ކޮވިޑު ޖެހިގެން ގދ. ތިނަދޫން މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.
ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް މިއަދު ހެނދުނު "ވަން"އަށް ވިދާޅުވީ ގއ. ދާންދޫން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެންގޮސް ފަރުވާދެމުންދިޔަ މީހަކު ރޭ ފަތިހު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ފަރުވަދެމުން ދަނިކޮށް މަރުވެފައިވަނީ ގއ. ދާންދޫ، ސީސަންގެ، އަހުމަދު ޒާހިރު (79އ) އެވެ.
އާސިފް ވިދާޅުވީ އެމީހާގެ ބަލި ހާލަތު ހުރިގޮތުން ފަރުވާއަށް ތިނަދުއަށް ގެންދިޔަތާ މަހެއްހާ ދުވަސްވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ އޭގެ ފަހުން ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ތިނަދޫން މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން ތިނަދޫން ކޮވިޑް ބަލީގައި މަރުވީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރައިފައެވެ. އެއީ 185 ދިވެހީންނާއި 15 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު