ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނިންމަން ނުވަ މަސް ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހަދައިފައިވާއިރު، އެތަނުގައި ޖުމްލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ.

ނަމަވެސް 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހެދި އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ. އެހެންކަމުން އެކަންކަން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމާފައި ވަނީ ތިން މަސް ދުވަސް ދިނުމަށެވެ. އެ މުއްދަތުގައި ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝަން މަސައްކަތަށް އަމިއްލަ އަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.

"މަދުވެގެން ނުވަ މަސް ދުވަސް ފިނިޝިން އަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމުން އެކަމަށް މިއަދު އޭޗްޑީސީ، ރައީސް އޮފީހުގައި ވަނީ އެދިފަ،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފިނިޝިންގެ މަސައްކަތްތައް ކޮންޓްރެކްޓުގައި ހިމެނިފައި ނެތް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ނަމަވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒުވަނީ އެކަން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓް ފައިސާ ހަމަޖެހިފައިވަނީ ހުރިހާ ހަރަދެއް ހިމަނައިގެންނެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމަންޓްގައި ސޮއިކުރަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެއެވެ.

ހިޔާ ފްލެޓަށް ފައިސާ ދައްކަން މަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާއެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގާނެއެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.