ވަރުގަދަ އުރުގުއޭގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާއިން ކޮޕާ އެމެރިކާގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
އާޖެންޓީނާއިން ރޭ ކުޅުނު މެޗުގައި އުރުގުއޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް އާޖެންޓީނާއަށް ޖަހައިދިނީ ގުއިޑޯ ރޮޑްރިގޭޒްއެވެ. އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެޕްޓަން ލިއޮނަލް މެސީއެވެ.
ރޭގެ މެޗަކީ އާޖެންޓީނާގެ މިޑްފީލްޑަރު ގުއިޑޯއަށް 2019 ވަނަ އަހަރަށްފަހު ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ. ރެއާލް ބެޓިސްއަށް ކުޅެމުން އަންނަ ގުއިޑޯއަށް މެޗުގައި ފުރުސަތު ދިނުން ވީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށްވެސް މެއެވެ. އެހެންނަމަވެސް މެސީއާއެކު ރަނގަޅު ޕާޓްނާޝިޕެއްގައި އޭނާ މެޗުގައި ކުޅެފައިވެއެވެ.
ރޭގެ މެޗަށް އުރުގުއޭއިން ނުކުތީ ސަސްޕެންޝަންގައި ދެ މެޗު ގެއްލުނު އެޑިސަން ކަވާނީގެ އެނބުރި އައުމާ އެކުގައެވެ. އުރުގުއޭ އަށް މެޗުގައި އެންމެ ރަނގަޅަށް ކުޅުނީވެސް ކަވާނީއެވެ. ހާއްސަކޮށް މެޗުގެ 26 ވަނަ މިނެޓުގައި ކަވާނީގެ ނުރައްކާ ފެނުނެވެ. އޭރިއާ ތެރެއިން އޭނާ ވައްޓާލުމާއެކު އުރުގުއޭއިން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް ޝަކުވާ ކުރިއެވެ.
އުރުގުއޭގެ މައްޗަށް ކޮންޓްރޯލް ހޯދުމުގައި މެސީގެ ދައުރު ބޮޑެވެ. ހާއްސަކޮށް ފައިނަލް ތާޑުގައި މެސީ ވަނީ ގިނަ ޕާސްތަކެއް ޖަހައި، ރަނގަޅު ޑްރިބަލްތަކެއްވެސް ކޮށްފައެވެ. މެސީ ހިފެހެއްޓުމަށް އުރުގުއޭގެ ދޭއް ނޫނީ ތިން ޑިފެންޑަރުން ގިނަ ފަހަރަށް ގާތް ކުރަން ޖެހެއެވެ.
މޮޅާއެކު އާޖެންޓީނާއިން ވަނީ ބަލި ނުވެ 15 މެޗުގެ ސިލްސިލާއެއް ދަމަހައްޓާފައެވެ. އެންމެފަހުން އާޖެންޓީނާ ބަލިވެފައި ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ސެމީ ފައިނަލްގައެވެ. ގްރޫޕްގެ އެއްވަނަ މަގާމަށް އާޖެންޓީނާ ޖެހިލާފައިވަނީ ޗިލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެޓީމަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ.
މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވާދަކުރާއިރު ގްރޫޕް ސްޓޭޖު ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް ކުއާޓާއަށް ދާނީ ހަތަރު ޓީމެވެ. އާޖެންޓީނާއެކު އެ ގްރޫޕްގައި ހިމެނެނީ ޗިލީއާއި ޕެރަގުއޭ، ބޮލީވިއާގެ އިތުރުން އުރުގުއޭއެވެ.