އިންޑިއާގެ ލެޖެންޑަރީ ދުވުންތެރިޔާ، މިލްކާ ސިންހް، "ފްލައިން ޝިކް" އުމުރުން 91 އަހަރުގައި މަރުވެއްޖެއެވެ.

ކޮވިޑް 19 ޖެހި ބަލިހާލު ގޯސްވެ މިލްކާ އެޑްމިންޓް ކޮށްގެން ފަރުވާ ދޭން ޖެހިފައި ވަނީ ނޭވާލުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެގެންނެވެ. މަރުވިއިރު ކޮވިޑްގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކި ނަމަވެސް އޭނާ މަރުވެފައި ވަނީ ކޮވިޑްގެ އުނދަގޫތަކުގައެވެ. މީގެ ފަސް ދުވަސްކުރި މިލްކާގެ ލޯބިވާ އަންހެނުން ނިރްމަލްވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

ކޮވިޑްގައި އެޑްމިންޓް ކޮށްފައި ބޭއްވުމަށްފަހު ބަލިން ރަނގަޅުވެ ގެއަށް ފޮނުވާލި ނަމަވެސް މިލްކާގެ ހާލު އޭގެފަހުން އެންމެ ރަނގަޅު ވެފައެއް ނުވެއެވެ. އަލުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދެ ދުވަސްކުރިންް އޮކްސިޖަން ލެވެލް ދަށްވެގެންނެވެ.

މިލްކާގެ މަރާއެކު މުޅި އިންޑިއާއަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ. އޭނާއަކީ އެގައުމު ދުއް އެންމެ ކުޅަދާނަ، އެންމެ ހިތްވަރު ގަދަ އެތުލީޓެވެ. ހާއްސަކޮށް އޭނާގެ ވާހަކައަކީ އަންނަން އޮތް ޖީލުތަކަށް އެގައުމުގައި މިހާރު ތަކުރާރުކޮށް ކިޔައިދެމުންދާ "އިންސްޕިރޭޝަނަލް" ވާހަކަތަކެކެވެ. އެވާހަކަތައް ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޕޯޓްސް މޫވީ، ބާގް މިލްކާ ބާގުން ވަރަށް ރަނގަޅަށް މިއަދުގެ ޖީލުތަކަށް ދައްކުވާލަ ދީފައިވެއެވެ.

މިހާރު ޕާކިސްތާނުގެ ސަރަހައްދެއް ކަމަށްވާ ގޮބިންދުޕޫރާއަށް އުފަން މިލްކާ ސިންހްގެ ޅަ ދުވަސްވަރަކީ އުނދަގޫ ދުވަސްތަކެކެވެ. ހަނގުރާމައިގެ ވިލާގަނޑުގެ ތެރެއިން އޭނާ ކުޑައިރު އަމިއްލަ ވަޒަން ދޫކޮށްލަން ޖެހިފައި ވަނީ އާއިލާ އެކީ މަރުވުމުންނެވެ. ބައްޕައާއި މަންމަގެ އިތުރުން ދެ ދައްތައާއި ބޭބެވެސް ހަނގުރާމަވެރި ސިފައިންގެ އަތްދަށުވެ މަރުވެގެން ދިޔުމުން އިންޑިއާއަށް ބަދަލުވެ މިލްކާ ގުޅުނީ ސިފައިންނާއެވެ.

ސިފައިންގެ ތެރެއިން މިލްކާ ހަރުދަނާ އެތުލީޓަކަށްވެ އޭނާ ވަނީ ކޮމަންވެލްތު ގޭމްސްގައި އިންޑިއާއަށް ރަން މެޑަލް ގެންގޮސްދިން ފުރަތަމަ އެތުލެޓީކަށްވެފައެވެ. އެފަހަރު ރަން މެޑަލް ހޯދީ 400 މީޓަރު ދުވުމުންނެވެ. އެ އަހަރު ޓޯކިއޯގައި އޮތް އޭޝިއަން ގޭމްސްއަށް ގޮސް 200 މީޓަރާއި 400 މީޓަރުގެ ދުވުމުންވެސް މިލްކާ ރަން މެޑަލް ނެގިއެވެ. އޭނާގެ ކެރިއަރު އަޑިއަޅާލީ 1964 ވަނަ އަހަރު އޮލިމްޕިކްސްއިންނެވެ. އޭނާ ރަން މެޑަލް ހޯދާނެ ކަމަށް އެންމެ ބަލަން ތިއްބާ ރޭސް ނިންމުނީ ހަތަރު ވަނައިގައެވެ. އެކަމުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކާމިޔާބު ކެރިއަރަށްފަހުވެސް މިލްކާ ދިޔައީ ކުޅިވަރު ހިންގުމުގެ ދާއިރާއިން އިންޑިއާއަށް ހިދުމަތް ކޮށްދެމުންނެވެ.

މިލްކާގެ އެއް ފިރިހެން ދަރިއަކާއި ތިން އަންހެން ދަރިން މިވަގުތު ދުނިޔޭގައި އެބަ ތިއްބެވެ.