ކުޅިވަރު

ފައިގެ ކުޑަހުޅު ތިންފަހަރު ބިންދައިގެން ހިނގައްޖެ، ކުރީގެ ފޯމަކަށް ދެން ނުދެވޭނެ: ހަޒާޑް

މުޙައްމަދު ޝަމްޢޫން

ފައިގެ ކުޑަހުޅު ތިންފަހަރަކަށް ބިންދައިގެން ގޮސްފި ކަމަށާއި، 10 ވަރަކަށް އަހަރު ކުރިން ކުޅުނު ކުޅުން މިހާރު ދެން ނުކުޅެވޭނެ ކަމަށް އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމް ގެ ކެޕްޓަން ހަޒާޑަށް މިދިޔަ ދެ ސީޒަން ވީ އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވި ދެ ސީޒަނަށެވެ. ޗެލްސީގައި ކާމިޔާބު ފަސް އަހަރު ހޭދަކުރުމަށްފަހު ރެއާލްއަށް ބަދަލުވި އިރު، ހަޒާޑަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާގެ ނެއްޓުންތަކާއި ކޮއްޓުންތަކަށް ގިނަ ބައެއްގެ ލޯބި ލިބުނު ނަމަވެސް ރެއާލްއަށް ދިޔަތަނުން ފައިގެ ކުޑަހުޅަށް ދިމާވާން ފެށި މައްސަލަތަކާއެކު ހަޒާޑްގެ ސްޓައިލް ގެއްލި، ދަނޑުމަތިންވެސް އޭނާ ގެއްލުނެވެ.

ބެލްޖިއަމްއާއެކު ޔޫރޯއަށް ހަޒާޑް ދިޔައީވެސް މުޅިން ފިޓްވެގެނެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ފުރަތަމަ ދެމެޗުގެ ފުރަތަމަ 11 ގައިވެސް ހަޒާޑް ހިމެނިފައެއް ނުވެއެވެ. ދެ މެޗުގައިވެސް ފެނުނީ ބެންޗުން ކުޅެން ނުކުތްތަނެވެ. އެހެންނަމަވެސް މިރޭގެ މެޗުގައި ހަޒާޑް ފަށާނެ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ބުނެފައެވެ.

"އަހަރެން އަދިވެސް 90 މިނެޓްގެ މެޗަކަށް ތައްޔާރުކަމާ މެދު ސުވާލު އުފެދޭ. އެކަމަކު އަހަންނަށް ކުޅެވެން އޮތް އެންމެ ގިނަ ވަގުތަކު ކުޅޭނަން. އަމިއްލަ ހުނަރުވެރިކަމަށް ސުވާލެއް ނުއުފައްދަން. އެކަމަކު އަހަރެން މިހުރީ 100 ޕަސެންޓް ފިޓްކޮށް ކަމާމެދު ސުވާލު އުފައްދަން. އަހަރެން ފައިގެ ކުޑަހުޅު ތިންފަހަރަށް ބިންދައިގެން ހިނގައްޖެ. 10 އަހަރު ކުރީގެ ފޯމާ މިހާރު އެއްގޮތެއް ނުވާނެ. ދެން ނުވެސް ކުޅެވޭނެ އެ ސްޓައިލްގައެއް. އެކަމަކު ރަނގަޅަށް ފިޓްކޮށް ހުރެއްޖެނަމަ، އަހަންނަށް ދަނޑުމަތީގައި އަދިވެސް ތަފާތު ދެއްކޭނެ. އެއީ އަހަރެން މިކުރާ މަސައްކަތަކީ،" ހަޒާޑް ޕްރީ މެޗުގައި ބުނެފައިވެއެވެ.

ބެލްޖިއަމްއަށް މިހާރުވެސް ވަނީ ގަދަ 16 ޔަގީން ވެފައެވެ. މިރޭ ފިންލޭންޑާ ދެކޮޅަށް އެޓީމު ނުކުންނާނީ ގްރޫޕްގެ އެއް ވަނަ ޔަގީންކޮށް ގަދަ 16 އަށް ދިޔުމަށެވެ.