އަފްގާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައި ތިބި ކ.މާލެ، ހ. މޫންލައިޓްވެލީ، އަލީ ޝާފިއު އޭނާގެ އަނބިމީހާއާއި ދަރިންނަށް އަނިޔާކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝާފިއު އާއި އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިން އަފްގާނިސްތާނުގައި ނަންގަރްހާރް ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު އެ ސާވިސްއަށް ލިބިފައިވާ ކަމަށާއި މި މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން މި މީހުންނާ ގުޅޭ މިފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

މި މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ޓީމެއް 2019 ފެބްރުއަރީ މަހުގެ ތެރޭގައި އަފްގާނިސްތާނަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝާފިއު އާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެ ގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމަށެވެ.

ޝާފިއުގެ އާއިލާއަށް ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަ ތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ދީފައިވެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެއިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި މިފަދަ ހަގީގަތާއި ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.