"ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖު"ގެ މަގާމަށް ސަަބްރާ އިބްރާހީމް ނޫރައްދީން، މިއަދު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް އޭނާ އައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ސަބްރާ މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރު ގައެވެ.

ސަބްރާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް މަގާމަށް އައްޔަނުކުރެއްވުމާއި ހަމައަށް ސަބްރާ މަސައްކަތްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަގާމުގައެވެ.

ސަބްރާއަކީ މީގެ ކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.