ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ އަނިޔާ ކުރި ކަމަށް ބުނެ ، ފުލުހުންނަށް ބަޔާންދިނީ ޖަޒުބާތުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ސިޓީއެއް ފޮނުވައިފި އެވެ.
އަސްރާ މިފަދަ ސިޓީއެއް ފޮނުވާފައިވާއިރު، އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
މިކަމާ ގުޅިގެން ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ އީސަގެ މައްސަލައާ ގުޅިގެން އަމިއްލަ ފަރާތެއްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
"މެމްބަރު އަހްމަދު އީސާގެ މައްސަލައާ ގުޅިގެން އަމިއްލަ ފަރާތެއްގެ ސިޓީއެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެނެވެން ނެތް،" ޝަފީއު ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާންދިނީ ޖަޒުބާތުގައި ކަމަށް ވާތީ، އީސަ އަށް ޝަރީއަތުން ހުކުމެއް އިއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް އަސްރާގެ ސިޓީގައިވެ އެވެ.
ޕީޖީއަށް ފޮނުވި ސިޓީގައިވާ ގޮތުގައި އީސަގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި އެވެ.
އަސްރާގެ ސިޓީގައި ފާހަގަކޮށްފައިވާގޮތުގައި ފުރަތަމަ ފުލުސް އޮފީހަށް ދީފައި ވަނީ ތެދު ބަޔާނެއް ނޫނެވެ. އަދި ފަހުން ފުލުސް އޮފީހަށް ދިން ބަޔާނުގައި ކަން ވީ ގޮތް ކިޔައިދީފައިވާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އީސަގެ މައްސަލާގައި އިސްކުރަން ބޭނުންވަނީ ދަރިފުޅުގެ މަސްލަހަތު ކަމަށް ވެސް އަސްރާގެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
އަސްރާގެ ރާގު މިހާރު ބަދަލުވިޔަސް، އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވުމަށްފަހު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި އޭނާ ވިދާޅުވީ ދަރިފުޅާ ދެ މީހުންނަށް އުނދަގޫ އިހްސާސްތަކެއް ކުރިމަތިވެއްޖެ ކަމަށެވެ. އަދި އެއީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރި ތަޖުރިބާއެއް ނޫން ކަމަށް ވެސް އަސްރާ ކުރިން ވިދާޅުވެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އީސަ ކުރިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ. އަދި ފުލުހުންނާމެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަސްރާ މައްސަލަ ކުރިއަށް ނުގެންދަން ބޭނުންވިޔަސް މައްސަލަ ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް