އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވާގެ ހިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފްކޮށްފައި މިވަނީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދައި ދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫއިން މިގެނައި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ހިދުމަތް ލިބިގެންދާނެ އެވެ. ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ އެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެ އެވެ.
ޑޭޓާ ރޯލްއޯވަގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސްއާއެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފައެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެއެވެ.
އެގޮތުން ފަސޭހަ އެޗްބީބީ 60 ޖީބީ 799ރ އަށް ލިބޭއިރު އެ ޕެކޭޖުގެ ދަށުން ބޯނަސް 12 ޖީބީއާއެކު ޖުމްލަ 72 ޖީބީގެ ޑޭޓާ ލިބިގެންދާނެއެވެ.
ފަސޭހަ އެޗްބީބީ 500ޖީބީގެ 3549ރ އަށް ލިބޭއިރު އެ ޕެކޭޖުގެ ދަށުން ބޯނަސް 100 ޖީބީއާއެކު ޖުމްލަ 600 ޖީބީގެ ޑޭޓާ ލިބިގެންދާނެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ މަގުސަދަކީ އިންޓަނެޓްގެ ހިދުމަތް އެންމެންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގުފަހިކުރުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ތައާރަފްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު