އެކި އުކުޅުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން މިއަހަރުގެ މިހާތަނަށް 3.9 މިލިޔަން ރުފިޔާ އެކަން ކުރާ ފަރާތްތަކުން އަތުލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ، އެ ފައިސާ އަކީ މަކަރާއި ހީލަތުން ފައިސާ އަތުލައިގެން މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަކާގުޅިގެން ބެލި ބެލުމުން ހާމަވާންހުރި އަދަދު ކަމަށެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނާހިދު ވިދާޅުވީ، އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމަށެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 3.9 މިލިޔަން ރުފިޔާ އަތުލާފައިވާއިރު، ހުސްވި 2020 ވަނަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެގޮތަށް އެކި މީހުންގެ އަތުން އަތުލާފައިވާކަމަށެވެ.
ހުސްވި 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވުނު ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް އެކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާންމުގޮތެއްގައި ޖަލުން ކުރާ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށާއި، މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ އަނބުރާ ފައިސާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަމަށް ނާހިދު ފާހަގަކުރެއްވި އެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައިވެސް އިތުރުވަމުންދާކަމުގައި ފާހަގަކުރެއްވި އެވެ.
އެކަމުގައި ހަރަކާތްތެރިވަމުންދަނީ ޖަލުން މިނިވަން ވެފައިވާ މީހުންކަމުގައިވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާއި އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް