ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާންމު ދަނީއަށް ލިބޭނެ ގެއްލުމުގެ އަދަދު 36 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިގްތިސާދީ ކާރިސާއެއްގެ ތެރޭގައިވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ހަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި ކައުންސިލްތަކުގެ އަމާޒަކަށް ވާން ވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ހަރަދުތައް މެނޭޖްކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތަކީ ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫން ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ކޮވިޑްގެ މި ކާރިސާއާ އެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް މިވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަމަށެވެ. އަދި ވިދާޅުވީ 2020 ވަނަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު މިދިޔަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.
"މި ކާރިސާއާ އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފައި. 2020 ވަނަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ މި ޕެންޑެމިކާ ގުޅިގެން އިތުރުވި ދަރަނި، އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
"މިކަން ކުރެވޭނީ އިގުތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން. 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މި [ކަންތައް]،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން މުހިއްމު ބަދަލުތަކެއް ގެންނަމުން ދާއިރު ކައުންސިލަރުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ވާނީ ގެނެސްދީފައި ކަމަށެވެ. އަދި ކޮންމެ ކައުންސިލަކަށްވެސް ސެކްރެޓަރީ ޖެނެރަލެއް ލުމަކީ ކައުންސިލްތަކުގެ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް ގެނެވުނު ބަދަލުތަކަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަރަދުވެގެން ދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ހެދުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު