ރެއާލް މެޑްރިޑްގެ ޖާޒީގައި 16 އަހަރު ކުޅުމަށްފަހު އެ ކްލަބުގެ ކެޕްޓަން، ލެޖެންޑަރީ ޑިފެންޑަރު ސާޖިއޯ ރާމޯސް ވަނީ ކްލަބު ދޫކޮށްލަން ނިންމައިފައެވެ. މި ސީޒަންގެ ނިޔަލަށް ރާމޯސް ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާ އިރު، އޭނާ ވަނީ އިއްޔެގެ ޕްރެސްގައި ސަޕޯޓަރުންނާ އަލްވަދާއު ކިޔައިފައެވެ. ރާމޯސްގެ ވަދާއީ ޕްރެސް ކޮންފަރެންސްގައި އޭނާ ފެނުނީ ރޮވިފައި ހުރިތަނެވެ.

2005 ވަނަ އަހަރު ރެއާލްއާ ގުޅި، މިހާތަނަށް 22 ތަށި ކްލަބާއެކު ހޯދާފައިވާ މި ޖީލުގެ އެންމެ މޮޅު އެއް ޑިފެންޑަރު ބުނެފައި ވަނީ ކްލަބަށް އަބަދުވެސް ހާއްސަ މަގާމެއް ހިތުގައި ދޭނެ ކަމަށާއި އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މިވަގުތު އޭނާ ދެން ކުޅޭނެ ކްލަބެއް އިއުލާން ކުރަން ބޭނުން ނުވާ ކަމަށްވެސް ރާމޯސް ފާހަގަކުރިއެވެ. އޭގެ އިތުރުން އޭނާ ބުނެފައި ވަނީ ބާސެލޯނާ އާއި ސްޕެއިންގެ އެހެން ކްލަބަކުން އޭނާ ނުފެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރާމޯސް ވަނީ އޭނާ ރެއާލްގައި މަޑުކުރަން ބޭނުންވި ކަމަށްވެސް ބުނެފައެވެ. އެގޮތުން މުސާރަ ކުޑަކޮށްގެންވެސް މަޑުކުރަން ބޭނުންވެ، އެވާހަކަތައް ރެއާލްއާ ދެމެދު ދެކެވިގެން ދިޔަ ކަމަށާއި ނަމަވެސް ގޮތް ނިންމާފައި މަޑުކުރަން އެއްބަސްވާން ބެލި އިރު ރެއާލްއިން އެގޮތް ބޭނުންނުވި ކަމަށް ރާމޯސް ބުންޏެވެ.

''އަހަރެން އަބަދުވެސް ބޭނުންވީ ރެއާލްގައި ހުންނަން. ކްލަބުން ހުށަހެޅީ އެއް އަހަރުގެ ކޮންޓްރެކްޓެއް ކުރިން ލިބެމުން އައި މުސާރަ ކުޑަކޮށްފައި. އަހަރެން ބޭނުންވީ އަހަންނާއި އަހަރެންގެ އާއިލާއަށްޓަކައި ދެ އަހަރުގެ ކޮންޓްރެކްޓެއް. ފަހުން އަހަރެން އެއް އަހަރަށް ވިޔަސް ކްލަބުގައި މަޑުކުރަން ނިންމާފައި ބަލާލި އިރު އަހަންނަށް އެންގީ ކުރިން ކްލަބުން ހުށަހަޅާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވެފައިވާ ކަމަށް. އެއީ އަހަންނަށް ކުރިން އަންގާފައި އޮތް ގޮތެއް ނޫން،" ރޮވިފައި ހުރެ ރާމޯސް ކިޔައިދިނެވެ.

ރާމޯސް އަސަރާއެކު ބުނެފައި ވަނީ ހުށަހެޅި ކޮންޓްރެކްޓު ހަމަވާނެކަން އޭނާއަށް ކުރިން ނާނގާ ކަމަށާއި މަޝްވަރާ ކުރި އިރުވެސް އެ ވާހަކަ ހިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާއެކު އޮންނަ ގުޅުން ކުޅިވަރުގައި "ބައްޕައަކާ ދަރިއެއްގެ" ގުޅުމުގެ ގޮތުގައި ސިފަކޮށްފައެވެ.

ރާމޯސް ވަނީ ރެއާލްއާއެކު ލަލީގާގެ ފަސް ތައްޓާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ހޯދައިފައެވެ.

ރާމޯސްއަކީ ރެއާލް އިން ހޯދި ހަތަރު ޗެމްޕިއަންސް ލީގު ތަށީގެވެސް އެންމެ ބޮޑު ހިއްސާދާރެވެ. އޭގެ ކޮންމެ އަހަރަކުވެސް ޔޫއެފާއިން ހޮވި ޗެމްޕިއަންސް ލީގުގެ ގަދަ 11ގެ ޓީމުން ރާމޯސް ވަނީ ޖާގަ ހޯދައިފައެވެ. ރާމޯސް ރެއާލްއާއެކު ކުޅުނު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގެ 93 ވަނަ މިނެޓުގައި ޖެހި ގޯލަކީ މިހާތަނަށް ޗެމްޕިއަންސް ލީގު ތާރީހުވެސް ދުށް އެންމެ ތާރީހީ އެއް ގޯލެވެ.

ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު 11ގައި ރާމޯސް ވަނީ ނުވަ ފަހަރަށް ހިމެނިފައެވެ. އެއީ ޑިފެންޑަރުންގެ ތެރެއިން ރެކޯޑެކެވެ. އަދި ރާމޯސްއަކީ އެޓީމުގައި ތިންވަނައަށް އެންމެ ގިނައިން ހިމެނިފައިވާ ކުޅުންތެރިޔާއެވެ. ރާމޯސްއަށް ރެއާލްއާއެކު ވަނީ ލަލީގާގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ރެކޯޑު ފަސް ފަހަރު ހޯދައިފައެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ރެއާލްއަށް 469 މެޗު ކުޅެދީފައިވާ އިރު، މިވަގުތު އޭނާއަކީ ސްޕެއިން ގައުމީ ޓީމުގެވެސް ރަސްމީ ކެޕްޓަނެވެ. ގައުމީ ޓީމަށް 180 މެޗު ކުޅެދީފައިވާ ރާމޯސް ވަނީ ގައުމީ ޓީމާއެކު 2010ގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން އިން ޔޫރޯއަށް ދިޔަ ސްކޮޑުގައި ރާމޯސް ނުހިމެނީ ކޯޗާއެކު އޭނާ ވާހަކަދައްކައި އަނިޔާ އިން ރިކަވާވާން ވަގުތު ހޯދުމަށެވެ.