ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފޯރިގަދަ ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ވަރުގަދަ މެޗުތަކެއްގެ ތެރެއިން އާ ތަރިންތަކެއް އަންނަނީ އުފަން ވަމުންނެވެ. އެއީ ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކަށް އާ ކަމެއް ވެސް ނޫނެވެ. ޔޫރަޕްގެ ޒުވާން ޖީލަށް ފެންވަރު ދައްކާލަން އެންމެ އެކަށޭނެ ޕްލެޓްފޯމަކީ ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކެވެ. ހުނަރުވެރި ޒުވާންތަރިން އެކަމަށް ފަހެއްވެސް ނުޖެހޭ ނެއެވެ.
ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުންވެސް އެކަން ސާފު ވެއްޖެއެވެ. އަނެއްކާވެސް ދެ ތަރިއެއްގެ ހުނަރުން މީސް މީޑިއާ އާއި، ވަރުގަދަ ގިނަ މީޑިއާތައް ކައްކުވާލައިފިއެވެ. ކްލަބުތަކުގެ ފޯކަސް އެ ކުޅުންތެރިންނަށް ހުއްޓުވާލައިފިއެވެ. ސްކޮޓްލޭންޑްގެ ބިލީ ގިލްމޯ އާއި ސްވިޑެންގެ އެލެކްސެންޑްރާ އިސާކަށް ހާއްސަ ނަޒަރެއް ހުއްޓިއްޖެއެވެ.
ސްވިޑެން އާއި ސްލޮވާކިއާ ވާދަކުރި މެޗުގެ ތަރި އިސާކް ގެ އުމުރުން 21 އަހަރެވެ. އޭނާ ޔޫރޯއަށް ދިޔައީ ފެންވަރު ދައްކާނެކަން ލަ ލީގާގައި ސާބިތު ކޮށްދީފައެވެ. ސްވިޑެންގެ އޭއައިއައިކޭ އިން ޒުވާން އުމުރު ފެށި އިސާކްގެ ހުނަރުވެރިކަން ކުރި އަރައިގެން ދިޔައީ ޖަރުމަނުގެ ސިސްޓަމް ތެރެއިންނެވެ. އޭނާގެ ކުރިއެރުމުގެ ބޮޑު ދައުރެއް ޑޯޓްމަންޑުން ކުޅެފައިވެ އެވެ. އެހެންނަމަވެސް އިސާކްގެ ނަން މީޑިއާތަކަށް އައީ މިދިޔަ ސީޒަންގެ ކާމިޔާބާ އެކުގައެވެ.
މިދިޔަ ސީޒަންގައި ކްލަބަށް ކުޅުނު 44 މެޗުން އިސާކް ވަނީ 17 ގޯލް ޖަހައިދީފައެވެ. ހަލުވި ދުވެއްޔާއެކު ޔޫރޯގައިވެސް އޭނާ އަންނަނީ ފޯމް ދަމަހައްޓަމުންނެވެ. ފުރަތަމަ މެޗުގައި ސްޕެއިންގެ ޑިފެންސަށްވެސް ބޮޑު ނުރައްކަލަކަށް ވި އިސާކަކީ ރޭ ސްވިޑެން ހޯދި މޮޅުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރި ހުނަރުވެރިޔާ ކަމަށް ކޯޗު ޖޭން އެންޑަސަންވެސް ވަނީ ބުނެފައެވެ.
"އިސާކްއަކީ ޒުވާން ހުނަރުވެރި ކުޅުންތެރިއެއް، އަދި އިތުރަށް ކުރިއެރުމުގެ ޖާގަވެސް އޮތް ކުޅުންތެރިއެއް." އެންޑަސަން އިސާކްއަށް އޮތް ޕްރެޝަރު ކުޑަކުރުމާއެކު ތައުރީފު ކުރިއެވެ.
ސޮސިއެދާދުގެ ސީޒަނާ އެކުވެސް އިސާކަށް ބޮޑެތި ގިނަ ކްލަބުތަކުން ދިޔައީ ލޯ އަޅަމުންނެވެ. ގެރީ ލިނެކާގެ ނަޒަރުގައިވެސް އެކަން އޮތީ އެހެނެވެ. ބޮޑު ކޮންމެވެސް ކްލަބަކަށް މިފަހަރު އިސާކް ދެމިގަންނާނެ ކަމަށް އޭނާ ވެސް ގަބޫލު ކުރެއެވެ.
