(17 ޖޫން ގެ އަދަދާ ގުޅޭ)
سعد ގެ ލޯފުޅުން ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަފޮދު އޮހޮރެމުންނެވެ. އެއީ ލޯތްބާއި، ކަމޭހިއްތެވުމާއި ޝުކުރުވެރިވެވަޑައިގެންނެވުމުގެ ކަރުނައެވެ. އެކަރުނަފޮދަކީ ހަމައެކަނި ފަރުދެއްގެ އިޙުސާސުގެ ތަރުޖަމާއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ ބޮޑުސިންގާ ޤައުމެއްގެ ޖަޒުބާތުގެ ތަރުޖަމާއެވެ. އެއީ ހަމަހިމޭން ދުޢާތަކެއް ފިޔަވައި ތިމާމެންގެ ޤައުމުގެ މަތިވެރި މުޙުސިނަށް ތިމާމެންގެ އިޙުސާސު ތަރުޖަމާކޮށްދޭނެ އެހެން ވަސީލަތެއް ލިބިފައިނުވާ ޤައުމެއްގެ ހިތުގެ ވިންދުތަކުގެ ތަރުޖަމާއެވެ.
ނިކަމެތިކަމުގެ އެންމެ ފުނަށް ވެއްޓި ނޭފަތުކުރި ފެނުޖެހިފައި ވަނިކޮށް أميـر يـوسف ކޮޅަށް ނަންގަވައިދެއްވައި ހަށިކާހިސާބަށް ގެނެސްދެއްވި ޤައުމުގެ މަތިވެރިކަމާއި އައުދާނަކަމުގެ ދިދަ އެމަނިކުފާނަށްފަހު އަނެއްކާވެސް ހަތަރުސަތޭކަ އަހަރު ވަންދެން ކަރާމަތާއި ޝަރަފުވެރިކަމާއެކު އަންދަލުސުގެ ޖައްވުގައި ވިހުރުވި ވިހުރުވި ހުއްޓެވެ. އެމަނިކުފާނު އެބައެއްގެ ލޯތަކުން ގިލަންވެރިކަމުގެ ލޭކަރުނަ ފޮއްސަވައިދެއްވި މީހުންގެ ތުންފަތްމަތީގައި ހަތަރުސަތޭކަ އަހަރުވަންދެން އުފާފާގަތިކަމުގެ ހިނިތުންވުން ކުޅެލަކުޅެލައި ހުއްޓެވެ. އެމަނިކުފާނު އެ ފިރުޢައުނުތަކެއްގެ ކަނދުރާ ލަންބަވައިލެއްވި ފިރުޢައުނުންތަކަށް ހަތަރުސަތޭކަ އަހަރުވުމުގެ ކުރިޔަކު އިސްއުފުލައިލާކަށެއް ނުކެރުނެވެ.
އެފުރިކާގެ އެމަތިވެރި ފިރިހެނާއަކީ އަނދިރި ރޭގަނޑެއްގެ ދަތުރުވެރިޔެކެވެ. އެމަނިކުފާނުގެ ފައިތިލަފުޅުގެ ނިޝާން ހަތަރުސަތޭކަ އަހަރު ވަންދެން ވަނީ ސުމާރެއްނެތްހައި ގިނަ ޤާފިލާތަކަކަށް މަގުދައްކާ ފަނާރުތަކެއްކަމުގައި ވެފައެވެ. އެއީ ޤައުމެއްގެ ނިކަމެތިކަމާއި އާރެއް ބާރެއްނެތްކަމާއި ނިހާޔަތެއްނެތް ކެކުޅުންތައް ދެކެވޮޑިގެން ޤުދުރަތުގެ ރަޙުމަތްވަންތަކަމުގެ ކޯރުން ނެގި ރަޙުމަތުގެ ރާޅެކެވެ. އެރާޅު ހިމޭންވީ އަންދަލުސު ވެލިގަނޑުމައްޗަށް މިނިވަންކަމުގެ މުތީތައް ވިހުރުވައިލުމަށްފަހުގައެވެ.
* * * * * * * * * *
ހިސާބު ދައްކަންޖެހޭ ދުވަސް އަތުވެއްޖެއެވެ. މިނިކާވަގުތައް ޝިކާރަކޮށްކޮށްތިބި ޝިކާރަބިމުން ފިސާރި ވަރުގަދަ ފިރިހެން ސިންގާއެއްގެ ގުގުރުމުގެ އަޑު އިވޭންފަށައިފިއެވެ. أميـر يـوسف بــن تـاشـفـيـن ފުރައިވަޑައިގެންނެވުމާއެކު أميـر سيـر بــن أبى بـكـر ގެ ވެރިކަމުގެ ދަށުގައި މުރާބިޠީންގެ ލަޝްކަރު ޠޫފާނީ ވައިރޯޅިތަކެއް ފަދައިން ނުހަނު ހަލުވިކަމާއެކު އަންދަލުސުގެ ކަންކޮޅުތަކަށް ފެތުރިގެންފިއެވެ. މުލޫކުއްޠަވާއިފުންގެ ގަދަފަދަ ކިއްލާތައް އެހުވަންރޯޅިތަކުގެ ކުރިމަތީގައި ވެފައިވަނީ އުސްތުނބަށް އަރުވައިފައިހުރި ކުނިފުނިތަކެއް ކަމުގައެވެ. سيـر بــن أبى بـكـر ފަތަޙަކުރައްވާ ކޮންމެ ދައުލަތެއްގައިވެސް އިސްލާމްދީނާ ވަޑިފަތިވާ ހުރިހައި ޤާނޫނުތަކެއް އުވައިލައްވައެވެ. ޝަރީޢަތާ ޚިލާފު ހުރިހައި ވާރުދުރޯތަކެއް ކަނޑުއްވައިލައްވައެވެ. ސަރުކާރުގެ ހިންގުމާބެހޭ ހުރިހާ މަސްއޫލިއްޔަތަކާއި ނިޔާކަނޑައެޅުމާބެހޭ ހުރިހައިކަމެއް ހެޔޮލަފާ ޢަދުލުވެރީންނާ ހަވާލުކުރައްވައެވެ. ނަތީޖާއަކަށްވީ މުލޫކުއްޠަވާއިފުން ބަތާދެއްވައިފައިތިބޭ މީހުން އެބޭފުޅުންގެ ޙިމާޔަތުގައި އެއްކަނޑި އުފުލައިލި ކަމުގައިވާނަމަ އެބޭފުޅުންނާ ދެކޮޅަށް އާއްމު ރައްޔިތުންގެ އެތަކެއްހާސް ކަނޑިތަކެއް އުރައިން ބޭރުވުމެވެ. މުލޫކުއްޠަވާއިފުންނަށް އެތެރެއާއި ބޭރުންވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ހުޅުއަރަމުންދިޔަ އަލިފާނާއެވެ. އިޝްބީލިއްޔާއާ ޖެހުނީ އަލްމަރިއްޔާއާއި މުރުސިއްޔާއާއި އެނޫންވެސް ބައެއް ދައުލަތްތައް ފަތަޙަވުމަށް ފަހުގައެވެ. أميـر يـوسف بــن تـاشـفـيـن މުރާކިޝަށް އެނބުރިވަޑައިގެންފައި أميـر معـتـمـد އަށް ޚަބަރު ފޮނުއްވިއެވެ. މަނިކުފާނު ހަނގުރާމަ ނުކުރައްވައި ޝަރަފުވެރިކަމާއެކު އަޅުގަނޑާ ހަމަޔަށް ވަޑައިގަންނަވާށެވެ. މަނިކުފާނަށް އެންމެ ރަނގަޅުފުޅުވާނީ އެގޮތެވެ. އެކަމަކު معـتـمـد އަކަށް އެދަޢުވަތު ގަބޫލުފުޅެއް ނުކުރެއްވުނެވެ. އޭނާއަށް ދެންވެސް ހިންގެވުނީ އެންމެ ނުހިންގަވާންވީ މަގުންނެވެ. މުސްލިމުންގެ ބަދަލުގައި އެހީތެރީންކަމުގައި ބެއްލެވުނީ ނަޞާރާއިންނެވެ. އަލްފާންސޫ معـتـمـد އަށް އެހީވެވަޑައިގަންނަވަން ވަޢުދުވެވަޑައިގެންނެވުމުން معـتـمـد އަށް ގަބޫލުކުރެއްވުނީ އަލްފާންސޫގެ ބަސްފުޅެވެ. އޭނާ أميـر يـوسف ގެ ދަޢުވަތު ގަބޫލު ނުކުރައްވައި ރައްދުކުރައްވައިފިއެވެ. ނަތީޖާއެއްގެ ގޮތުން أميـر سيـر بــن أبى بـكـر އޭނާގެ ޖަނަރަލެއްކަމުގައިވާ حــرورالحشـمى