ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދާ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ހިސާން ހުށަހެޅުއްވި ބިލް ދިރާސާ ކުރަމުންދާ ޖުޑިޝަރީ ކޮމިޓީން އިސްލާމިކް މިނިސްޓްރީގެ ހިޔާލުހޯދަން ރަސްމީކޮށް އިއްޔެ ފޮނުވި ސިޓީގައި އަންނަ ހޯމަ ދުވަހުގެ ކުރިން މިނިސްޓްރީގެ ހިޔާލު ފޮނުވައިދިނުމަށް ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މިރޭ "ވަން" އަށް ވިދާޅުވީ އެ އިސްލާހު މިނިސްޓްރީން ބަލަމުންދާ ކަަމަށާއި އެކަމަށް ދޭނެ ލަފާއަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން ފަތުވާ މަޖިލީހާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިލްމުވެރިންގެ ރައުޔުތަކާއި ލަފާތައް އަޑުއަހައި މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އަދި އޭގައި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަންވެސް އެބަހުރި ކަމަށެވެ. އެކަންކަންވެސް ބަލައި ދިރާސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ދުވަހެއްގެ ތެރޭގައި ރެޑީކޮށްފައި، ހޯމަ ދުވަހަށް އެ އިސްލާހުތައް ފޮނުވާލެވޭނެ ކަމަށް މި ބަލަނީ. އޭގައި އެބަހުރި ކަންބޮޑުވާ ކަންތައްތަކެއް، އެހުރި ގޮތަށް އެބިލް ފާސްކޮށްގެން ނުވާނެ. ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ރަނގަޅު ކުރަންވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ އެ ބިލާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށާއި އަދި އިލްމުވެރިންވެސް އެބޭފުޅުންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިސްލާހުތައް ހުށަހެޅުން ކަމަށެވެ. އަދި ދީން ހިމާޔަތްކޮށް، ދީނަށް ފުރައްސާރަ ނުކުރެވޭނެ ގޮތަށް އެ ބިލް ފާސްކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން ތިން މުއައްސަސާގެ ކޮމެންޓެއް ހޯއްދެވުމަށް ވަނީ ނިންމައިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި އެ އިސްލާހު ކޮމިޓީ މަރުހަލާގައި އުނި ކުރުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.