ރާއްޖޭގެ 44 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި ޓޮޕްގުރަފިކް ސާވޭ ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެ މަސައްކަތަށް މީހުން ހޯދަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ އެދުމަށެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ 44 ރަށް ވަނީ ހަތް ޕެކޭޖަކަށް ބަހާލައިފައެވެ.
ފުރަތަމަ ޕެކޭޖުގައި ހިމެނެނީ ހއ. މާރަންދޫ, ވަށަވަރު, ތަކަންދޫ, މޮޅަދޫގެ އިތުރުން ހދ. ކުރިނބީ އަދި އެ އަތޮޅު ހިރިމަރަދޫއެވެ. ދެވަނަ ޕެކޭޖުގައި ހިމެނެނީ ށ. ފޯކައިދޫ, ފޭދޫ, ޅައިމަގު, ނަރުދޫ, ނޫމަރާ, މަރޮށި, ކޮމަންޑޫ އަދި ފީވަކެވެ.
ތިން ވަނަ ޕެކޭޖުގައި ހިމެނެނީ ރ. އަލިފުށި, މަޑުއްވަރީ, މާކުރަތު, ރަސްގަތީމު އަދި ވާދޫއެވެ. ހަތަރު ވަނަ ޕެކޭޖުގައި ހިމެނެނީ އދ. ކުނބުރުދޫ, ވ. ކެޔޮދޫ އެ އަތޮޅު ރަކީދޫ އަދި ފ. މަގޫދޫއެވެ.
ފަސް ވަނަ ޕެކޭޖުގައި ހިމެނެނީ ދ. މާއެނބޫދޫ އާއި މ. މުލައް, މަޑުއްވަރީ, ވޭވައް އަދި ރަތްމަންދޫއެވެ. ހަ ވަނަ ޕެކޭޖުގައި ހިމެނެނީ ތ. އަތޮޅުގެ އަށް ރަށެވެ. އެއީ ހިރިލަންދޫ, ކިނބިދޫ, ދިޔަމިގިލި, ކަނޑޫދޫ, އޮމަދޫ, ބުރުނި, ވަންދޫ އަދި ގާދިއްފުށްޓެވެ. ހަތް ވަނަ ޕެކޭޖުގައި ހިމެނެނީ ލ. ދަނބިދޫ, މުންޑޫ އަދި މާމެންދޫގެ އިތުރުން ގއ. ކަނޑުހުދޫ, ނިލަންދޫ, ދެއްވަދޫ, ނަޑެއްލާ އަދި ގދ. ފިޔޮރީއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ, މި ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށް ދޭ ލިޔެކިޔުން ހުށަހަޅަންވާނެ ކަމަށެވެ. އޭގެ ތެރޭގައި ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މައުލޫމާތު ހުށަހަޅަންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ, އެ މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއް ޕެކޭޖަށްވުރެ ގިނަ ޕެކޭޖަށް ޝައުގުވެރިކަން ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް ބުންޏެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހެނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު