(14 ޖޫންގެ އަދަދާ ގުޅޭ)
أميـر يـوسف ގެ އަތްޕުޅުގައި މުލޫކުއްޠަވާއިފުންގެ އާދޭހަށް ދެއްވަން އޮންނަނީ ތައްގަނޑުޖެހި ރަސްމީ އެންމެ ޖަވާބެކެވެ. "އަޅުގަނޑު ތިޔަބޭފުޅުންނާ އެހީވާން އައީ ތިޔަބޭފުޅުންނަކީ މުސްލިމުން ކަމުގައި ހީކޮށްގެން. އެކަމަކު ތިޔަބޭފުޅުންވަނީ ތިޔަބޭފުޅުންނަކީ އިސްލާމްދީނުގެ އެންމެ ނުބައި ދުޝްމިނުންކަން ސާބިތުކޮށްދެއްވައިފައި. ތިޔަބޭފުޅުންނަށް އޮތީ އެންމެ ގޮތެއް. އެގޮތަކީ ތިންހަފްތާ ތެރޭގައި ތިޔަބޭފުޅުންގެ އަމިއްލަފުޅު ނަފުސު އަޅުގަނޑާ ހަވާލުކުރައްވާ!"
ތިންހަފުތާ ވޭތުވެ ހިނގައްޖެއެވެ. މުލޫކުއްޠަވާއިފުންނަށް އިވިވަޑައިގެންނެވި އުފާވެރި ޚަބަރަކީ أميـر يـوسف އެފުރިކާގެ ދާޚިލީ ޙާލަތާހުރެ އެނބުރި ވަޑައިގަންނަވާ ޚަބަރެވެ. މުލޫކުއްޠަވާއިފުންގެ ގަނޑުވަރުތަކުގައި ހަތްފުކު ދިއްލެވިއެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތަހުނިޔާގެ މެސެޖު ފޮނުއްވިއެވެ. އެކަމަކު ގިނަދުވަސްތަކެއްނުވެ ލިބިވަޑައިގެންނެވި ހިތާމަވެރި ޚަބަރަކީ أميـر يـوسف އަންދަލުސުގައި އެމަނިކުފާނުގެ ނާއިބުއްސުލްޠަނަތަކަށް أميـر سيـر بــن أبى بـكـر ހަމަޖެއްސެވި ޚަބަރެވެ. ނަތީޖާއަކީ މުލޫކުއްޠަވާއިފުންގެ އުންމީދުތަކަށް ގަނޑުފެން ފޭބުމެވެ. أميـر سيـر بــن أبى بـكـر ކައިރީން ދެކެފައިވާ މީހުންގެ ބަހުގައި ބުނާގޮތުގައި އެ އެކަތައިގެ އިންސާނާ ވާހަކަދައްކަވަން ދެނެވަޑައިގަންނަވަނީ ހަމައެކަނި ކަނޑިބަޑީގެ ބަހުރުވައިންނެވެ.
قـاضى أبـو جـعـفـر މުރާސިލާއެއް ލިޔުއްވައި އޭގެ ނަކަލުތައް މުލޫކުއްޠަވާއިފުންގެ ހުރިހާ ބޭބޭފުޅުންނަށް ފޮނުއްވިއެވެ. އެ މުރާސިލުގެ މަފުހޫމަކީ މިދަންނަވަނީއެވެ.
"އަންދަލުސުގެ ވެރީންނޭވެ! މާތް اللّـه ގެ ބިންވަނީ ތިޔަބޭފުޅުންގެ ފާފަތަކުން ފުރިފައެވެ. މިހާރު މިއޮތީ އެކަންކަމުގެ ހިސާބު ދައްކަވަން ޖެހިވަޑައިގަންނަވާ ދުވަސް އައިސްފައެވެ. أميـر يـوسف بــن تـاشـفـيـن ތިޔަބޭފުޅުން މައްސަލަ އެބޭފުޅަކާ ހަވާލުކުރައްވައިފައި އެވަޑައިގަންނަވާ ބޭފުޅަކީ އެބޭފުޅެއްގެ އަތްތިލަފުޅު އެކަތަޔަށްވުރެވެސް ހަރުބޭފުޅެކެވެ. ތިޔަބޭފުޅުންގެ ކުލީ ސިފައިންނަކަށް އޭނާގެ ކުރިފުޅުމައްޗަކަށް ހުރަހެއް ނޭޅޭނެއެވެ. ތިޔަބޭފުޅުންނަށް އެންމެ ލާބަހުރި ގޮތަކަށްވާނީ އަންދަލުސުގައި އިތުރަށް ލޭ ނުއޮހޮރުއްވެވުމެވެ. އަވަހަށް ހަތިޔާރު ބެހެއްޓެވުމެވެ. އަންދަލުސުގައި އިތުރަށް އޮހޮރުވޭ ހުރިހާ ލެޔެއްގެ ޒިންމާ އެޅޭނީ ތިޔަބޭފުޅުންގެ އިސްތަށިފުޅުގައެވެ."
* * * * * * * * * *
أميـر يـوسف بــن تـاشـفـيـن އިންނެވީ ޣަރުނާޠާގެ ޝާހީ ގަނޑުވަރެއްގެ ކޮޓަރިކޮޅެއްގައެވެ. އެމަނިކުފާނުގެ ކާތިބު ލައްވައި ސިޓީތަކެއްގެ ޖަވާބު ލިޔުއްވަނީއެވެ.
سعد بــن عبــدالمنـعـــم އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ހުންނެވީ ޢަސްކަރީ ހެދުންކޮޅުގައެވެ. أميـر يـوسف، سعد އާ ދިމާޔަށް ބައްލަވައިލައްވައިފައި ހިނިފުޅު ވަޑުވައިލެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި ހުހަށްހުރި ގޮނޑިކޮޅަކަށް އިޝާރަތް ކޮށްލައްވައިފައި ވިދާޅުވިއެވެ. "އިށީނދެވަޑައިގަންނަވާ!"
أميـر يـوسف ކާތިބަށް ދެތިންފޮޅުވަތެއް އިމްލާކޮށްދެއްވުމަށްފަހު އަނެއްކާވެސް سعد އާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. "سعد! ސިފައިންގެ ހެދުމުގައި ކަލާ ވަރަށް ނަލަ! އެކަމަކު ކަލާގެ ޞިއްޙަތު އަދިޔެއް ރަނގަޅެއް ނުވޭ!"
"އަޅުގަނޑުގެ ޞިއްޙަތު މުޅީން ރަނގަޅު" سعد ޖަވާބު ދެއްވިއެވެ.
"އަޅުގަނޑު މާދަމާ ރަށަށްދާން ފުރާކަން އެނގިވަޑައިގަންނަވާތޯ؟"
"އާދެ! އަޅުގަނޑުގެ ގާތުގައި سيـر بــن أبى بـكـر އެވާހަކަ ވިދާޅުވި. އަޅުގަނޑު ހީކުރީ މަނިކުފާނު އަދި ދުވަސްކޮޅަކު އަންދަލުސުގައި ހުންނަވާނެކަމަށް."
"ނޫން! އެފުރިކާގެ ޙާލަތު އަޅުގަނޑު މާގިނަދުވަހު މިތާނގައި މަޑުކުރާކަށެއް ހުއްދައެއް ނުދޭ. އަޅުގަނޑު ވަރަށް މުހިންމު ކަމަކާ ކަލާއާ މަޝްވަރާކޮށްލަން ބޭނުން. ކަލާގެ ޚިޔާލުފުޅުގައި ޣަރުނާޠާގެ ގަވަރުނަރުކަމަށް އެންމެ ރަނގަޅުވާނީ ކާކުތޯ؟"
سعد ކުޑައިރުކޮޅަކު މަޑުކޮށްލައްވައިފައި ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ދަންނަ އެންމެންގެ ތެރެއިން އެންމެ ރަނގަޅީ قـاضى أبـو جـعـفـر."
"ތިޔައީ އަޅުގަނޑަށްވެސް ފެންނަގޮތް. އެކަމަކު قـاضى أبـو جـعـفـر ވިދާޅުވަނީ މިހާރު އޭނާ މުސްކުޅިފުޅުކަމުގެ ސަބަބުން އެ ޚިދުމަތް އަދާނުކުރެއްވޭނެކަމަށް. އޭނާ ބާރުއަޅުއްވަނީ އެހެންމީހަކާ އެމަގާމު ހަވާލުކުރައްވަން!"
"އެއީ ކާކުތޯ؟"
"سعد بــن عبــدالمنـعـــم!"
سعد بــن عبــدالمنـعـــم ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެންފިއެވެ.— أميـر يـوسف މޭޒުކޮޅުމަތީން ކަރުދާހެއް ނަންގަވައިފައި سعد ގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "މިއީ ޣަރުނާޠާގެ ކުރިޔަށް ތިއްބެވި ކަމުވޮށީންގެ ފަރާތްޕުޅުން އޭނާ ހުށަހެޅުއްވި ލިޔުއްވުމެއް."
سعد މަތިމަތީން އެ މުރާސަލާ ބައްލަވައިލެއްވުމަށްފަހު މޭޒުކޮޅުމަތީގައި ބާއްވަވަމުން ވިދާޅުވިއެވެ. "މަނިކުފާނު އަޅުގަނޑު ބަލައިފޮނުއްވީ މަޝްވަރާއަކަށްތޯ ނުވަތަ އަމުރުފުޅެއް ކުރައްވާންތޯ؟"
أميـر يـوسف ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް އަމުރެއް ކުރާންވެސް ޖެހިދާނެހެން. އިށީނދެވަޑައިގަންނަވާ!"
سعد އިށީނދެވަޑައިގެންފިއެވެ.
أميـر يـوسف އިރުކޮޅެއްވަންދެން ފަރުވާތެރިކަމާއެކު سعد ގެ މޫނުފުޅުމައްޗަށް އަންނަ ބަދަލުތަކާމެދު ވިސްނައިވަޑައިގަންނަވަން އިންނަވައިފައި ވިދާޅުވިއެވެ. "سعد! ތިޔައީ އަޅުގަނޑުގެ އުފަން ދަރިޔެއްކަމުގައި ވީނަމަވެސް މިމަގާމަށް އެކަށީގެންވާކަމުގެ ޔަގީންކަން އަޅުގަނޑަށް ނެތްނަމަކަ މަގާމު ހަވާލެއް ނުކުރީމުސް. ޣަރުނާޠާއަށް ކަލާ ބޭނުން!"
"މިއީ މަނިކުފާނުގެ އަމުރުފުޅެއްކަމުގައި ނުވާނަމަ އަޅުގަނޑަށް އެއްޗެއް ދެންނެވުމުގެ އިޒުނަ ދެއްވާ!"
"ވިދާޅުވޭ!"
