ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އައްޑޫ ސިޓީއިން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް ފެތުރޭތީ އެރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އަކަށް ކާފިއު ހިންގުމާއި ހެނދުނު 8:00 އިން ހަވީރު 4:00 އަކަށް ހުއްދައާ އެކުގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތް ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލުމާއި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެއެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މޭޔަރު ނިޒާރު "ވަން" އަށް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ކަމަށާއި އޭގެ ތެރޭގައި ދިވެހީންވެސް ހިމެނޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ރެންޑަމް ސާމްޕަލެއްގެ ތެރެއިން ބޭރު މީހަކު ޕޮޒިޓިވްވެފައި މިވީ. އެމީހަކީ ވަރަށް ގިނަ ކޮންޓެކްޓުން ތިބި މީހެއް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ހިތަދޫގައި މިހާރު އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ފިޔަވަޅުތަކާއެކު ހިފަހައްޓައިލެވިއްޖެއްޔާ ކޮންޓްރޯލް ކުރެވޭނެކަމުގެ،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް ފެތުރެމުންދާއިރު އައްޑޫގެ އެހެން ރަށްރަށުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، އައްޑޫގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދުއިން 70 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.