ޔޫރޯ 2020 ގެ ގްރޫޕް ޑީގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ވަގުތީ ގޮތުން ޗެކް ރިޕަބްލިކް އެއްވަނައިގައި އޮތް އިރު، ކްރޮއޭޝިއާއަށް ވަނީ ޔަގީން ޖާގައިގައި ގަދަ 16 އަށް ދިއުމަށް އުންމީދު އާވެފައެވެ.

މިރޭގެ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެކެވެ. ޗެކު ރިޕަބްލިކަށް މިރޭގެ މެޗުން މޮޅުވެ ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އަދި އެންމެ ފަހުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ކްރޮއޭޝިއާއަށް މިރޭގެ މެޗުން މޮޅު ނުވެވިއްޖެ ނަމަ ގްރޫޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލޭނެއެވެ. މެޗުން ބަލިވެ ގަދަ 16ގެ ޔަގީން ޖާގަ ގެއްލިއްޖެނަމަ ކްރޮއޭޝިއާއަށް ވާނީ މާޔޫސް ކަމަކަށެވެ.

ގްރޫޕް ޑީގައި ކްރޮއޭޝިއާއިން ފުރަތަމަ ވާދަކުރީ ވަރުގަދަ އިންގްލެންޑާ ދެކޮޅަށެވެ. އެ މެޗުން ކްރޮއޭޝިއާ ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އަނެއްކޮޅުން ޗެކު ރިޕަބްލިކް ވަނީ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިކޮށްފައެވެ.

މިހާތަނަށް ވާދަވެރި މެޗުތަކުގައި ކްރޮއޭޝިއާ އާއި ޗެކު ރިޕަބްލިކް ކުޅެފައި ވަނީ ތިން މެޗެއްގައެވެ. އޭގެ ތެރެއިން ދެ މެޗު ހަމަހަމަ ނަތީޖާއަކާއެކު ނިމިފައިވާ އިރު، އަނެއް މެޗުން މޮޅުވީ ކްރޮއޭޝިއާއެވެ.

މެޗުގެ ކުރީކޮޅުގައި ޗެކު ރިޕަބްލިކްގެ އެޓޭކް ފެނުނީ ނުރައްކާ ކޮށެވެ. ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި ޕެޓްރިކް ޝިކްގެ ނުރައްކާ ވަކިން ހާއްސަކޮށް ފާހަގަވެފައިވެއެވެ. މެޗުގެ ކުރީކޮޅުގައި ތޯމަސް ސޯޗެކްއާއި ލަޑްމީރް ކޯފުލްގެ ހަމަލާތައް ގޯލާ އަމާޒުނުވެ ދިޔައިރު، އޭގެ ފަހުން ޝިކްއަށް ފޮނުވާލަން ލިބުނު ހަމަލާގައިވެސް މާ ބޮޑު ނުރައްކަލެއް ނެތެވެ.

ކްރޮއޭޝިއާއަށް ފުރަތަމަ ހާފުގައި މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް ވަނީ ފަހި ދެ ފުރުސަތެއް ފަހުވެފައެވެ. ކެޕްޓަން ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ޗެކްގެ ކީޕަރު ވެސްލިކްއާ ދިމާއަށެވެ. ކީޕަރު ވެސްލިކް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދައިފައެވެ. އޭގެ ފަހުން ހާފް ނިމެން ކައިރިވެފައި ވަނިކޮށް އަންޓެ ރެބިޗަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ހާފް ނިމެން ދަނިކޮށް ޗެކް ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ކޯނަރެއް ހުރަސްވެގެން އައި ވަގުތު ފުންމައިގެން އެރި ކްރޮއޭޝިއާގެ ޑިފެންޑަރު ޑިޖެން ލޮވްރެންގެ އުޅަބޮށިން ޝިކްގެ މޫނުމަތީގައި ޖެހި ފަޅައިގެން ދިޔުމުން ރެފްރީ ޕެނެލްޓީ ދިނީ ވީއޭއާރް އެހީގައި ފުޓޭޖް ބެލުމަށްފަހުއެވެ. އެ ޕެނެލްޓީ ކާމިޔާބުކުރީ ނޭފަތަށް ފަރުވާ ކުރުމަށްފަހު އެރި ޝިކްއެވެ. އެއީ ޝިކް މިފަހަރުގެ ޔޫރޯގައި ޖެހި ތިންވަނަ ގޯލެވެ.

ދެވަނަ ހާފަށް ކްރޮއޭޝިއާ ނުކުތީ ގޯލަކަށް ނުހަނު މުހިންމުވެފައި އޮވެއެވެ. ކޯޗުގެ ވާހަކައަކަށް ވާނީވެސް އެ އިރުޝާދުކަން ޔަގީނެވެ. އެކަމަށް ކުޅުންތެރިން އިޖާބަވެސް ދިނެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. ހިލޭ ޖެހުމަކުން ކްރަމަރިޗް އަވަހަށް ޖައްސާލި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕެރިސިޗެވެ. އެ ގޯލަކީ ހިތްގައިމު ގޯލެކެވެ. ޕެރިސިޗްގެ ހަމަލާ އަމާޒުކޮށްލީ މަތީ ކަނަށެވެ.

ގޯލާއެކު ކުޅުން ރަނގަޅުކޮށް ކްރޮއޭޝިއާއިން އިތުރު ހަމަލާތައްވެސް އުފެއްދިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލޮޒެކް ފޮނުވާލި ވޮލީ ބޭރަށް ދިޔައިރު، ޕެޓްކޮވިޗް ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ޑިފެންޑަރު ކަލަސް ވަނީ ބްލޮކްކޮށްފައެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ކްރޮއޭޝިއާއަށް ގަދަ 16 އަށް ފުރުސަތު ފަހިވީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. އެޓީމު މިވަގުތު އޮތީ ގްރޫޕް އީގެ ތިންވަނައިގައެވެ. އިންގްލެންޑް ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތް އިރު، މިރޭ އެޓީމު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއްވަނައަށް އެރެވޭނެއެވެ. މިވަގުތު އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޗެކް ރިޕަބްލިކެވެ. ސްކޮޓްލޭންޑް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އިންގްލެންޑާއި ސްކޮޓްލޭންޑް މިރޭ ކުޅޭ މެޗަށް ނުކުންނާނީ 00:00 ގައެވެ.