ޕީޖީ އޮފީސް

މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލަން، ބައެއް ކަންކަން ރަނގަޅުކުރަން އެންގިން: ޕީޖީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާނުލާ ކަމަށާއި ނަމަވެސް ބައެއް ކަންކަން ރަނގަޅުކުރަން އަންގާފައިވާނެ ކަމަށް ޕްރިސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވާލި ކަމަށް ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މައްސަލަ އަނބުރާ ފޮނުވައެއް ނުލަން. މި އޮފީހުގަ މައްސަލަ އޮތީ. އެކަމަކު އަޅުގަނޑުމެން ވާނީ ބައެއް ކަންކަން ފުރިހަމަ ކުރަން އޭސީސީއަށް އަންގާފައި،" ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލާގައި ރަނގަޅުކުރަން އެންގި ކަންތައްތަކަކީ ކޮބައިކަން ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފްގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހްމަދު މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން އަހްމަދު މަހްލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު އަބްދުލްޣަފޫރު އާއި އަހްމަދު މަހްލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަޙްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ފައިސާ އަކީ ޑޮލަރު ގެނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއްކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލައާ މެދު ޕީޖީން ވަކިގޮތެއް ނިންމަންދެން ރައީސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ.