އާ ފީޗާތަކަކާއެކު ބީއެމްއެލްގެ އާ މޯބައިލް އެޕްލިކޭޝަން މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ، މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި ކުރިން އެ ބޭންކުގެ އެޕްލިކޭޝަން ޑައުންލޯޑު ކޮށްފައިވާ ކަސްޓަމަރުންނަށް އެޕް، އަޕްޑޭޓު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިފަހަރުގެ އާ އެޕްލިކޭޝަނުގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި ކުއިކް ޕޭ ހިމެނެ އެވެ. މިި ހިދުމަތަކީ ވަގުތުން ފައިސާޓްރާންސްފާ ކުރަން ބޭނުންވާ ވަގުތުތަކުގައި ކޮންޓެކްޓުންގެ ތެރޭގައި އެއަކުންޓު ސޭވް ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ހިދުމަތެކެވެ.

މި އެޕްލިކޭޝަނުގައި އިންޓަފޭސް ވެސް ބަދަލު ކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި އެޕް މެދުވެރިކޮށް ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ފަހުން ނެގޭގޮތަށް ހަމަޖެހިފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ވެރިފަރާތް ޔަގީން ކުރެވޭގޮތަށްވަނީ ހިމަނައިފައެވެ. އަދި ޕާސަނަލް އެކައުންޓާއި ޖޮއިންޓު އަދި ވިޔަފާރި އެކައުންޓު ވެސް މި އެޕު މެދުވެރިކޮށް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލް އިން ފޯރުކޯށްދޭ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ކާޑު މެނޭޖު ކުރުމުގެ އިތުރުން މައުލޫމާތު އަޕްޑޭޓު ކުރުމާއި ބޭންކަށް މެސެޖު ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން ފަދަ ފީޗާތައް ވެސް މި އެޕްލިކޭޝަނުގައި ހިމަނާފައިވެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެފައި ވަނީ މި އެޕަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް، ބީއެމްއެލް އިން ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލުކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުރިމަގުގައި މި އެޕަށް އިތުރު ފީޗާތައް އިތުރު ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓާއި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާތައް ތައާރަފު ކުރާނެ ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ މިހާތަނަށް 90 ޕަސެންޓު ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް 73 މިލިއަނަށްވުރެ ގިނަ މުއާމަލާތް ޑިޖިޓަލް ޗެނަލްތަކުން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.