ދެން އޮތީ އިންގްލެންޑް ހިފެހެއްޓުމުގައި ސްކޮޓްލޭންޑްގެ "ކާންޓޭ" ދައުރު އަދާކުރި ބިލީ ގިލްމޯގެ ވާހަކައެވެ.
"އަހަންނަށް މެޗުގެ ފުރަތަމަ 11 އިން ޖާގަ ލިބޭކަން އެނގުނީ ބަހަށް އެރުމުގެ ކުރިން ބޭއްވި މީޓިންގައި. އެވަގުތު ފުރަތަމަވެސް މަންމައާއި ބައްޕަށް ވަގުތުން މެސެޖުކޮށްފަ އެވާހަކަ ބުނިން. އެއީ އަހަންނަށް ކުރެވުނު އިހުސާސް ނޭނގި އުފަލުން ކުރެވުނު މެސެޖެއް. އަދި މެޗުގައި މޮޅަށް ކުޅެވުމަކީ އެއަށްވުރެ ބޮޑު ހިތްހަމަ ޖެހުމެއް. ޓީމުގެ ކުޅުން ފާހަގަކުރަން ޖެހޭނީ އެކުގައި. ކްރޮއޭޝިއާ މެޗަށް ލިބުނު ހިތްވަރަކީ މި މެޗުން ލިބުނު އެންމެ ބޮޑު އުފާ،" މަޑުމައިތިރި ގޮތަކަށް އިނދެ ރޭގެ މެޗަށްފަހު ޕްރެސްއަށް ގިލްމޯ ބުނެފައިވެއެވެ.
ގިލްމޯގެ ހައިރާން ކުރުވަނިވި ކުޅުމަށް މީސްމީޑިއާގައި ވަނީ ތައުރީފު ބަންޑުން ކޮށްލާފައެވެ. މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭގެ ނަޒަރުގައި ގިލްމޯއަކީ އޭނާގެ އައިޑަލްއެވެ.
ކަންޓޭއާއެކު ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން އެންމެ 20 އަހަރުގެ ގިލްމޯގެ ސްޓައިލަކީ ހަމަ ސީދާ ކާންޓޭގެ ސްޓައިލެވެ. ޗެލްސީގެ ބޭނުމަކީވެސް ގިލްމޯ ކާންޓޭ ކްލަބުގައި ނުހުންނާނެ ދުވަހަކަށް ތައްޔާރުކުރުން ކަމަށްވެސް ބެލެވެއެވެ. މާ ގިނަ ފުރުސަތުތަކެއް ގިލްމޯއަށް އަދި ނުލިބުނު ނަމަވެސް ފުރުސަތު ލިބުނު ކޮންމެ ފަހަރަކުވެސް ގިލްމޯ ވަނީ ޗެލްސީގައި ތަފާތު ދައްކާފައެވެ.
މިހާތަނަށް ޗެލްސީ ސީނިއާ ޓީމަށް ގިލްމޯ ކުޅެފައި ވަނީ 22 މެޗެވެ. ރޭންޖާސްގެ ޔޫތު ސިސްޓަމުން އައިސް، އެ ޓީމަށް ސީނިއާ މެޗެއް ނުކުޅެ ގިލްމޯ އުމުރުން 16 އަހަރުގައި ޗެލްސީއަށް ބަދަލުވި އެވެ. މިދިޔަ ސީޒަންގެ ކުރީކޮޅުގައި ޗެލްސީ ކޯޗުކަމުގައި ހުރި ލެޖެންޑަރީ މިޑްފީލްޑަރު ފްރޭންކް ލެމްޕާޑުވެސް ވަނީ ގިލްމޯއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ދެ ކުޅުންތެރިީންގެ ޓީމު ކޮންމެ ހިސާބަކުން މުބާރާތުން ކަޓަން ޖެހުނު ނަމަވެސް، އެންމެ މެޗަކުންވެސް އެ ދެކުޅުންތެރީންގެ ހުނަރު ދުނިޔެއަށް ތައާރަފު ވެއްޖެއެވެ. ޔަގީނުންވެސް މި ދެތަރީންނަކީ އުންމީދާ އެއްވަރަށް ޔޫރޯގައި ކުޅުނު ދެތަރިންނަށް ވާނެއެވެ. ކުރިމަގު އުޖާލާވާނެ ހުނަރާއި ސިފަތައް ދެކުޅުންތެރިންގެ ގައިގައިވެސް އެބަހުއްޓެވެ.