ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީނުކޮށް ދޫކޮށްލުމަކީ އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މި އުއްމަތުގެ ތެރެއިން ބަޔަކު, ޝައިތާނާގެ ވަސްވާސް ތަކަށް ހެއްލި, الله ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުންދާ އިރު, އެއުރެން ހެޔޮ މަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިންމު ވަނީ އެ ހިކުމަތަށްޓަކައި ކަމަށް ބުންޏެވެ.

މާތް الله ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, الله އަށް އުރެދުމާއި ދީނުގެ ޝިއާރުތަކަށް މަލާމާތްކޮށް, ފުރައްސާރަ ކުރުމާއި އަމަން އަމާންކަން ނަގާލުމާއި ހައްގަކާނުލައި މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ މުންކަރާތެއް ކަމަށެވެ.

އަދި ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަމެއް ކަމަށާއި މި އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ވެފައި ވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރާ ބަޔަކަށްވާތީ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ ފައިދާއަށް ބަލާއިރު އެއީ ކުށްފާފަތަކުން މީހާ ތާހިރު ކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއީ އިންސާނާގެ އަތުގައި ހޭދަކުރާނެ ފައިސާއެއް ނެތަސް ކުރެވިދާނެ ސަދަގާތެއް ކަމަށާއި އަދި އެއީ الله ދެއްވި ނިއުމަތްތައް ބަލައިގަނެ, ޝުކުރުވެރިވާކަމުގެ އަލާމާތެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެއް ކަމަށެވެ. އަދި އެއީ الله ގެ ކޯފާ ހައްގުވެ, އިންސާނުން ކުރާ ދުއާ އިޖާބަވުމަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް ބުންޏެވެ.

މުންކަރާތް ނަހީކޮށް, ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ, ގާނޫނީ, ފަރުދީ އަދި ޖަމާއީ ވާޖިބެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ އިތުރަށް, ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީވެސް މުސްލިމު ދައުލަތެއްގެ ވާޖިބެއް ކަމަށެވެ. އަދި މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކުމެ, އެ މީހެއްގެ ޒިންމާ ދެނެގަންނަން ޖެހޭނެ ކަމަށާއި ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ވާޖިބު އަދާކުރަން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, މުޖުތަމައުގައި ހިނގަމުންދާ ނުބައިކަންކަން ހުއްޓުވުމަކީ މާފަސޭހަ ކަމެއް ނޫން ކަމަށާއި ގިނަ ފަހަރަށް އެފަދަ ކަންކަން ރާވައި ހިންގާ ފަރާތްތަކަކީ ނުފޫޒު ގަދަ ބަޔަކު ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް އެއީ އެކަން ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށާއި އެކަމަކީ މި އުއްމަތުގެ ކޮންމެ މީހެއްގެ ޒިންމާއަކަށް ވާންތީ ކަމަށް ބުންޏެވެ.

އަދި ބުނީ, އެކަން ކުރާ މީހާގެ ކިބައިގައި ކެތްތެރިކަމާއި އިހުލާސްތެރިކަން ހުންނަންޖެހޭ ކަމަށާއި ކަމެއް މަނާކުރުމުގައި އަބަދުވެސް އެންމެ އެކަށީގެންވާ އުސޫލު ގެންގުޅެން ޖެހޭ ކަމަށެވެ.