"ޤުރުޠުބާގައި ގެއެއް ހުންނާނެ. އެގެޔަކީ އެގެއެއްގައި އަޅުގަނޑު ދުނިޔެއަށް ލޯހުޅުވައިލި ގެ. އެގެ ވީރާނާވެފައި ހުންނަތާ އެތައް އަހަރެއްވެއްޖެ. މީގެ އެތައް އަހަރެއްގެ ކުރީން އަޅުގަނޑުގެ ބައްޕާފުޅު އެގެއިން ނުކުމެވަޑައިގެން ޤުރުޠުބާގެ ޖަލަށް މިސުރާބު ޖެއްސެވިއިރު ބައްޕާފުޅުގެ އެންމެބޮޑު އެދިވަޑައިގެންނެވުމަކަށްއޮތީ ޤުރުޠުބާއަށް މިނިވަންކަންލިބި ބައްޕަ ޖަލުން ނުކުމެވަޑައިގެން އެގެ އަލުން އާބާދުކުރެއްވުން. އޭގެފަހުން އަޅުގަނޑުގެ މަންމައާއި ކޮއްކޮމެންނާއެކު އެގެއިން ނުކުތްއިރު އަޅުގަނޑުގެވެސް ހުރިހައިވެސް އެދުމަކީ ހަމަ އެއީ— އޭގެ އަހަރުތަކެއްގެ ފަހުން އިއްތިފާޤުން އަޅުގަނޑަށް އެގޭގައި ކުޑަދުވަސްކޮޅަކު ހުރުމުގެ ފުރުސަތު ލިބުނު. އެކަމަކު އަޅުގަނޑަށް އިޙުސާސުވީ އެގެޔަކީ އަޅުގަނޑަށް ބީރައްޓެހި ތަނެއްކަމުގައި. އަޅުގަނޑު ޢަހުދުކުރިން އަޅުގަނޑު ކޮންމެވެސް ދުވަހަކުން އެގޭގައި މިނިވަންކަމުގެ ގިންދީލުތައް ދިއްލަން. އެކަމަކު އަދިޔެއް އަޅުގަނޑުގެ ޢަހުދު ފުރިހަމައެއް ނުވޭ. ޤުރުޠުބާ އަދިވެސް މިނިވަނެއްނުވޭ. އެގެ އަދިވެސް ހުރީ ވީރާނާވެފައި. ޙިޞްނުއްލައިޠުގެ މަޢުރިކާގައި ބައްޕާފުޅާއި އަޅުގަނޑުގެ ކޮއްކޮ حسن ޝަހީދުވުމަށްފަހު އަޅުގަނޑަށް ވަރަށްގިނައިން އިޙުސާސުވޭ. ބައްޕައާއި ކޮއްކޮގެ ރޫޙުފުޅު އަޅުގަނޑުމެން އާދޭތޯ މަގު ބައްލަވަން އެގޭގެ ދޮރުމަތީގައި ތިއްބަވާކަމަށް. ޤުރުޠުބާ މިނިވަންނުވާހައި ހިނދަކު އަޅުގަނޑުގެ މި އިޙުސާސަކަށް ނިމުމެއް ނާންނާނެ. އަންދަލުސުގެ ކޮންމެ ރަށަކާއި ކޮންމެ އަވަށެއްގައި މިނިވަންކަމުގެ ބައްތި ނުދިއްލޭހައި ހިނދަކު އަޅުގަނޑުގެ ކުރިމަތީގައި ޤުރުޠުބާގެ މިނިވަންކަމުގެ މާނައެއް ނެތް."
أميـر يـوسف އޯގާވެރި ލެހެޖާއަކުން ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ކަލާއަށް މާގިނަދުވަހަކު އިންތިޒާރުގައި ހުންނަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެ. ކަލާއަށް ވަރަށް އަވަހަށް އެގޭގެ ދޮރުމަތީގައި ހުންނަވައި ޙިޞްނުއްލައިޠުގެ ޝަހީދުންގެ ފުރާނަފުޅުތަކަށް ސަލާމް ފޮނުއްވޭނެ. މިހާރު އަޅުގަނޑު ކަލާގެ މަޝްވަރާއަކަށް އެދެން. معمــل އާމެދު ކަލާގެ ޚިޔާލުފުޅަކީ ކޮބައިތޯ؟ ޣަރުނާޠާގެ ޢިލްމުވެރީން އޭނާއާ ބެހޭގޮތުންވެސް ވަނީ ވަރަށް ރަނގަޅު ޚިޔާލުފުޅުތަކެއް ފާޅުކުރައްވައިފައި!"
سعد ޖަވާބު ދެއްވިއެވެ. "އޭނާއަކީ ހުރިހައިގޮތަކުންވެސް ތިޔަ ޒިންމާއަށް އަހުލުވެރި ބޭފުޅެއް."
أميـر يـوسف ކަރުދާހެއްގައި އެއްޗެއް ލިޔުއްވައިލެއްވުމަށްފަހު ތެދުވެވަޑައިގެންފިއެވެ. އެމަނިކުފާނު މުސާފަޙާކުރެއްވުމަށްޓަކައި سعد އާ ދިމާޔަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. أميـر ވިދާޅުވިއެވެ. "އަޅުގަނޑު މާދަންރޭ ފަތިސްމެންދަމު މިރަށުން ފުރާނަން. ފަހަރެއްގައި ކަލާއާ ބައްދަލު ނުވެވިދާނެ."
سعد ތެދުވެވަޑައިގެން أميـر يـوسف ގެ އަތްތިލަފުޅު އޭނާގެ މުށްޕުޅުގެ ތެރެޔަށް ލައްވަމުން ވިދާޅުވިއެވެ. "سيـر بــن أبى بـكـر އަޅުގަނޑު ގާތު ވިދާޅުވީ މަނިކުފާނު ފުރައިވަޑައިގަންނަވާނީ ފަތިސްނަމާދަށްފަހު ލަޝްކަރު ފުރުވައިލައްވައިފައިކަމަށް."
ކުރީން އަޅުގަނޑު ގަސްދުކޮށްގެންހުރީ އެގޮތަށް. އެކަމަކު ޣަރުނާޠާގެ މީހުން އަޅުގަނޑުގެ ޖުލޫސެއް ބާއްވަން ތައްޔާރުވާކަން އެނގިއްޖެ. އެއީ އަޅުގަނޑު އެދޭކަމެއް ނޫން. އަޅުގަނޑު އެދެނީ ގިނަބަޔަކަށް އަޅުގަނޑު ފުރާކަން ނާންގަން..... މާތް اللّـه ކަލާ ރައްކާތެރި ކުރައްވާށި!"
"މާތް اللّـه މަނިކުފާނު ރައްކާތެރި ކުރައްވާށި! سعد މޮޅިވެރި އަޑުފުޅަކުން ވިދާޅުވިއެވެ.
سعد އެކޮޓަރީގެ ދޮރާ ހަމަޔަށް ވަޑައިގެންފައި ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވާލެއްވިއެވެ. أميـر يـوسف بــن تـاشـفـيـن ގެ މޫނުފުޅުމަތީގައި ކުޅެލަކުޅެލައި ހުރީ އޯގާވެރިކަމާއި ލޯބިން ފުރިފައިވާ ހިނިތުންވެވަޑައިގެންނެވުމެކެވެ. سعد ގެ ލޯފުޅުގެ ތެރެޔަށް ކަރުނަފޮދު ޖަމާވާން ފަށައިފިއެވެ. އޭނާ ސިކުންތުކޮޅެއްހައިއިރު މަޑުކޮށްލެއްވުމަށްފަހު ބާރަށް ހިންގަވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ވިދިގެންއައި ރޭގެ ފަތިސްމެންދަމުގައި މުރާބިޠީންގެ ފައުޖުގެ މުޢަސްކަރުގެ ތެރޭގައި ފަސްސަތޭކަ އަސްވާރުން ދަތުރުފަށަން ތައްޔާރުވެގެން ސަފުހަދައިގެން ތިއްބެވެ. أميـر يـوسف بــن تـاشـفـيـن، سيـر بــن أبى بـكـر އާ ވާހަކަފުޅު ދައްކަވަމުން ފޭލިގެކޮޅުން ނުކުމެވަޑައިގެންފިއެވެ. ފައުޖުގެ މަތީ އޮފިސަރުންތައް ފޭލިގެކޮޅުގެ ބޭރުގައި ތިއްބެވިއެވެ. أميـر يـوسف އެބޭފުޅުންނާ ވަކިވަކީން މުސާފަޙާ ކުރެއްވިއެވެ. އެއަށްފަހު ވަޑައިގެންނެވީ ސަވާރުންގެ ސަފާ ދިމާޔަށެވެ..... ސިފައިންގެ މީހެއް ދަންމަރެއް ހިފައިގެން އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުއްޓެވެ. ފޭލިގެކޮޅާ ކުޑަތަންކޮޅެއް ދުރުގައި އެމަނިކުފާނުގެ އަހުގެ ލަގަނުގައި ހިފަހައްޓައިގެން ޒުވާނެއް ހުއްޓެވެ. އޭނާގެ ކައިރީގައި އެހެން ޒުވާނެއްވެސް ހުއްޓެވެ. أميـر يـوسف بــن تـاشـفـيـن، سيـر بــن أبى بـكـر އާ މުސާފަޙާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ އަހުގެ ލަގަން އަތުލައްވައިފިއެވެ. އެމަނިކުފާނު އަހުގެ ރިކާބުގައި ފައިންޕުޅު އަޅުއްވައި އަސްމައްޗަށް އަރައިވަޑައިގަންނަވަން ތައްޔާރުކޮށްލެއްވިތަނާ ކައިރީގައި ދެން ހުންނެވި ޒުވާނާގެ މޫނުފުޅަށް ދަންމަރުގެ އަލި އެޅިއްޖެއެވެ. އެއީ سعد بــن عبــدالمنـعـــم އެވެ. أميـر يـوسف އަސްކޮޅުގެ ރިކާބުން ފައިންޕުޅު ތިރިކޮށްލައްވައިފައި سعد އާ މުޞާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "ކަލާ ވަޑައިގަންނަވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތް!"
