތާނގައި އަރާމުކުރައްވާ!"
سعد ޖަވާބު ދެއްވިއެވެ. "ޝުކުރިއްޔާ! އަހަރެންގެ މަންޒިލް ވަރަށް ކައިރި."
سعد ޤުރުޠުބާއަށް އަރައިވަޑައިގެންނެވީ މެންދުރު ވަގުތުއެވެ. ޤުރުޠުބާއަށް އައިސްފައިވަނީ ޙަޔާތުގެ މުޅީން އައު އިންޤިލާބެކެވެ. އަހަރުތަކެއްވަންދެން ގޮށްމުށުބާރުގެ އުޑީގެ ފިސްފިސްކުރެވުނު އިންސާނުންގެ މޫނުމަތީން މިއަދު ފެންނަނީ އައު ލޭގެ ތާޒާކަމެވެ. އެބައިމީހުންގެ ވާހަކަ ދެއްކުމާއި ހިނގައިބިނގައި އުޅުމުން ފެންނަނީ ކެރުމާއި ޖެހިލުންކުޑަކަމުގެ ހެކިތަކެވެ. މިއްލަތުގެ ޝަހީދުންގެ ލެއިން ޤުރުޠުބާގެ ބަގީޗާއަށްވަނީ އައު އާރޯކަމަކާއި ތާޒާކަމެއް ލިބިފައެވެ. މިއަދު ކޮންމެ މީހެއްގެވެސް ނިތްކުރީގައި ލިޔެވިފައިވަނީ "ޤުރުޠުބާއަކީ އަހަރެންގެ މިލްކެކެވެ." މި ޝިޢާރެވެ.
سعد އޭނާގެ ގޭގެ ދޮރުމައްޗަށް އަސް މަޑުކޮށްލައްވައިފައި އަސްމަތީން ފައިބައިވަޑައިގެންފިއެވެ. ޚާދިމެއް އޭނާގެ އަހުގެ ލަގަނާ ހަވާލުވެއްޖެއެވެ. سعد އިރުކޮޅަކު ދޮރުމަތީގައި މަޑުކޮށްލެއްވިއެވެ. އޭނާ ހުންނެވީ ގޭގެ ބަގީޗާގެ ގަސްތަކާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާގެ ހަނދުމަފުޅަށް އަންނަނީ ބައްޕާފުޅުގެ އިނގިލިފުޅުގެ ކުރީގައި ހިއްޕަވައިގެން އެގަސްގަހުގެ ހިޔަލުގައި ހިންގެވި ދުވަސްވަރެވެ. އޭނާގެ ކޮއްކޮމެންނާއި އަވަށުގެ ކުދީންނާއެކު އެގަސްތަކުގެ ތެރޭގައި ކުޅުއްވައި އުޅުއްވި އުފާވެރި ދައުރެވެ. ކިރިޔަކިރިޔާ ހަނދުމަފުޅު ހުންނަވަރު ވެވަޑައިގެންނެވީއްސުރެ ގެދޫކޮށްލައްވައިފައި ހިޖުރަކުރެއްވުމާ ދެމެދުގެ އުފާވެރި އެކިއެކި ހާދިސާތަކުގެ ހަނދުމަފުޅުތައް އޭނާގެ ލޯފުޅުގެ ކުރިމަތީގައި ތަމްސީލުވަމުން ދިޔައެވެ. ދެން އޭނާގެ ހަނދުމަފުޅަށް އައީ އެންމެފަހުފަހަރު އެގެއިން ނުކުމެވަޑައިގެންނެވި ދުވަހު ކުރެއްވި ދުޢާފުޅެވެ. އެތެރެއިން أحمد އާއި المـــاس އާ އޭނާއާ ދިމާޔަށް ވަޑައިގަންނަވާތަން ފެނިވަޑައިގެންނެވުމުން އޭނާ މަޑުމަޑުން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. المـــاس އާ ބައެއް ވާހަކަ ދައްކަވައިލެއްވުމަށްފަހު އޭނާ أحمد އާއެކު ގޭގެ މީހުންއުޅޭ ބަޔަށް ވެދެވަޑައިގެންފިއެވެ. ގޯތިތެރޭގައި سـكيـنـة އާއި ميـمــونـة އާއި طـاهـــرة އާ ތިންމައިކަނބަލުން ތިއްބެވިއެވެ. سعد ގެ ލޯފުޅުގެ ތެރޭގައި ފަތަފަތައިހުރި ކަރުނަފޮދު ބޭއިޚުތިޔާރުގައި އޮހޮރިގެންފިއެވެ.
