މަރާލާފައިވާ ބްލޮގަރު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ދައުލަތުން ވަކާލާތު ކުރުމަށް ސީދާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަޑައިގަތުމަށް އާއިލާއިން އެދުނު ނަމަވެސް އެކަމަށް އެއްބަސްވެވަޑައި ނުގަތް އުޒުރު ދައްކަވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދި މޯލްޑިވިސް (އޭޑީއެމް) އިންނެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޕީޖީ އޮފީހުގެ ވަކީލުންގެ ފަރާތުން ފެންނަމުންދާ ފަރުވާ ކުޑަކަމުގެ ބައެއް ކަންތައްތައް ފާހަގަކޮށް އެ މައްސަލައިގައި ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕީޖީ ޝަމީމުގެ އަރިހުން އާއިލާއިން އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ނަމަވެސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހުނީ، ސިޓީއަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އާއިލާއަށް ގޯނާކުރަމުންދާތީ ކަމަށް ބަޔާނުގައިވެއެވެ.

"ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އާއިލާއަށް ފޮނުވި ސިޓީއެއްގައި ޝަރީއަތުގެ ތެރޭގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއްގެ މައްޗަށް އެ އޮފީހުން މަސްއޫލިއްޔަތު ނެގުމަށް އިންކާރުކޮށް ދައުލަތުގެ އެހެނިހެން ތަފާތު މުއައްސަސާތަކުގައި ޝަކުވާ ކުރުމަށް ބުނެފައިވުމާ ގުޅިގެންނެވެ،" އޭޑީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، އާއިލާ އިން ފޮނުވި ސިޓީއަށް ޖަވާބުދިނުމުގެ ބަދަލުގައި ސިޓީ ފޮނުވި ފަރާތަށް އީމެއިލްކޮށް އޭނާގެ ފޯނު ނަންބަރު ނެތުމުން، ނަންބަރު ހިމަނާފައި ސިޓީ ފޮނުވުމަށް އެދުނު ކަމަށެވެ. އަދި ނަންބަރު ފޮނުވުމުންވެސް ސިޓީއަށް ޖަވާބުދިނުމުގެ ބަދަލުގައި ފޯނުން ގުޅައި، ޕީޖީއާ ބައްދަލުކުރުމަށް އެދުނު ކަމަށާއި ނަމަވެސް ބައްދަލުވުމުގެ ބޭނުން ބުނެދިނުމަށް އިންކާރު ކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިއަދާ ހަމައަށްވެސް އާއިލާއިން އެދިފައިވާ ޔާމީން ރަޝީދު ގަތުލް ކުރި މައްސަލައިގެ ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕްރޮސިކިއުޓަރު ޖެނަރަލް ކޯޓަށް ވަޑައިގެންދެއްވުމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ،" އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ޕީޖީ ޝަމީމު ކޯޓަށް ވަޑައިގަތުމަށް އެދުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ވަކީލުންގެ ފަރުވާކުޑަކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުހިންމު ތާރީހުތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު އެ ފަރާތްތަކުން ހަނދާނުގައި ނުހުރުމުގެ ކަންބޮޑުވުން ހިމެނެއެވެ.

ޔާމީން ރަޝީދުގެ މައްސަލައިގައި ދައުވާ ލިބޭ އެއް ފަރާތެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބާ ކައުންސިލުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވަޑައިގެތް 'ބޭކާރު ވާހަކަ' ދައްކައި މައްސަލަ ދިގު ދެންމުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފަނޑިޔާރަށް ހުށަހަޅާފައި ނުވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުމުރުން 29 އަހަރުގެ ޔާމީންގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި، 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.