ފޮނުއްވައިގެން ރިންދާގެ ކިއްލާއާ ޙަމަލަ ދެއްވައިފިއެވެ. حــرورالحشـمى ވަރަށް ފަސޭހައިން ރިންދާ ފަތަޙަކުރައްވައި معـتـمـد ގެ ދަރިކަލުން راضــى ޤަތުލުކުރައްވައިފިއެވެ. ޤުރުޠުބާއަށް ޙަމަލަދެއްވަން ފޮނުއްވީ ޖަނަރަލް إبــن حــاج އެވެ. ޤުރުޠުބާގެ އަހުލުވެރީން މުރާބިޠީންގެ ލަޝްކަރަށް އިންތިޒާރުކުރާތާ އޭރު އެތައްދުވަހެއް ވެއްޖެއެވެ. މުރާބިޠީންގެ ލަޝްކަރު އަންނަ ޚަބަރު ލިބުމާއެކު ޤުރުޠުބާގެ އަހުލުވެރީން ބަޣާވަތްކޮށްފިއެވެ. އެރަށް ދިފާޢު ކުރެއްވުމާ ހަވާލުވެވަޑައިގެން ހުންނެވި فـتــح بــن معـتـمـد ޤަތުލުކުރުމަށްފަހު މުރާބިޠީންގެ ލަޝްކަރުގެ ކުރިމަތީގައި ރަށުގެ ދޮރޯށިތައް ހުޅުވައިލައިފިއެވެ.
އިޝްބީލިއްޔާއަށް ވަޑައިގެންނެވީ أميـر سيـر بــن أبى بـكـر އަމިއްލަފުޅަށެވެ. ވަޑައިގެންނެވި މަގުމަތީގައި ޤަރުމޫނާ ފަތަޙަކުރެއްވިއެވެ. سيـر އިޝްބީލިއްޔާ ޙިޞާރު ކުރައްވައިގެން ހުންނަވަނިކޮށް ޚަބަރު ލިބިވަޑައިގެންނެވީ އަލްފާންސޫ أميـر معـتـمـد އަށް އެހީވެވަޑައިގަންނަވަން ޠުލައިޠުލާއިން ސޯޅަހާސް ސިފައިންގެ ލަޝްކަރަކައިގެން ވަޑައިގަންނަވާ ޚަބަރެވެ. أميـر سيـر އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން أبــو إسحــاق المطـلــونـى އަށް ހަތްހާސް ސިފައިންގެ ލަޝްކަރެއް ދެއްވައިފައި އަލްފާންސޫއާ ދިމާޔަށް ފޮނުއްވިއެވެ.
المطـلــونـى ންނަކީ އެފުރިކާގެ ހަނގުރާމަވެރި ޤަބީލާއެކެވެ. المطـلــونـى ވަޑައިގެން ޙިޞްނުލްމަދޫރުގެ ކައިރީން އަލްފާންސޫއާ ބައްދަލުކުރައްވައި ނުހަނު ލަދުގަންނާން ޖެހިވަޑައިގަންނަވާގޮތަށް އަލްފާންސޫ ބަލިކޮށްލައްވައިފިއެވެ. އެހައިތަނުން އަލްފާންސޫގެ ކިބައިގައި އެހައިތަނަށް ބާކީހުރި ހަކަތަކޮޅުވެސް ނެތިއްޖެއެވެ. އޭނާގެ އުންމީދުތައް ފެނަށް ވެއްޖެއެވެ. أميـر سيـر بــن أبى بـكـر އިޝްބީލިއްޔާގެ ރައްޔިތުންގެ އެހީގައި ރަށުގެ ބޭރުފާރުގެ ބައެއް ތަޅުއްވައިލައްވައިފައި ރަށުތެރެޔަށް ވެދެވަޑައިގެންފިއެވެ. އެއަށްފަހު معـتـمـد ގެ ގަނޑުވަރަށް ސީދާ ޙަމަލަ އަމާޒުކުރައްވައިފިއެވެ. މުރާބިޠީނުން ސިޑިތަކުގެ އެހީގައި ފާރުމައްޗަށް އަރައިގަތެވެ. ގަނޑުވަރު ޙިމާޔަތްކުރައްވަން ހަވާލުވެވަޑައިގެން ހުންނެވީ معـتـمـد ގެ ދަރިކަލުން مــالك އެވެ. އޭނާ ޤަތުލުވުމުން معـتـمـد ވަރަށް ސާބިތުކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. ނަމަވެސް މާޔޫސްކަމުގެ ބަނަ ވިލާތައް ހަތަރު އުދަރެސް ބައްދައިލުމުން އޭނާ މަޖުބޫރުވެވަޑައިގެން ހަތިޔާރު ބަހައްޓަވައިފިއެވެ.