سعد ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. އެކަމަކު އޭނާގެ އަޑުފުޅު ގިސްލެއްވެވުމަކަށް ބަދަލުވެއްޖެއެވެ. سعد އޭނާގެ އަޑުފުޅުގެ މައްޗަށް ބާރުފޯރުއްވަވަމުން ވިދާޅުވިއެވެ. "ޚުދާޙާފިޒު!"
أميـر يـوسف އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. سعد ހުންނެވީ އެއްވެސް ހިއްސެއް ހަރަކާތެއްނެތިއެވެ. އޭނާގެ ހިތްޕުޅުގެ އަޑީން އަންނަނިވި ނިދާ ނުކުންނަމުން ދިޔައެވެ. "ޚުދާޙާފިޒު! އަޅުގަނޑުގެ ޤައުމުގެ މުޙުސިން! އަޅުގަނޑުގެ ރަޙުމަތްތެރިޔާ! އަޅުގަނޑުގެ ސާހިބާ! ޚުދާޙާފިޒު!"
ރޭގަނޑުގެ ކަޅުއަނދިރިކަން އަންދަލުސުގެ އިރު އޭގެ ބަނޑުދަށުގައި ފޮރުވައިފިއެވެ. سعد ގެންދެވީ އެހިތްވަރުފުޅުގަދަ ކުޅަދާނަފުޅު އަސްވާރުގެ އަހުގެ ފިޔަވަޅުތަކުގެ އަޑުއައްސަވަމުންނެވެ. އެމަތިވެރި ބަޠަލު އެނބުރި އެވަޑައިގަންނަވަނީ އެމަނިކުފާނުގެ ކަނޑިކޮޅުގެ ތުނޑުން އަންދަލުސުގެ މުސްލިމުންގެ ތާރީޚުގެ އައުދައުރެއްގެ ޢުންވާނު ލިޔެދެއްވައިފައެވެ.
سعد ގެ ލޯފުޅުން ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަފޮދު އޮހޮރެމުންނެވެ. އެއީ ލޯތްބާއި، ކަމޭހިއްތެވުމާއި ޝުކުރުވެރިވެވަޑައިގެންނެވުމުގެ ކަރުނައެވެ. އެކަރުނަފޮދަކީ ހަމައެކަނި ފަރުދެއްގެ އިޙުސާސުގެ ތަރުޖަމާއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ ބޮޑުސިންގާ ޤައުމެއްގެ ޖަޒުބާތުގެ ތަރުޖަމާއެވެ. އެއީ ހަމަހިމޭން ދުޢާތަކެއް ފިޔަވައި ތިމާމެންގެ ޤައުމުގެ މަތިވެރި މުޙުސިނަށް ތިމާމެންގެ އިޙުސާސު ތަރުޖަމާކޮށްދޭނެ އެހެން ވަސީލަތެއް ލިބިފައިނުވާ ޤައުމެއްގެ ހިތުގެ ވިންދުތަކުގެ ތަރުޖަމާއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު