ޚަބަރު

ނަފުރަތުގެ ބިލް އަނބުރާ ގެންދަން 101 އިލްމުވެރިއަކު ރައީސަށް ދަންނަވައިފި

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލު އަނބުރާ ގެންދަން 101 ދީނީ އިލްމުވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ މިއަދުއެވެ.

އެ ޕެޓިޝަންގައި ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާންމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާންމު ރައްޔިތުންނަށް ހުރަސް އެޅި، ބަންދުވެގެން ދާނެ ކަމަށެވެ.

"ސެކިއުލާ ހަރަކާތްތައް މި ގައުމުގައި ވަރުގަދަ ކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަގީގަތްކަން ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތް. އެފަދަ ހާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އިލްމުވެރިންނާއި ދީނަށް ގީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން ދީނުގެ ދިފާއުގައި ތެދުވާ މީހުންނަށް ދައުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަތަނުގެ ދީނާއި ގައުމިއްޔަތާ ހިލާފު ކަމެއް،" ޕެޓިޝަނުގައިވެއެވެ.

އެ ޕެޓިޝަނުގައި ވަނީ މިބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތުން ރައްޔިތުންނަށް ދެވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ރައީސަށްވެސް ދެއްވެން ނޯންނާނެ ކަމަށެވެ. އެހެންކަމުން އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެއެވެ.

"ވީމާ މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ނަފުރަތުގެ ބިލް އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަން،" ޕެޓިޝަނުގައިވެއެވެ.

އެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމައަކަށް އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަ ނަމަވެސް މަސްލަހަތެއް އެކުލެވިގެންވާ ކަންކަމެއް ނޫން ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެވެ. އަދި އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމަށްވެސް އެ ޕެޓިޝަނުގައިވެއެވެ.

ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ.

ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ކޮމެންޓެއް ހޯއްދެވުމަށް ވަނީ ނިންމައިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި އެ އިސްލާހު ކޮމިޓީ މަރުހަލާގައި އުނި ކުރުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.