* * * * * * * * * * *
أميــر يـوسف بــن تـاشـفـيـن ގެ ނާއިބު ޤުރުޠުބާއަށް ވަޑައިގަންނަވާ ޚަބަރު ޤުރުޠުބާގައިވަނީ މަޝްހޫރުވެފައެވެ. ޤުރުޠުބާގެ މޭޔަރު ވަނީ أميــر سيـر بــن أبى بـكـر ހުކުރުދުވަހު ވަޑައިގަންނަވާނެ ވާހަކައާއި ޖާމިޢު ޤުރުޠުބާގައި ހުކުރު ދުވަހު ޚުޠުބާ ވިދާޅުވާނެ ވާހަކަ އިޢުލާނު ކުރައްވައިފައެވެ.
سعد އާއި أحمد އާ ދެބޭފުޅުން ހުކުރަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަނީއެވެ.
المـــاس ދޮރޯށިދޮށުގައި ހުރެފައި ވަރަށް ބާރަށް ހަޅޭއްލަވަމުން ގޭތެރެޔަށް ވަދެއްޖެއެވެ. "سعد، أحمد ތިޔަކުދީން ވަރަށް އަވަހަށް ބޭރަށް ނުކުމެވަޑައިގަންނަވާ!"
سعد އާއި أحمد އާ ދެބެއިން ވަރަށް އަވަހަށް ބޭރަށް ނުކުމެވަޑައިގެންފިއެވެ. المـــاس މާނޭވާލަމުން ބުންޏެވެ. "އޭނާ މިގެއަށް ވަޑައިގެންފި. ތިޔަބޭފުޅުންނަށް އެބަވިދާޅުވޭ. އަވަސްކުރައްވާ!"
"ކާކުތޯ އައީ؟ ކީއްވެގެންތޯ ބޮޑުބޭބެ ތިޔަހައި ކަންބޮޑުވެލެއްވީ؟" سعد ހަމަޖެހިވަޑައިގެން ވިދާޅުވިއެވެ.
المـــاس ޖަވާބު ދިނެވެ. "أميــر سيـر بــن أبى بـكـر އާއި قـاضى أبـو جـعـفـر އާ ވަޑައިގެންފި. އަޅުގަނޑު މިއައީ އެބޭފުޅުން މަރިޔާދުގޭގައި ބައިތިއްބައިފައި. އެބޭފުޅުން މިރަށަށް ވަޑައިގެންފައި ސީދާ އެވަޑައިގެންނެވީ މިގެއަށް. މިގޭގެ ދޮރުމައްޗަށް މީހުން އެބައެއްވޭ!"
سعد އާއި أحمد އާ ދެބޭފުޅުން މަރިޔާދުގެއަށް ވަޑައިގެންނެވިއިރު أميــر سيـر بــن أبى بـكـر އާއި قـاضى أبـو جـعـفـر އާއި ޤުރުޠުބާގެ މޭޔަރާ ތިންބޭފުޅުން ފެންޑާމަތީގައި ތިއްބެވިއެވެ. سعد އާއި أحمد އާ ދެބޭފުޅުން ޢިއްޒަތްތެރި މެހުމާނުންނާ ވަރަށްހޫނު ތަރުހީބަކާއެކު ސަލާންކުރެއްވިއެވެ.
سيـر بــن أبى بـكـر ވިދާޅުވިއެވެ. "سعد! أميـرالمؤمنـين އަޅުގަނޑަށް އަންގަވައިފައިވަނީ އަޅުގަނޑު ޤުރުޠުބާއަށް އައިސްފައި އެންމެ ފުރަތަމަވެސް މިގެޔަށް އަންނަން. އެކަމަކު އަޅުގަނޑު ކަލާއަށް ޔަގީންފުޅުކޮށް އަރުވަން أميـرالمؤمنـين އެފަދަ އެންގެވުމެއް ނުއެންގެވިކަމުގައިވިޔަސް އަޅުގަނޑު މިރަށަށް އަތުވެއްޖެނަމަ އެންމެފުރަތަމަ އަންނާނީ މިގެއަށް. ދަތުރުމަތީގައި އަޅުގަނޑު ތަންކޮޅެއް ލަސްވީ. އެހެންނޫންނަމަ ހެނދުނު ހެނދުނާ އަޅުގަނޑު ކަލާގެ އަރިހަށް އަތުވެއްޖައީމުސް. މިހާރު ހުކުރު ވަގުތުވާން އުޅެނީ. އެހެންވެ އަޅުގަނޑު ބޭނުންވަނީ أميـرالمؤمنـين ގެ ދެވަނަ އެންގެވުމަށް ޢަމަލުކުރަން. أميـرالمؤمنـين އެދިވަޑައިގަންނަވަނީ ކަލާ ޤުރުޠުބާގެ ގަވަރުނަރުކަމާ ހަވާލުވެވަޑައިގަންނަވަން!"
سعد އިރުކޮޅަކު މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "أميـرالمؤمنـين ގެ އެދިވަޑައިގެންނެވުމަކީ އަޅުގަނޑުގެ ގާތުގައި އަމުރެއްގެ ދަރަޖައިގައިވާ ކަމެއް."
أميــر سيـر بــن أبى بـكـر ހިނިފުޅުވަޑުވައިލައްވައިފައި قـاضى أبـو جـعـفـر އާ ދިމާޔަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "މިހާރަކު ކަލޭގެފާނު ސަކާކޮށްދެއްވުމުގެ ބޭނުމެއްނެތް. މިއަދު އަޅުގަނޑަށް ޤުރުޠުބާގެ އަހުލުވެރީންގެ ގާތުގައި ބުނެވޭނެ— ފަތަޙައިގެ އެންމެ އަގުހުރި އިނާމު ލިޔެވިފައިވަނީ ތިޔަބައިމީހުންގެ ނަސީބުގައޭ!" سيـر ދެން އެނބުރިވަޑައިގެންނެވީ أحمد އާ ދިމާޔަށެވެ. سيـر ވިދާޅުވިއެވެ. "أحمد! އަޅުގަނޑު ކަލާއަށްވެސް أميـرالمؤمنـين ގެ އަމުރުފުޅެއް ގެނައިން. أميـرالمؤمنـين ވަނީ އަލްމަރިއްޔާގެ ގަވަރުނަރުކަމަށް ކަލާ ޢައްޔަންކުރައްވައިފައި. އަޅުގަނޑާއި قـاضى أبـو جـعـفـر އާ އެ ޙުކުމަށް ތާއީދުކުރުމުން ކަލާއަށް އިންކާރުކުރައްވާކަށެއް ޖާގައެއް ނޯންނާނެ."
أحمد ވިދާޅުވިއެވެ. "އަޅުގަނޑުގެ ޤާބިލިއްޔަތާމެދު އަޅުގަނޑުގެ އިތުރާބެއް ނެތް. އެކަމަކު أميـرالمؤمنـين ގެ އިންތިޚާބަކީ ކުށެކޭ ދަންނަވާކަށެއް އަޅުގަނޑަކަށް ނުކެރޭނެ."
"ކަލާއަށް ތައްޔާރުވެވަޑައިގަންނަވަން ތިންދުވަސް އަރުވަން. ހިންގަވާ މިހާރު ނަމާދުވަގުތު ވަނީ!"
أميــر سيـر بــن أبى بـكـر ގެ ބައްގީ ބޭރުގައި ހުއްޓައިފައި އޮތެވެ. އެ ބައްގީގެ ވަށައިގެން މީހުންވަނީ އެއްވެފައެވެ. أميــر سيـر بــن أبى بـكـر ބައްގީއަށް އަރައިވަޑައިގެންނެވުމުގެ ބަދަލުގައި އެއްވެފައިތިބި މީހުނާއެކު މިސްކިތަށް ވަޑައިގެންނެވީ ފައިންޕުޅުން ހިންގަވައިފައެވެ.
* * * * * * * * * * *
ޖާމިޢު ޤުރުޠުބާ އޮތީ ފުރިބާރުވެފައެވެ. أميــر سيـر بــن أبى بـكـر ހުކުރު ނަމާދަށްފަހު ކުރެއްވި އިޢުލާނަކީ سعد بــن عبــدالمنـعـــم ޤުރުޠުބާގެ ގަވަރުނަރުކަމަށް އިންތިޚާބު ކުރެއްވުނުކަމުގެ އިޢުލާނެވެ. ރަށުގެ އަހުލުވެރީން އެ އިޢުލާނު އަޑުއެހީ އުފާވެރިކަމުގެ ނަޢުރާތަކާ އެކުގައެވެ. އައު ގަވަރުނަރު ތަޤުރީރު ކުރެއްވުންއެދި ހުށަހެޅޭން ފެށުމުން سعد بــن عبــدالمنـعـــم ތެދުވެވަޑައިގެންފިއެވެ. ދެކޭންތިބި އެންމެންގެ ބެލުމުގައި ފާޅުވޭވެހުރީ ލޯތްބާއި ކަމޭހިތުމާއި އިޙުތިރާމުގެ ޖަޒުބާތުތަކެވެ. سعد އިރުކޮޅަކު ފަސްޖެހިވަޑައިގެންފައި ހުންނެވުމަށްފަހު އޭނާގެ ތަޤުރީރު ފައްޓަވައިފިއެވެ.
"މިއްލަތުގެ ލޮބުވެތި އަޚުން! އަޅުގަނޑާ މިވަނީ ވަރަށްބޮޑު ޒިންމާއެއް ހަވާލުކުރެވިފައި. މިބަރު އުފުލުމުގެ ތައުފީޤު އަޅުގަނޑަށް ދެއްވުން އެދިވަޑައިގެން ތިޔަ ލޮބުވެތި އަޚުންވެސް ދުޢާކޮށްދެއްވުން އެދެން. ތިޔަ އަޚުން ހެކިވެވަޑައިގަންނަވާތި! މާތް اللّـه ކަނޑައަޅުއްވައިފައިވާ އިންތަކުގެ ތެރޭގައި ސާބިތުވެހުންނާނެކަމަށް މިމާތް މިސްކިތުގައިހުރެ އަޅުގަނޑު ވަޢުދުވަން. އަޅުގަނޑު މި ވަޢުދާ ޚިލާފުވެ ޢަދުލުއިންޞާފުގެ މަގުން އެއްކިބާވެއްޖެ ކަމުގައިވާނަމަ އަދި މި މަގާމަކީ މާތް اللّـه ގެ ދީނަށް ޚިދުމަތްކުރުމުގެ ބަދަލުގައި އަމިއްލަ މަންފާ ހޯދުމުގެ ވަސީލަތަކަށް ހަދައިފި ކަމުގައިވާނަމަ ތިޔަބޭފުޅުންގެ ވާޖިބަކީ އަޅުގަނޑުގެ ކަންފަތުގައި ހިއްޕަވައިފައި މި މަސަންދުން ބޭލުއްވުން. އަޅުގަނޑު ޙައްޤުގެ މަގުގައި ކުރިޔަށް ދިޔުމަކީ ތިޔަ ލޮބުވެތި އަޚުން އެދިވަޑައިގަންނަވާ ކަމެއްކަމުގައިވާނަމަ އެމަގުގެ ސީދާ ރާސްތާއިން ކުރިޔަށްދާން އަޅުގަނޑަށް މަޖުބޫރު ކުރެއްވުމުގެ ފަންވަރާއި ކެރުންތެރިކަން ތިޔަ އަޚުންގެ ކިބައިގައި އުފައްދަވާތި! އަޅުގަނޑު ހެދިހައިގޮތެއް ހެދިގެން ތިޔަ އަޚުން އެއްގޮތަކަށްވެސް ނުތިއްބަވާތި!"
