ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ސާޖިއޯ ރާމޯސް ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.
މި ސީޒަންގެ ނިޔަލަށް ރާމޯސް ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާ އިރު، ރާމޯސް ކްލަބު ދޫކޮށްލަން ނިންމިކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ. ކްލަބުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ ރާމޯސްގެ ވަދާއީ ޕްރެސް ކޮންފަރެންސް މާދަމާ ކްލަބު ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާއެކު އޮންނާނެ ކަމަށެވެ.
ރާމޯސް ވަނީ ރެއާލްއާއެކު 16 އަހަރު ހޭދަކޮށްފައެވެ. 2005 ވަނަ އަހަރު އެ ކްލަބާ ގުޅުނު ރާމޯސް ވަނީ މިހާތަނަށް ކްލަބާއެކު 22 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ލަލީގާގެ ފަސް ތަށްޓާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ހިމެނެއެވެ.
ރާމޯސްއަކީ ރެއާލްއިން ހޯދި ހަތަރު ޗެމްޕިއަންސް ލީގު ތަށީގެވެސް އެންމެ ބޮޑު ހިއްސާދާރެވެ. އޭގެ ކޮންމެ އަހަރަކުވެސް ޔޫއެފާއިން ހޮވި ޗެމްޕިއަންސް ލީގުގެ ގަދަ 11 ގެ ޓީމުން ރާމޯސް ވަނީ ޖާގަ ހޯދައިފައެވެ. ރާމޯސް ރެއާލްއާއެކު ކުޅުނު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގެ 93 ވަނަ މިނެޓުގައި ޖެހި ގޯލަކީ މިހާތަނަށް ޗެމްޕިއަންސް ލީގު ތާރީހުވެސް ދުށް އެންމެ ތާރީހީ އެއް ގޯލެވެ.
ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު 11ގައި ރާމޯސް ވަނީ ނުވަ ފަހަރަށް ހިމެނިފައެވެ. އެއީ ޑިފެންޑަރުންގެ ތެރެއިން ރެކޯޑެކެވެ. އަދި ރާމޯސްއަކީ އެޓީމުގައި ތިންވަނައަށް އެންމެ ގިނައިން ހިމެނިފައިވާ ކުޅުންތެރިޔާއެވެ. ރާމޯސްއަށް ރެއާލްއާއެކު ވަނީ ލަލީގާގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ރެކޯޑު ފަސް ފަހަރު ހޯދައިފައެވެ.
އުމުރުން 35 އަހަރުގެ ރާމޯސް ރެއާލްއަށް 469 މެޗު ކުޅެދީފައިވާ އިރު، މިވަގުތު އޭނާއަކީ ސްޕެއިން ގައުމީ ޓީމުގެވެސް ރަސްމީ ކެޕްޓަނެވެ. ގައުމީ ޓީމަށް 180 މެޗު ކުޅެދީފައިވާ ރާމޯސް ވަނީ ގައުމީ ޓީމާއެކު 2010 ގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.
ސްޕެއިންއިން ޔޫރޯއަށް ދިޔަ ސްކޮޑުގައި ރާމޯސް ނުހިމެނީ ކޯޗާއެކު އޭނާ ވާހަކަދައްކައި އަނިޔާއިން ރިކަވާވާން ވަގުތު ހޯދުމަށެވެ.
ރެއާލްގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރާމޯސް ކްލަބު ދޫކޮށް ދެން ގުޅޭނެ ކްލަބެެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އޭނާއަށް ފާރަލާ ކްލަބުތަކުގެ ތެރޭގައި ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް