ހަވީރު ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގާއި މިހާރު ނޫހުގެ އެންމެ ފަހުގެ އެޑިޓަރު މޫސާ ލަތީފު އަދި ސަން އޮންލައިންގެ އެންމެ ފަހުގެ އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) އިސްކޮށް ތިބެ އާ ނޫހެއް ނެރެން ނިންމައިފި އެވެ.

ނެކްސްޓް މީޑިއާ ގްރޫޕްގެ ނަމުގައި ފަށާ މި މީޑިއާ ކުންފުނީގައި އިސް ދައުރެއް އަދާކުރާ ނޫސްވެރިކަމުގެ ދާއިރާގެ އެހެން ބައެއް ފަރާތްތަކުގެ ތެރޭގައި ”ހަވީރު“ އަދި ”މިހާރު“ގެ ކުރީގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އާސިޔަތު މުހައްމަދު ސައީދު، ”ހަވީރު“ އަދި ”މިހާރު“ގެ ކުރީގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ހިމެނެ އެވެ.

ނެކްސް މީޑިއާއިން މިއަދު ބުނި ގޮތުގައި، މިއީ ފެންވަރު ރަނގަޅު އަދި ޒަމާނީ ބަދަލުތަކަށް ހުޅުވިފައިވާ ޕްރޮފެޝަނަލް ނޫސްވެރިކަމެއް ރާއްޖޭގައި އާލާކޮށް ދެމެހެއްޓުމަށް ޓަކައި ކުރެވޭ މަސައްކަތެއްގެ ފެށުމެވެ.

މި މީޑިއާގެ ތެރެއިން ދިވެހީންނަށް ބޭނުންތެރި އަދި ގަޔާވާ ތަފާތު ވައްތަރުތަކުގެ ކޮންޓެންޓް ގެނެސްދޭ ޕްލެޓްފޯމްތައް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ތައްޔާރުކުރަމުން އަންނަ ފުރަތަމަ ޕްލެޓްފޯމް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް ނެކްސްޓް މީޑިއާ ގްރޫޕް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެ ކުންފުނީގެ ސީއީއޯ ޝަމްއޫން އަފީފް ބުންޏެވެ. ޝަމްއޫނު ވަނީ "ހަވީރު" އަދި "މިހާރު"ގެ ބިޒްނަސް ޑިވެލޮޕްމަންޓް ހެޑުގެ ގޮތުގައި 10 އަހަރު މަސައްކަތް ކޮށްފައެވެ.

އަލަށް މި އުފައްދާ މީޑިއާއާ ގުޅޭ ގޮތުން މޫސާ ލަތީފު ވިދާޅުވީ، ”ދިވެހި މީޑިއާގައި އާ ވަރަށް ގިނަ ކަންކަން ކުރެވެން ހުރިކަން އަޅުގަނޑަށް އަބަދުވެސް ގަބޫލުކުރެވޭ. މި ޓީމާ ގުޅުނީ އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމާ. އަޅުގަނޑުމެންނާ އެކު ދުވަހުން ދުވަހަށް ކޮންޓެންޓް އުފައްދަން ވަރަށް ހުނަރުވެރި ޒުވާން ޓީމެއް އެބަ އޮތް. އަނެއްކާ ފީޗާސް އާއި މުހިންމު ރިޕޯޓުތައް ލިޔާނެ ތަޖުރިބާކާރު ލިޔުންތެރިންތަކެއް އެބަ ތިބި. އެހެންވީމާ ކިޔުންތެރިންނަށް ވަރަށް ރަނގަޅު، ކިޔާހިތްވާ ކޮންޓެންޓް ފޯރުކޮށްދެވޭނެ." ކަމަށެވެ.

ނެކްސްޓް މީޑިއާ ގްރޫޕުން ބުނީ ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ޑިޖިޓަލް ކޮންޓެންޓް ގެނެސްދިނުމުގެ ފަހުގެ ގޮތްތައް ހިމަނައިގެންނެވެ.

”އަޅުގަނޑުމެން ނޫސްވެރިކަމުގެ މި މަސައްކަތް ފަށަނީ، މިހާރު ލިބެން ހުރި ނޫސްވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ނޫސްވެރިކަމުގެ ތަފާތު ތަޖުރިބާތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް. ހަބަރާއި ފީޗާ އަދި ދިރާސާތައް ގެނެސްދިނުމުގައި ޑޭޓާ އާއި މަލްޓިމީޑިއާ އަދި ވިޝުއަލް ނޫސްވެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދޭނަން،“ ޑރ. އަލީ ރަފީގް ބުންޏެވެ.

ވަކި ފަރާތަކަށް ބުރަ ނުވެ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ނެކްސްޓް މީޑިއާ ގްރޫޕް އުފެއްދުމުގެ އެންމެ އިސް އެއް ބޭނުން ކަމަށާއި އެ ޓީމުން މަސައްކަތްކުރާނީ އާންމުން އެންމެ ބޮޑަށް އެނގެން ބޭނުންވާ ކަންކަން ތިލަކޮށްދީ، ވަކި އަތަކަށް ނުޖެހި ތިބެ އެ ކަންކަން ގެނެސްދިނުމަކީ އެންމެ އިސް ވާޖިބު ކަމުގައި ބަލައިގެން ކަމަށް އެ މީޑިއާއިން މިއަދު ނެރުނު ސްޓޭޓްމެންޓުގައި ބުނެފައިވެ އެވެ.

”ދުވަހެއް ދުވަހަކަށް ނޫސްވެރިކަމުގެ ފޭރާން ދަށްވަމުންދާތަން ފެންނާތީ، އިތުރު ހިތްވަރަކާ އެކު، އަދި ރަނގަޅު ޓީމަކާއެކު، މަސައްކަތްތަކެއް ކޮށް، ރަނގަޅު ނޫސްވެރިކަމެއް ކުރުމުގެ ނިޔަތާ އެކު މިޓީމާ ގުޅުނީ. ޓީމާ ދޭތެރޭ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް،“ ހިރިގާ ޒާހިރު ބުންޏެވެ.

ޒަމާނާ އެކު މީޑިއާއަށް އަންނަ ބަދަލުތައް ހެޔޮ ގޮތުގައި ބަލައިގަނެ، ޓެކްނޮލޮޖީގެ ކުރިއެރުންތައް މީޑިއާގެ ދާއިރާގައި ބޭނުންކުރަން ނެކްސްޓް މީޑިއާ ގްރޫޕުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އެ މީޑިއާއިން ބުނެ އެވެ.

”ޕްރިންޓުން ޑިޖިޓަލް މީޑިއާއަށް ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ނޫސްވެރިކަން ތަރައްގީކުރުމުގެ މުހިންމުކަން އިންތިހާ އަށް ބޮޑު. ހާއްސަކޮށް، ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް އެކިއެކި މީޑިއަމްތަކުން 24 ގަޑިއިރު ކޮންޓެންޓް ލިބޭ މި ޒަމާނުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާއި ފެންވަރު ރަނގަޅު ލިޔުންތައް ގެނެސްދިނުން އަދި ތަފާތު ވައްތަރުގެ އާލާތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ކޮންޓެންޓް މުއްސަނދިކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަން އަޅުގަނޑުމެން މަސައްކަތްކުރާނަން،“ ނާފިޒް ބުންޏެވެ.