އަޅުގަނޑުވަނީ އެފުރިކާގެ ގޮވީންގެ ކިބައިން މިދެންނެވި ކެރުމާއި ހިތްވަރާއި ސާބިތުކަން ދެކެފައި. އެބައިމީހުން أميــر يـوسف بــن تـاشـفـيـن ގެ ދާވަނިކޮޅުގައި ހިފަހައްޓައިފައި ޢަދުލުއިންޞާފު ޤާއިމުކުރައްވަން އެދި ދަންނަވާ. އެކަމާހުރެ އެމަނިކުފާނުގެ ނިތްކުރިފުޅަށް ރުލެއްވެސް އަރުއްވައެއް ނުލައްވާ. އެމަނިކުފާނުގެ ނާއިބުންވެސް އެމަނިކުފާނުގެ ފިޔަވަޅުފުޅުގެ މަތީގައި ހިނގަމުންދާން ތިޔަ އަޚުން އެދިވަޑައިގަންނަވާ ކަމުގައިވާނަމަ ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައިވެސް ޙައްޤާއި އިންސާފުގެ އަޑު އުފުއްލެވުމުގެ ޢަޒުމާއި ބުންވަރު އުފައްދަވާ! ތިޔަބޭފުޅުންގެ މައްޗަށް ވެރިކަން ހިންގާ މީހުންނަކީ ޙައްޤަށް ތަބާވާ ޢަދުލުވެރި ބަޔަކު ކަމުގައިވުން އެދިވަޑައިގަންނަވާ ކަމުގައިވާނަމަ ފިސާރި ކެރިވަޑައިގެން ތިއްބަވައި ޙައްޤުބަސް ވިދާޅުވޭ! މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީންގެ ކުރިމަތީގައި އިސްއޮއްބަވައިނުލައްވަވާ! މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީންގެ އަމުރުތަކަށް ބޯލަނބައި އެފަދަ މީހުންނަށް އިޙުތިރާމު ކުރުމަކީ ވަރަށްބޮޑު ފާފައެއް. މާތް اللّـه ގެ ދީނަށް އިޙުތިރާމު ނުކުރާ ބައެއްގެ ކުރިމަތީގައި ފަހަރެއްގައިވެސް ކަނދުރާ ތިރިނުކުރައްވާތި!
އަންދަލުސުގެ ވެރީންގެ ނާޤާބިލުކަމާއި ތެދުމަގުން އެއްކިބާވެވަޑައިގެންނެވުމުގެ ސަބަބުން އަޅުގަނޑުމެން ވަނީ ހަލާކުވެ ބަރުބާދުވެދިޔުމުގެ އެންމެ ހިތާމަވެރި ދައުރުތައް ދެކެފައި. އަޅުގަނޑުމެންގެ ޚުޝާމަދުކުރާ ޝާޢިރުންނާއި ވައިއަޅުވާ އަދީބުންގެ ކުށްވެރިކަން މަގުފުރެދިވަޑައިގެންފައި ތިއްބެވި ޙާކިމުންނަށްވުރެ ތަންކޮޅެއްވެސް ކުޑައެއް ނޫން. އެއްގޮތަކުން ބަލާއިރު މާބޮޑު. މިދެންނެވި ޝާޢިރުންނާއި އަދީބުން ވަނީ ވެރީންގެ ނުބައި ޢަމަލުފުޅުތަކަށް ތާރީފުކުރެއްވުމުގައި އުޑާއި ބިމާއި ކަނޑު އެއްކުރައްވައިފައި ޢީސާއީ ރަސްކަލެއްގެ ޑޯލާއިންނަކީ ހަފުތެ އިގުލީމުގެ ވެރިރަސްރަސްކަލުން ކަމުގައި ހައްދަވައިފައި! އެބޭފުޅުންގެ ޢައްޔާޝީ ކަންކަމަށް ޚަރަދުބަރަދު އެއްކުރައްވަން ދެއަތްޕުޅުން ރައްޔިތުން ފޭރިވަޑައިގަންނަވަމުން ގެންދެވިއިރުވެސް އެބޭފުޅުންގެ ހިސާބެއްނެތް މުއްސަނދިފުޅުކަމަށާއި ހައްދެއްނެތް ދީލަތިފުޅުކަމަށް ސަނާ ވިދާޅުވެފައި. އެ މަގުފުރެދިވަޑައިގެންފައި ތިއްބެވި ވެރީން ވަނީ ރާފޮދު ހިއްޕެވުމާއި، ދީންވެރިކަން ކުޑަކަމާއި، ފާޙިޝުކަން އެބޭފުޅުންގެ ޝިޢާރަކަށް ހައްދަވައިފައި. އެކަމަކު ޝާޢިރުންނާއި އަދީބުން ގެންދެވީ އެބޭފުޅުންގެ ޒާހިދުކަމާއި ތަޤުވާވެރިކަމާއި ވަރަޢަވެރިކަމަށް ތާރީފުކުރެއްވުމުގައި ބަހުގެ ބަސްކޮށާރު އެކަށް ހުސްކުރައްވަމުން. މިދެންނެވި ޝާޢިރުންނާއި އަދީބުން މުލޫކުއްޠަވާއިފުން މަގުފުރެއްދެވިލެއް ބޮޑުކަމުން އެބޭފުޅުންގެ ކުރިފުޅުމަތީގައި އުފުލައިލެވޭ ޙައްޤުގެ ކޮންމެ އަޑަކާމެދު އެބޭފުޅުން ބެއްލެވީ އެބޭފުޅުންގެ ކުރިފުޅުމަތީގައި "ބަދުބަހުން މޮށެ ލަދުގަންނަވަރު ކުރަނީކަމަށް." އެބޭފުޅުންނަށް ތައުހީނު ކުރަނީކަމަށް.
ރަނގަޅަށް ހަނދުމަފުޅު ބަހައްޓަވާތި! ޙައްޤުބަސް ބުނުން ހުއްޓައިލައި ފާފަޔާއި މުންކަރާތްތަކަށް ލޯމަރައިލާ ޤައުމުތަކުގައި ވިހައިބޮޑުވާނީ مـأمـون ذوالـنـّون އާއި يحـيى القــادر އާއި إبــن عكــاشــة ކަހަލަ ވެރީން. އެފަދަ ވެރީން އިންސާނުންގެ އަވަށްއަވަށް މިނިކާ ޖަނަވާރުތަކުން ފުރައިލައްވާނެ. އެ ދަރަޖަޔަށް ދިޔުމުން އެބަޔަކު އިންދާ ގަހުގެ މޭވާކާން ޤުދުރަތުން އެބަޔަކު ދޫކޮށްލައްވާ. އޭރުން އަޅާ ކޮންމެ ފިޔަވަޅަކާއެކު ޤައުމު ވެއްޓެމުންދާނީ ހަލާކާއި ނިކަމެތިކަމުގެ ފުން ވަޅުވަޅުގަނޑަށް. ތެދުވެރިކަމާއި ހެޔޮނިޔަތާއެކު މާތް اللّـه ގެ މަގުގައި ދެމިތިބޭ ޤައުމުތަކުގައި އުފެދެމުންދާނީ ހިތްވަރާއި ފަންވަރުހުރި މަތިވެރި އަބްޠާލުން. އެބަޔަކަށް ދެއްވާނީ طــارق އާއި عبـدالـرّحـمن (رحـمـهم اللّـه) ފަދަ މަގުދައްކަވާ ބޭފުޅުން. އޭރުން ޙަޔާތުގައި ކުރިމަތިވާ ޖިހާދުގެ ކޮންމެ މައިދާނެއްގައިމެ އެބޭފުޅުންގެ ފައިތިލަފުޅުގައި ބޮސްދޭނީ ފަތަޙައާއި ނަޞުރު. އެބޭފުޅުންގެ ކޮންމެ ފިޔަވަޅުފުޅަކާއެކު ޤައުމު ހައްތާވެސް އަރަމުންދާނީ ޝަރަފާއި އައުދާނަކަމުގެ އާއުސްމިންތަކަށް.
އަޅުގަނޑުމެންވަނީ މުލޫކުއްޠަވާއިފުންގެ ނާޤާބިލުކަމާއި ޤައުމުގެ ކަމުވޮށީންގެ ދީނީ އަދި ޤައުމީ ޣީރަތެއް ނެތުމާއި ވެއްޖެކޮންމެގޮތެއް ވަރިހަމަކަމުގެ ސަބަބުން ނިކަމެތިކަމުގެވެސް އެންމެ ދަށުދަރަޖަޔަށް ވެއްޓިފައި ކާފަރުންގެ ލަޝްކަރުތައްވަނީ އިޝްބީލިއްޔާއާއި، ޤުރުޠުބާއާއި، ޣަރުނާޠާގެ ދޮރޯށީގައި ޓަކިދީފައި. އެކަމަކު އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން އަޅުގަނޑުމެން މުޅީން ފަނާވެދާކަށެއް ޤުދުރަތުން މިންވަރެއް ނުކުރެއްވި. މާތް اللّـه ރަޙުމަތްވަންތަކަމުގެ ބެއްލެވުމަކުން އަޅުގަނޑުމެންގެ މައްޗަށް ބައްލަވައި ވޮޑިގެންފި. އެކަލާނގެ މިންވަރުކުރެއްވީ އަޅުގަނޑުމެންނަށް އިޞްލާޙުވުމުގެ އިތުރު ފުރުސަތެއް ދެއްވަން. އެގޮތުން އެކަލާނގެ ނިޔާފުޅުން އެފުރިކާގެ ހަނަފަސް ސަހަރާގެ ތެރެއިން މުޖާހިދެއް ތެދުވެވަޑައިގެންފި. މާތް اللّـه ގެ ހެޔޮ ތައުފީޤާއެކު އެމަތިވެރި ބަޠަލު ވަޙުޝީކަމާއި އަނިޔާވެރިކަމުގެ އެ އަފޫރުއްބަ ޠޫފާނުގެ މޫނު އަޅުގަނޑުމެންނާ ދުރަށް އަނބުރައިލައްވައިފި.
އެކަމަކު އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ. އަޅުގަނޑުމެންނަށް އެފަތަޙަ ލިބުނީ ހިމަނައި އަދަދު ނުކުރެވޭހައި ގިނަ ޤުރުބާނީތަކަކަށްފަހު. ތިޔަބޭފުޅުން ޒަލާޤާއާއި ޙިޞްނުއްލައިޠުގެ ނަން ނޭނގޭ ޝަހީދުންގެ މަތީން ހަނދުމަފުޅުކުރައްވާ. އެ ޝަހީދުންވަނީ އެބޭކަލުންގެ ލޭފޮދުން އަންދަލުސުގެ ތާރީޚުގެ އައު ބާބެއްގެ އުންވާނު ލިޔުއްވައިފައި. އަނދިރީގެ ޠޫފާނުގެ ތެރޭގައި ޙައްޤާއި ތެދުމަގުގެ ގިންދީލުތައް ދިއްލެވި މުޙުސިނުންގެ މަތީންވެސް ހަނދުމަފުޅު ކުރައްވާ. ޙައްޤުގެ އަޑު އުފުއްލެވުމުގެ ކުށުގައި މުލޫކުއްޠަވާއިފުންގެ ޖަލުތަކުގައި ޙަޔާތްޕުޅުގެ އެންމެ އަގުހުރި ދައުރު ހޭދަކުރެއްވި ބަޠަލުން ކުރެއްވި ހިތްވަރުފުޅާއި ދެއްކެވި ސާބިތުކަމުގެ މަތީން ހަނދުމަފުޅު ކުރައްވާ!
ޝައްކެއް އަޅުގަނޑުމެންގެ ޤައުމުގެ އެ މުޙުސިނުން މިއަދު އަޅުގަނޑުމެންގެ ތެރެޔަކު ވަޑައިގެނެއް ނެތް. އެކަމަކު އެބޭކަލުންގެ މުޤައްދަސު ރޫޙުފުޅުތައް އަޅުގަނޑުމެންނާ ދިމާޔަށް ބައްލަވަމުން އެބަގެންދަވާ! އަޅުގަނޑުމެންނަކީ އިޙުސާންތެރިކަން ހަނދާން ބަހައްޓާ ބަޔަކު ކަމުގައިވާނަމަ އެބޭކަލުން ޤުރުބާންވެވަޑައިގެންނެވީ މަތިވެރި މާތް މަޤުޞަދެއްގައިކަން ހަނދާން ބަހައްޓަންވާނެ. އެބޭކަލުން ޤުރުބާންވެވަޑައިގެންނެވީ އަންދަލުސުގައި އިސްލާމްދީނުގެ ދިދަ އެކޮޅުކޮޅުން ޖެހުނަ ނުދެއްވަން. އެދިދަޔަށްވުރެ އުހަށް އެހެން ދިދަޔެއް އުފުލުނަ ނުދެއްވަން އެބޭކަލުން ޤުރުބާންވެވަޑައިގެންނެވީ މާތް اللّـه ގެ ބިންމަތީގައި އެކަލާނގެ ޤާނޫނު ހިންގަވަން.
ޝައްކެއްނެތް. އަންދަލުސަކީ އެޝަހީދުން އަޅުގަނޑުމެންނާ ހަވާލުކުރައްވައިފައިވާ މުޤައްދަސް އަމާނަތެއް. އަޅުގަނޑުމެން ތެދުހިތުން ޢަހުދުވަމާ ހިންގަވާ އެ އަމާނަތަށް ޚިޔާނަތްތެރި ނުވަން! އެބޭކަލުންވަނީ އިސްލާމްދީނުގެ ބަރަކާތްތެރި ހިޔާބޮޑު ގަހަށް އެބޭކަލުންގެ ލޭފޮދުން ފެންދެއްވައިގެން އާރޯކަމާއި ތާޒާކަން ގެނެސްދެއްވައިފައި. އެގަސް އަލުން ޚަރީފުގެ ހޫނު ވައިރޯޅިތަކުގެ ސިކާރަޔަކަށް ވިޔަނުދޭން ޢަހުދުވަމާ ހިންގަވާ! އެބޭކަލުންވަނީ މި ވަޠަނަކީ އަޅުގަނޑުމެންނަށްޓަކައި އަމާންކަމާއި ޢާފިޔަތުގެ ގެޔަކަށް ހައްދަވައިދެއްވައިފައި. އަޅުގަނޑުމެންގެ މި ވަޠަނުގައި ގޮށްމުށު ބާރާއި ވިރާސީ ރަސްކަމުގެ ބުދު ބެހެއްޓިޔަ ނުދޭން ޢަހުދުވަމާ ހިންގަވާ. އެބޭކަލުންވަނީ އަޅުގަނޑުމެންނަށް މިނިވަންކަމުގެ ނިޢުމަތް ހޯއްދަވައިދެއްވައިފައި. އަޅުގަނޑުމެން ޢަހުދުވަމާ ހިންގަވާ. އަޅުގަނޑުމެންގެ އަންނަނިވި ނަސްލުތަކަށް އަޅުވެތިކަމުގެ ލަޢުނަތް ދޫކޮށްފައި މިދުނިޔެއިން ވަކިވެގެންދާ ބަޔަކު ކަމުގައި ނުވާން. އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ ޤިޔާމަތް ދުވަހުން ޒަލާޤާއާއި ޙިޞްނުއްލައިޠުގެ ޝަހީދުންގެ ކުރިފުޅުމަތީގައި އަޅުގަނޑުމެން ލަދުގަންނާންޖެހުނަ ނުދެއްވުންއެދި ދުޢާކުރަމުން.
(ނިމުނީ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު