ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްވިޑެންއިން ކުޅުނު ދެވަނަ މެޗުގައި ސްލޮވޭކިއާ ބަލިކޮށް، ގަދަ 16 ގެ އުންމީދު އާކޮށްފިއެވެ.
ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ސްވިޑެންއިން ކާމިޔާބު ކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގެ ކުރިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްލޮވޭކިއާ ވަނީ ޕޮލެންޑް ބަލިކޮށްފައެވެ. މެޗަށް ނުކުތްއިރު އެޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައެވެ. ސްވިޑެންއަށް ވެސް ފުރަތަމަ މެޗު ދިޔައީ ގޯސްކޮށެއް ނޫނެވެ. ސްވިޑެންއިން ސްޕެއިންގެ ހޯމްގައި އެޓީމު ހިފެހެއްޓީ 0-0 ގެ ނަތީޖާއެއްގައެވެ. މިރޭގެ މެޗުން މޮޅުވެ ސްލޮވޭކިއާއަށް ގަދަ 16 ޔަގީން ކުރެވެން އޮތެވެ.
ސްލޮވޭކިއާ 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ކުޅެ ގަދަ 16 އަށް ދިއުމަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ. އެ ކާމިޔާބު ތަކުރާރު ކުރުމަށް މިރޭގެ މެޗު ސްލޮވާކިއާއަށް މުހިއްމުވިއެވެ. އަނެއްކޮޅުން ނުކުތް ސްވިޑެންއިން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ޔޫރޯއެއްގައި ކުޅެފައިވެއެވެ. އެކަމަކު އެންމެފަހުން ގަދަ 16 އަށް ދިޔައީ 2004 ވަނަ އަހަރުއެވެ.
މެޗުގެ ފުރަތަމަ ހާފް ފެނުނީ "ވަނދު" ކޮށެވެ. ދެޓީމުން ކުރެ އެއްވެސް ޓީމަކުން ރިސްކް ނަގައި، މެޗު ހުޅުވާލަން މަސައްކަތް ކޮށްފައެއް ނުވެއެވެ. މެދު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ދެޓީމުންވެސް ކުޅެފައިވާ އިރު، ގޯލަށް އަމާޒުކޮށް ނުރައްކާ ހަމަލާއެއް އެއްވެސް ޓީމެއްގެ ފަރާތުން ފުރަތަމަ ހާފުގައި އުފައްދައިފައެއް ނުވެއެވެ.
ސްވިޑެންގެ ސެބެސްޓިއަން ލާސަން ދުރުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ސްލޮވޭކިއާގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ކެޕްޓަން މަރެކް ހަމްޝިކް ފަރާތުންނެވެ. ހާފް ނިމެން ދަނިކޮށް އޭނާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. ހަމްޝެކަކީ އާންމުކޮށް ދުރުން ބާރު ބޯޅަތައް ގޯލައް ވައްދާލުމުގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗު ފުރަތަމަ ހާފަށްވުރެ ބޮޑަށް ހުޅުވިގެން ދިޔައެވެ. ސްވިޑެންގެ ޒުވާން ތަރި އެލެކްސެންޑްރާ އިސާކްގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނިގެން ދިޔައެވެ. ލާސަންގެ ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަރިމަތިން ސްލޮވޭކިއާގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ އަރިމަތިން ފޮނުވާލި ބޯޅަ މަތަކުރީ ސްލޮވޭކިއާގެ ގޯލްކީޕަރު މާޓިން ޑުބްރުވާކާއެވެ.
އަނެއްކޮޅުން ސްލޮވާކިއާގެ އަންދުރެޖު ޑޫޑާ ފޮނުވާލި ހަމަލާއެއް ސްވިޑެންގެ ގޯލަށް ނުރައްކާ ކުރި އިރު، ސްވިޑެންއިން މެޗުގެ ލީޑު ނެގީ 75 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކުއައިސަންއަށް ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީ ސްވިޑެންއަށް ކާމިޔާބުކޮށްދިިނީ ލެއިޕްޒިގްގެ މިޑްފީލްޑަރު އެމީލް ފޯސްބާގެވެ.
އޭގެ އިރުކޮޅެއްފަހުން އިސާކްގެ ޖާދުލާއެކު އަނެއްކާވެސް ސްވިޑެންއަށް ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އިސާކް ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅައަށް ސްލޮވޭކިއާގެ ދެ ޑިފެންޑަރުން ވެގެން ވަނީ ހުއްޓުވައިފައެވެ. ސްވިޑެންއިން ފަހު ފަސް ވަރަކަށް މިނެޓުގައި ބުރަކޮށް ޑިފެންސް ކުރަމުންދިޔަ އިރު، ސްލޮވޭކިއާ ވަނީ ރެފްރީގެ ފަހު ކަށިގަނޑާ ޖެހެންދެންވެސް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ސްވިޑެންގެ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ލި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.
ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި ސްވިޑެން ވަނީ ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. އެޓީމަށް އަދި ގަދަ 16 ޔަގީން ނުވެ އޮތް ނަމަވެސް މިރޭގެ ނަތީޖާއާއެކު ވަނީ އުންމީދު ބޮޑުވެފައެވެ. ދެ މެޗުން ތިން ޕޮއިންޓާއެކު ސްލޮވޭކިއާ ދެވަނައިގައި އޮތް އިރު، ގްރޫޕްގެ ތިންވަނައިގައި މިވަގުތު އޮތީ ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދާފައިވާ ސްޕެއިންނެވެ. ޕޮއިންޓެއް ނުލިބި އޮތް ޕޮލެންޑް އޮތީ ގްރޫޕްގެ ފުލުގައެވެ. ގްރޫޕް އޭގެ އެއްވެސް މަގާމެއް އަދި އެއްވެސް ޓީމަކަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
- މިރޭ ކުރިއަށް ހުރި މެޗުތައް
21:00 ކްރޮއޭޝިއާ - ޗެކު ރިޕަބްލިކް
00:00 އިންގްލެންޑް - ސްކޮޓްލޭންޑް
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020