އިންގްލެންޑާއި ސްކޮޓްލޭންޑުގެ ވާދަވެރިކަމަކީ ފުޓުބޯޅައިގައި އެންމެ ޒަމާންވީ ވާދަވެރިކަމެވެ. ސްކޮޓްލޭންޑާއި އިންގްލެންޑް، 1872 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކީ ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ގައުމަކުން ކުޅުނު ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެވެ. އެހެންކަމުން އިންގްލެންޑާއި ސްކޮޓްލޭންޑަކީ ދުނިޔޭ ފުޓުބޯޅައިގައި އެންމެ ޒަމާންވީ ދެ ގައުމީ ޓީމު ކަމަށް ރަސްމީކޮށް ބުނެވިދާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އޮތީ އިނގިރޭސިން އަތުގައެވެ. ސްކޮޓްލޭންޑްގެ ފުޓުބޯޅަވެސް އެ ލީގުގައި ބޮޑު ހިއްސާއެއް އަދާކުރެއެވެ.
މިހާތަނަށް ވޯލްޑް ކަޕުގައި އަށް ފަހަރު އަދި ޔޫރޯގައި ތިން ފަހަރު ސްކޮޓްލޭންޑް ކުޅެފައިވާ އިރު، އެއްވެސް ބޮޑު މުބާރާތަކުން ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. އިންގްލެންޑާ އެއް ގްރޫޕެއްގައި މިފަހަރުގެ ޔޫރޯގައި ސްކޮޓްލޭންޑް ލައްވައިލުންވާނީ ތާރީހީ ކަމަކަށެވެ. އެއީ ސްކޮޓްލޭންޑްގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ސްކޮޓްލޭންޑުގެ ވާދަވެރިޔާއަކީ މިހާރުވެސް ދުނިޔޭ ފުޓުބޯޅައިގެ ބޮޑު ނަމެކެވެ. ހަމައެކަނި މަދުވަނީ ތަށްޓެކެވެ. އިންގްލެންޑަށް މިރޭގެ މެޗު އިންތިހާއަށް މުހިއްމުވާނެއެވެ. ސްކޮޓްލޭންޑް އަތުން ބަލިވުމަކީ އިންގްލެންޑަކަަށް އެއްވެސް އިރެއްގައި އޮޕްޝަނެއް ނޫނެވެ. އަދި ގަދަ 16 ޔަގީން ކުރަންވެސް މިރޭގެ މެޗު މުހިންމެވެ.
ޖުމުލަ 15 ފަހަރަށް ވޯލްޑް ކަޕުގައި އިންގްލެންޑް ކުޅެފައިވާ އިރު ޔޫރޯގައި 10 ފަހަރު ވާދަކޮށްފައިވެއެވެ. އެ ހުރިހާ މުބާރާތަކުންވެސް އެޓީމަށް ހޯދުނު ކާމިޔާބީއަކީ ވޯލްޑް ކަޕެއް ކާމިޔާބުކުރުން އެކަންޏެވެ. ޔޫރޯގައި އިންގްލެންޑަށް ތަށްޓާ އެންމެ ގާތަށްވެސް ދެވުނީ ތިންވަނައާ ހަމައަށެވެ. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރުއެވެ. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައިވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށެވެ.
އެ މުބާރާތުގެ ބަދުނަސީބު ހަނދާންތައް އެންމެ ބޮޑަށް ގުޅިފައި ވަނީ މިހާރު އިނގިރޭސި ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓާއެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔަ އިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބެވެ. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ގެރެތު ސައުތުގޭޓެވެ.
1996 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑުން ލައްވާލީވެސް ސްކޮޓްލޭންޑާ އެއް ގްރޫޕެއްގައެވެ. އެއަހަރު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ސްކޮޓްލޭންޑުން 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި މިހާރު އިންގްލެންޑް ކޯޗު ސައުތުގޭޓް ކުޅެފައިވެއެވެ. ދެޓީމު ވާދަކުރާ 115 ވަނަ މެޗަށް ތައްޔާރުވާ އިރު، އެއީ ޔޫރޯގައި މި ދެޓީމު އެންމެފަހުން ކުޅުނު މެޗެވެ.