أميـر سيـر بــن أبى بـكـر، أميـر معـتـمـد އާއި މަލަކާ ރަމީކިއްޔާއާއި ޝެހެޒާދާ رشـيــد އާއި ދެންވެސް ތިއްބެވި ޝާހީ ޢާއިލާގެ މެމްބަރުން ހައްޔަރުކުރައްވައިފައި ފޮނުއްވީ އެފުރިކާގެ ޠަންޖާއަށެވެ. ޤައިދީން ޠަންޖާއަށް ފޮނުވަން ނަވަށް އެރުވީ ބަރަހަނާ ކަނޑިތަކުގެ ފާރަވެރިކަމުގައެވެ. ނައު ދަތުރުކުރަން ހަމަޖެހިފައިއޮތީ ވާދިލްކަބީރުގެ ތެރެއިން މެދުތެރޭ ކަނޑަށް ނުކުމެގެންނެވެ. އިޝްބީލިއްޔާގެ އެތައްހާސް ބަޔަކު އެ ޢިބުރަތްތެރި މަންޒަރު ބަލަން އެއްވެފައި ތިއްބެވެ.
ޤައިދީން ނަވަށް އަރުވައި ނިމުމުން އަންދަލުސުގެ އައު ސަރުކާރުގެ ފަރާތުން އެނަވަށް ރަވާނާދެއްވަން ވަޑައިގެންނެވީ سعد بــن عبــدالمنـعـــم އެވެ. އޭނާ ނަވަށް އަރައިވަޑައިގެންނެވުމާއެކު މުރާބިޠީންގެ ކަނޑުގެ އަރުމާދުގެ ކެޕްޓަނާއި ފަޅުވެރީން ކުރުނީހުގެ ސަލާމްކޮށް އަދަބު އަދާކުރިއެވެ. سعد ކެޕްޓަނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "أميــر އަންގަވަނީ ދަތުރުމަތީގައި ޤައިދީންނަށް އެއްވެސްކަމެއް ހައިވިޔަ ނުދެއްވަން. އެއްވެސްކަހަލަ ތުރާލެއް ލިބުނަ ނުދެއްވަން. ކަލާ ޠަންޖާއަށް ވަޑައިނުގެންނެވެނީސް އެއްވެސް ތަނެއްގައި ބަނދަރު ނުކުރައްވާތި!"
އޭރު ޤައިދީން ތިއްބެވީ ނަވުގެ ތައްޓުމަތީގައި އަނެއްފަރާތުގައި އެމަންޒަރު ބަލަހައްޓަވައިގެންނެވެ. ރަމީކިއްޔާއަށް سعد ފެނިވަޑައިގެންނެވުމާއެކު معـتـمـد ގެ އަރިހުގައި ވިދާޅުވިއެވެ. "މަނިކުފާނަށް އޭނާ އެނގިވަޑައިގެންފިތޯ؟ އެއީ މިދުވަސް އަތުވެދާނެކަމަށް އަޅުގަނޑުމެންގެ ދަރުބާރުގައި ނިމުތު ދިންމީހާ."
أميــر معـتـمـد ގެ ކަނދުރާފުޅުވަނީ ހިތާމަފުޅާއި މޮޅިފުޅުގެ ސަބަބުން ލެނބިފައެވެ. އޭނާ އިސްއުފުއްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެން އޭނާއެއް ނުދަންނަން. މިއަދު މޫނުބަލާ ލޯގަނޑަކުން އަހަންނަށް އަހަރެންގެ ސޫރަ ފެނުނުކަމުގައިވިޔަސް އެނގޭނެކަމެއް ނޭނގެ."
