ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.
ޑީއެންއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރައެޅުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށާއި އެހެންކަމުން އެ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމަށެވެ.
"މި އިސްލާހަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމުގައި ފާހަގަ ކުރަމެވެ. އެއްވެސް ގާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަން ވާނީ ގާނޫނު އަސާސީއާ ހިލާފުނުވާނޭ ގޮތަށް ކަމުގައި ދެކެން. އެހެންކަމުން މި އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި މިކަން ހަރު އަޑުން ކުށްވެރި ކުރަން،" ޑީއެންއޭއިން ބުންޏެވެ.
މިގޮތަށް ހުށަހެޅޭ އިސްލާހުތައް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންކަމުން މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިޔަސް މިއީ ރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނެ ކަންކަން ކަމަށްވެސް ޑީއެންއޭއިން ބުންޏެވެ.
ޑީއެންއޭގެ ބަޔާނުގައި އިތުރަށް ވަނީ މި އިސްލާހުގައި ވަކި ބައެއްގެ ހައްގު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ހައްގުތަކުން މަހުރޫމު ކޮށްފައި ކަމަށެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ޑީއެންއޭ އިން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ގާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެން ވާނީ ރާއްޖޭގެ ދީނީ އިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރައުޔާ ހިލާފުނުވާނޭ ގޮތަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ.
ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ކޮމެންޓެއް ހޯދުމަށް ވަނީ ނިންމައިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި އެ އިސްލާހު ކޮމިޓީ މަރުހަލާގައި އުނި ކުރުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.