ދެޓީމުގެ ކުރިމަތިލުންތަކުގެ ތަފާސްހިސާބަށް ބަލާލާއިރު، އިންގްލެންޑުން ވަނީ 48 މެޗެއްގައި ސްކޮޓްލޭންޑް ކައިރިން މޮޅުވެފައެވެ. ސްކޮޓްލޭންޑް ވަނީ 42 މެޗުން މޮޅުވެފައެވެ. 25 މެޗެއް ނިމުނީ އެއްވަރު ވެގެންނެވެ. އިންގްލެންޑުން ޖުމުލަ 205 ގޯލު ސްކޮޓްލޭންޑް ކޮޅަށް ޖަހާފައިވާ އިރު، ސްކޮޓްލޭންޑުން ވަނީ އިންގްލެންޑް ކޮޅަށް 177 ގޯލު ޖަހައިފައެވެ. އެންމެފަހުން ސްކޮޓްލޭންޑާ އިންގްލެންޑް ކުރިމަތިލީ 2017 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ކޯޗުންގެ ހަނދާންތައް ވަނީ ގުޅި ލާމެހިފައެވެ. ސްކޮޓްލޭންޑްގެ ސްޓީވް ކްލާކަކީ ކުޅުންތެރިއެއްގެ ގޮތުގައި އިންގްލެންޑްގެ ޗެލްސީގައި ވިދާލި ކޯޗެކެވެ. އޭނާއަށްވެސް މެޗު ހާއްސައެވެ.
"މިއީ ވަރަށް ތާރީހީ މެޗެއް. ތާރީހުގެ ތެރެއިން ވަރަށް ދުރަށް މި ވާދަވެރިކަން އެބަދޭ. ސަޕޯޓަރުންނަށް މިއީ އެންމެ ބޮޑު މެޗު. އިންގްލެންޑަށް މި މެޗު ބޮޑު ނޫން ކަމަށް ބައެއް ވާހަކަތައް ދައްކާ. އެކަމަކު އަހަރެން އުޅުނިން އިންގްލެންޑްގައި. އަހަންނަށް އެނގޭ އިންގްލެންޑަށް މި މެޗު މުހިއްމުވާނެ ވަރު. ސްކޮޓްލޭންޑް އަތުން ބަލިވާކަށް އިންގްލެންޑެއްް ނޭދޭމެ. ހަމަ ސްކޮޓްލޭންޑްގެ ވިސްނުންވެސް ހުންނާނީ އެގޮތަށް،" ކްލާކު ބުނެފައިވެއެވެ.
ގެރެތު ސައުތުގޭޓަށްވެސް މެޗު ހާއްސައެވެ. އޭނާގެ ސިކުނޑީގައި ސްކޮޓްލޭންޑްގެ ހަނދާންތައްވެސް ހުންނާނެކަން ޔަގީނެވެ.
"މިއީ އެންމެނަށް ހާއްސަ މެޗެއް. ހާއްސަކޮށް ދެޓީމުގެ ސަޕޯޓަރުންނަށް މެޗު ވަރަށް ވަރަށް ހާއްސަވާނެ. ދާދި ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް ބުރަވަނީ އިންގްލެންޑް ކޮޅަށް. ސްކޮޓްލޭންޑް ހޭމްޑެން ޕާކުގައި ކުޅުނު މެޗުން އިންގްލެންޑުން މޮޅުވެ އޭގެފަހުން ވެމްބްލީގައި ކުޅުނު މެޗު ވަނީ އެއްވަރުވެފައި. މިރޭ ނުކުންނާނީ ސަޕޯޓަރުންގެ މޮޅަކަށް،" ސައުތުގޭޓް ބުނެފައިވެއެވެ.
އިންގްލެންޑާއި ސްކޮޓްލޭންޑް ކުރިމަތިލާ ވާދަވެރި މެޗު އޮންނާނީ 00:00 ގައެވެ. ދެޓީމު ނުކުންނާނީ އިންގްލެންޑްގެ ތާރީހީ ސްޓޭޑިއަމް ވެމްބްލީއަށެވެ.