ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު ސާޖަރީއެއް މިއަދު ހަދައިފިއެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ އޭގެ ހަފުތާއެއް ފަހުން އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަފުތާއެއް ފަހުން ރައީސް ނަޝީދު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

ރައީސް ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ފައިގެ އިތުރު ސާޖަރީއެއް މިއަދު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މަހުގެ 11 ވަނަ ދުވަހުވެސް ވަނީ ރައީސް ނަޝީދުގެ ފައިގެ ސާޖަރީއެއް ކޮށްފައެވެ.

ޖަރުމަނުން ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު، އެމަނިކުފާނަށް ރާއްޖެ އާދެވޭނެ ދުވަސް އަދި ބުނަން ނޭނގޭ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.