ރަމީކިއްޔާ ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ދަރުބާރުގައި ބާޣީ ތަޤުރީރެއް ކޮށްފައި ފިލައިގެންދިޔަ ޒުވާނާ!"
معـتـمـد އަނެއްކާވެސް سعد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެވަގުތު އޭނާގެ ކަންފަތްޕުޅުގައި ގުގުމާންފެށީ އިޝްބީލިއްޔާ ޅެންވެރީންގެ ޙަފުލާގައި سعد ދެއްކެވި ބައެއް ވާހަކަފުޅުތަކެވެ. އެވާހަކަފުޅުތަކަކީ ވޭތުވެދިޔަ ދިގުމުއްދަތުގައި އޭނާ ހަނދުމަފުޅު ނައްތައިލައްވަން މަސައްކަތްކުރެއްވިއިރުވެސް ބައެއް ރޭރޭ އޭނާގެ ލޯފުޅުން އަވަހާރަފުޅުގެ އަސަރު ފިލުވައިލި ޢިބާރާތްތަކެވެ.
سعد بــن عبــدالمنـعـــم ނަވުގެ ކެޕްޓަނާއެކު ޤައިދީންގެ ކޮޓަރިތައް ބައްލަވައިލެއްވުމަށްފަހު ނަވުން ފައިބައިވަޑައިގަންނަވަން ވަޑައިގެންނެވި أميــر معـتـمـد ގެ އަރިހުން ލައްވައިފައެވެ. سعد ސިކުންތުކޮޅެއްހައި އިރަށް މަޑުކޮށްލެއްވިއެވެ. އެކަމަކު އޭނާ ބަސްފުޅެއް ވިދާޅެއްނުވެއެވެ. އޭނާ ބާރަށް ހިންގަވައިފައި ވަޑައިގެން ނަވަށް ފައިބައިވަޑައިގެންފިއެވެ.
سعد ނަވުން ފައިބައިވަޑައިގެންނެވުމާއެކު ނަވުގެ ރިޔާތައް ފޮޅުވައިލައިފިއެވެ. އައްސޭރީގައި އެއްވެފައިތިބި ބައެއް މީހުން އުފާވެރިކަމުގެ ނަޢުރާ ކުރިއެވެ. ނަމަވެސް އޭގެތެރޭގައި ދުނިޔޭގެ ސާބިތުކަމެއް ނެތްކަމާމެދު އެބައެއްގެ ލޯތަކުން ހިތާމައިގެ ކަރުނަ ފާއްދައިލި މީހުންވެސް ތިއްބެވެ. އިޝްބީލިއްޔާގެ މުސްކުޅި ޝާޢިރެއް ކަރުނައިން ދެލޯ ފުރައިލައިފައި ބުނަމުން ގެންދިޔައެވެ. "معـتـمـد ދީލަތިފުޅެވެ! ހިތްވަރުފުޅު ގަދައެވެ! ވިސްނުންފުޅު ތޫނެވެ! ހޭލުންތެރިޔެވެ! އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އާވާރާ މިޒާޖުގެ އަންހެނެއްގެ އެކުވެރިކަން އޭނާ ނިކަމެތިކަމުގެ އެންމެފުން ވަޅުގަނޑަކާ ހަމައަށް ގެންގޮސްފިއެވެ.—"
މަލަކާ ރަމީކިއްޔާ ހުންނެވީ ނަވުގެ ތައްޓުމަތީގައި އެއްދިމާއެއްގައި ހުއްޓިވަޑައިގެންނެވެ. އޭނާ ހުންނެވީ އެބޭފުޅުންގެ ރީތި، ބޮޑުސިންގާ ފައްކާ ގަނޑުވަރާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. ގަނޑުވަރާއި އޭނާއާ ދެމެދު ކަރުނައިގެ ފަރުދާއެއް ހުރަސްވާން ފަށައިފިއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން އޭނާގެ ފިރިކަލުންގެ އަރިހުގައި ވިދާޅުވިއެވެ. "ދެނެއް އަޅުގަނޑުމެންނަކަށް މިތަނަކަށް ނާދެވޭނެތޯ؟ އެ ވަޙުޝީން އަޅުގަނޑުމެންގެ ކުރިމަތީގައި އިޝްބީލިއްޔާގެ ދޮރޯށި އަބަދަށްޓަކައި ބަންދުކޮށްލީތޯ؟ އެ އުފާވެރި މަހެފިލުތައް އަބަދުގެ އަބަދަށްޓަކައި ވީރާނާކޮށްލެވުނީތޯ؟"
أميــر معـتـمـد ވިދާޅުވިއެވެ. "މަލަކާ! މިހާރަކު ތިޔަ ވާހަކަފުޅުތަކުގެ އެއްވެސް ފައިދާއެއްނެތް. ތެޔޮ ހުސްވެގެން ނިވެމުންދާ ބައްތިއެއް ކަރުނަޔަކުން ނުދިއްލޭނެ!"
ނައު ދަތުރުކުރަމުން ދިޔައިރު ކޯރުގެ އައްސޭރީގެ އެއްދިމާއެއްގައި އަންހެނުންތަކެއް އެބައިމީހުންގެ ފައިން މަށި ހިމުންކުރާން ތިއްބެވެ. "މިދިމާޔަށް ބައްލަވަ ބައްލަވާ!" ރަމީކިއްޔާ ގިސްލައްވަމުން ވިދާޅުވިއެވެ. "މަނިކުފާނު އެދުވަސް ހަނދުމަފުޅު އެބަހުރިތޯ؟ އަޅުގަނޑު މަށި ހިމުންކުރާން އެދުމުން މަނިކުފާނު މާވަހަރާއި ކާފޫރާއި ހުވަނދުގެ ފުނިވަރެއް އެއްކޮށްދެއްވީމެއް ނޫންތޯ؟"
معـتـمـد ވޭނީ އަޑުފުޅަކުން ވިދާޅުވިއެވެ. "ރަމީކިއްޔާ! ކަލާކޮށްޓަކައި ލޯފުޅު މަރުއްވައިލައްވާ. މާޒީ ހަނދާން ނައްތައިލައްވާ!"
"ނޫން! ނޫން! އަޅުގަނޑަށް އެ މާޒީ ހަނދާން ނައްތައިލެވޭނީ ކިހިނަކުންތޯ؟" ރަމީކިއްޔާގެ ދެލޯފުޅުން ހޯސްލައިފައި ކަރުނަފޮދު އޮހިގެންފިއެވެ.
أميــر معـتـمـد ޠަންޖާއިން ގެންދެވުނީ މިކުނާސާއަށެވެ. އެރަށުން އަޣުމާތަށެވެ. أميــر معـتـمـد އަވަހާރަވީ އެރަށުގައެވެ. އަރުވާލެއްވިފައި ހުންނެވި ދުވަސްވަރު معـتـمـد ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި މުސީބާތްތަކާއި ހިތާމަފުޅާއި މޮޅިވެރިކަމުގެ ވާހަކަ އޭނާގެ ޅެންތަކުން ރީތިކޮށް ހާމަވާން ހުރެއެވެ. ބޮޑުސިންގާ މުއްސަނދި، ރަސްކަމެއްގެ އާމްދަނީގެ ބޮޑުބައި އެބޭފުޅެއްގެ ޢައްޔާޝީ ކަންކަމަށް ތަޅައި ދުމަށް އަރުއްވަމުން ގެންދެވި ރަމީކިއްޔާ ދިރިއުޅުއްވީ އިންތިހާދަރަޖައިގެ ފަގީރުފުޅު ކަމުގައެވެ. معـتـمـد އަށްފަހު މަޢީޝީގޮތުން ޔަތީމުވި އަންދަލުސުގެ ޝާޢިރުންވެސް معـتـمـد ދިރިއުޅުއްވި ވޭންހުރި ހިތާމަވެރި ދިރިއުޅުއްވުމުގެ ވާހަކަ މީހުންގެ ހިތްތައް ތޮރުފައިލާފަދަ ޢިބާރާތްތަކުންވަނީ ސިފަކޮށްފައެވެ. އެކަމަކު أميــر معـتـمـد ގެ ޅެންތަކާއި އަންދަލުސުގެ މިދެންނެވި ޝާޢިރުންގެ ޅެންތައް މުޠާލިޢާ ކުރާއިރު ވިސްނައިލަންޖެހެއެވެ. أميــر معـتـمـد ވަނީ އޭނާއަށް أميــر يـوسف ދެއްވި އެންމެފަހު ފުރުސަތުވެސް ނަންގަވައިލައްވައިފައެވެ. معـتـمـد ގެ ހާލުކޮޅާމެދު ކަރުނަ އޮހޮރުވި ޝާޢިރުންނަށް ފަށުވި ފޮއްޗާއި އަޠުލަސް ފޮތީގެ ޤުބާތައް ހޯއްދަވައިދެއްވުމަށްޓަކައި أميــر معـتـمـد އާއި ދެންވެސް ތިއްބެވި މުލޫކުއްޠަވާއިފުން އާއްމުންގެ ލޭ ދަންމަވައިފައިވަނީ ކުޑަވެސް ހިތެއް ފިތެއް ނެތިއެވެ. أميــر معـتـمـد އަކީ ހަމައެކަނި ކުޅިވަރާއި މަޖަލާއި އިސްރާފަށްޓަކައި ދިރިއުޅޭން ބޭނުންވި ބައެއްގެ މުރައްބީއެވެ. ބެލެނިވެރިޔާއެވެ. ބަލަދުވެރިޔާއެވެ. އެފަދަ މީހުން أميــر يـوسف ގެ ހަރުކަށިފުޅުކަމަށް މަލާމަތްކޮށްއުޅުނު ކަމުގައިވިޔަސް އަޅުގަނޑުމެން އަޖާއިބުވާކަށެއް ނުޖެހެއެވެ.
أميــر يـوسف ގެ ވެރިކަމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުގެ ތަރާދުން ކިރައި ވަޒަންކުރި ވެރިކަމެކެވެ. އެ ވެރިކަމުގައި މީހުނާމެދު މުޢާމަލާ ކުރެވުނީ އެމީހެއްގެ މިޒާޖަށް ބަލައިގެނެއް ނޫނެވެ. އެމީހެއްގެ ޚިދުމަތާއި ޝަޚުޞިއްޔަތު ވަޒަންކޮށްގެންނެވެ. ޝައްކެއްނެތެވެ. أميــر معـتـمـد އާއި މަލަކާ ރަމީކިއްޔާއާ ދެކަނބަލުން އަރުވައިލެވިފައި ތިއްބެވި ދުވަސްވަރަކީ އަތްޕުޅުމަތިދަތި ހިތާމަވެރި ދުވަސްތަކެކެވެ. އެކަމަކު ހަނދާންކުރާންޖެހެނީ އެބޭފުޅުން އަމިއްލަފުޅަށް ޚިޔާރުކުރައްވައިގެން ހިންގަވަމުން ވަޑައިގެންނެވި މަގު ނިމޭނީ އެހިސާބަށްކަމެވެ.
أميــر يـوسف بــن تـاشـفـيـن ގެ ފަތަޙަޔަކީ އުސޫލަކަށް ލިބުނު ފަތަޙައެކެވެ. أميــر معـتـمـد އާއި ދެންވެސް ތިއްބެވި މުލޫކުއްޠަވާއިފުންގެ ވެއްޓުމަކީ ޙަޔާތަކީ މޮޔައެއްގެ ހުވަފެނެއްކަމުގައި ބައްލަވައިގެން ދިރިއުޅުއްވި ބޭފުޅުންތަކެއްގެ ނިމިވަޑައިގަތުން އައިގޮތެވެ.
* * * * * * * * * *
سعد އާއި أحمد އާ ދެބެއިން ޢިޝާނަމާދަށްފަހު ތިއްބެވީ ރަށްބޭރުގައިހުރި ޢަސްކަރީ މަރުކަޒުގެ ފޭލިގެއެއްގައެވެ. ސިފައިންގެ މީހެއް ފޭލިގޭގެ ދޮރުގެ ފަރުދާ ހިއްލައި އެތެރެ ބަލައިލައިފައި ދެންނެވިއެވެ. "ޣަރުނާޠާގެ މީހެއް ބައްދަލުވާންއައިސް އެބަހުރި."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު