ކުދިކުދި މައްސަލަތަކުގައި ހައިކޯޓަށް އަދި ސުޕްރީމް ކޯޓަށް ދިއުމަކީ މިހާރު ގެންގުޅޭ ޕޮލިސީއެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، ސިޔާސަތުތަކަށް މައިގަނޑު ދެ އިސްލާހެއް ގެނައިސްފައިވާނެ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މަތީ މަރުހަލާތަކުގެ ކޯޓަށް އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް މަދުކޮށްލުން ކަމަށެވެ.

ޕީޖީން ވަކާލާތު ކުރާ ގޮތަށް ނުވަތަ ހިތްހަމަނުޖެހޭ ގޮތަކަށް މައްސަލައެއް ނިންމާ ކޮންމެ ފަހަރަކު އެކަމެއް މަތީ މަރުހަލާގެ ކޯޓުތަކުގައި އެޕީލްކުރުމަކީ ކުރިން އޮންނަ ސަގާފަތެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން ހައިކޯޓުގައި ގިނަ މައްސަލަތަކެއް ފުނި ޖެހިފައި ހުންނަ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އޭގެ ތެރެއިން މުއާލާތް ކެނޑިފައި ހުރި މައްސަލަތައް އަނެއްހެން މާބޮޑު މަސްލަހަތެއް ނެތް މައްސަލަތައް މިހާރު ވާނީ އަނބުރާ ގެނަސްފައި. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިސާލަކަށް މަސްތުވާތަކެތީގެ މައްސަލައެއްގައި އެއް ގުރާމް ހަމަވޭތޯ ބެލުމުގައި ދިމާވި ކަމަކާ ގުޅިގެން އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރަން ޖެހޭނެ ކަމަކަށް،" ޝަމީމު ވިދާޅުވިއެވެ.

ކުދިކުދި މައްސަލަތަކުގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ އުސޫލު ދޫކޮށްލާފައިވާކަން ފާހަގަކޮށް ޕީޖީ ޝަމީމު ވިދާޅުވީ ހައިކޯޓަށް ދާން ޖެހޭނީ ޕަބްލިކް އިންޓަރެސްޓް އޮންނަ މައްސަލަތަކާއި ގާނޫނު މާނަ ކުރި ގޮތަކާމެދު ހިޔާލު ތަފާތުވެއްޖެ ނަމަ ކަމަށާއި އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށެވެ.

"އެކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ހާސިލު ކުރެވޭ ނަތީޖާވެސް ރަނގަޅުވެއްޖެ. އަޅުގަނޑުމެން ކޮންމެ ކޮންމެ މައްސަލައެއްގައި ހައިކޯޓަށް އަދި ސުޕްރީމް ކޯޓަށް ނުދާތީ އަޅުގަނޑުމެނަށް އެ މައްސަލަތަކުގައި މާ ރަނގަޅަށް މަސައްކަތް ކުރެވޭ،" ޕީޖީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާގެ މައްސަލަ ކޯޓަށް ހުށަހަޅަން ފެށީ ވަރަށް ފަހުންކަން ފާހަގަކުރައްވައި ޕީޖީ ޝަމީމު ވިދާޅުވީ، އަހަރެއް ވެގެން ދިޔަ އިރު އަދި އެފަދަ މައްސަލައެއް ކޯޓުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ނިމުމުން މިހާރު އެކުލަވާލާފައިވާ ޕޮލިސީއަށް ބަދަލެއް ގެންނަންޖެހޭ ނަމަ އެކަން އެނގިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީ ވަޒަން ކުރަންވީ ކިތައް މީހުންގެ މައްޗަށް ދައުވާ ކުރެވިގެނެއް ނޫން. އަޅުގަނޑުމެންގެ ކާމިޔާބީ ވަޒަން ކުރަންވީ މިކަމުގައި އަސްލު އުޅޭ މީހުން ރޫޓް ކޯސް ހޯދައި އެއަށް ފިޔަވަޅު އެޅިގެން،" މަސްތަވާތަކެތީގެ މައްސަލަތަކުގައި އެކަމަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކުރިއަށްދާކަން ފާހަގަކޮށް ޕީޖީ ވިދާޅުވިއެވެ.