ރާއްޖޭގައި ހަރުކަށި ފިކުރަށް ހިތްވަރުދީ ރައްކާތެރިކަން ދިނީ އެމްޑީޕީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިރޭ "ވަން" އަށް ވިދާޅުވީ ވަކި ޖަމާއަތެއް ހަދައިގެން ހަރުކަށި ފިކުރުމުގެ މީހުން މާލޭގެ މިސްކިތްތަކުގައި ނަމާދުކުރި ދުވަސްވަރު، އެމްޑީޕީގެ މެމްބަރުން ތާޅަފިލި ހިފައިގެން ގޮސް އަޑުގަދަކޮށް، އެފަދަ މީހުންނަށް ހިތްވަރުދީ، ސިޔާސީ ގޮތުން ބާރުވެރި ކުރުވާފައިވާ ކަަމަށެވެ. ހަރުކަށި ފިކުރު ނައްތާލުމަށް މިއަދު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކިން ޖަމާއަތް ހެދުން ހުއްޓުވުމަށް އޭރުގައި މާލޭގެ ދަރުމަވަންތަ މިސްކިތުގައި ހިނގާދިޔަ ޖަމާއަތް އޭރުގެ ސަރުކާރުން [ރައީސް ވަހީދުގެ ސަރުކާރުން] މަސައްކަތް ކުރި. އެމްޑީޕީގެ މީހުންތައް އެތަނަށް އައިސް ހިތްވަރުދީ ތާލަފިލި ހިފައިގެން އައިސް އެމީހުންނަށް ހިތްވަރުދީ އެކަން ހުއްޓުވައިގެން ނުވާނެ ކަމަށް ބުނެ، އެމީހުންނަށް ރައްކާތެރިކަންދީ އެމީހުންނަށް ހިމާޔަތްދީ، ސިޔާސީ ގޮތުން ބާރުވެރިކޮށް، އެމީހުންނަށް ކަންތައްތައް ކޮށްދިނީ. އޭގެ ސަބަބުން މިހާ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވީ މިކަންކަން ހުއްޓުވުމުގައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އޭނާ އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި އެތައް ބަޔަކު ހަމަ މަގަށް އަޅުވާފައިވާ ކަމަށެވެ. އެގޮތުން އެމީހުންނަށް ރިހިބިލިޓޭޝަން ދީ އަލުން މުޖުތަމައަށް ނެރެފައިވާ ކަމަށާއި އެމީހުން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ރަނގަޅަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުންނަނީ އެފަދަ ކުށްތަކުގައި ބަންދު ކުރެވޭ މީހުންނަށް އެކަށީގެންވާ ރިހިބިލިޓޭޝަނެއް ނުދީ މުޖުތަމައަށް ދޫކޮށްލުމުން ކަމަށެވެ. އެކަމުގެ ސަބަބުން އެފަދަ މީހުންނަށް އިތުރު މީހުން ހަރުކަށި ފިކުރުގެ ތެރެއަށް ވައްދަން ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އެގޮތަށް ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ މީހުން ދޫކޮށްލި. މި ހިމަންދޫ މައްސަލައިގައިވެސް ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ތިބި ހަރުކަށި ހިޔާލުގެ ބައެއް މީހުން ދޫކޮށްލި. އެގޮތަށް ދޫކޮށްލި މީހުންގެ ތެރޭގައި އެކަހަލަ ރިހިބިލިޓޭޝަން ނުދީ ދޫކޮށްލި މީހުން ހިމެނޭ. އަޅުގަނޑު ދެކޭ ގޮތުގައި ޒިންމާދާރުކަމާއެކު މިކަން ނައްތާލަން މަސައްކަތް ކުރަންޏާ މީގަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނީ ދައުލަތުގެ އިސްލާމީ ކަންކަމާބެހޭ މުއައްސަސާ ތަކުން ކަމަށާއި އެގޮތުން ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ގިނަ މަރުހަލާ ތަކަކަށް ބަހާލައިގެން މިކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން ޒުވާނުންނާއި އާންމުންނަށް މިކަމުގެ ފުރިހަމަ މައުލޫމާތުދީ، ތައުލީމީ ނިޒާމުގެ ތެރެއިންވެސް މިކަން ކުރެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ ހަރުކަށި ފިކުރުގައި މީހުން ޖެހޭ ސަބަބުތައް ހޯދައި އެކަންކަން ނައްތާލައިގެން ނޫނީ މިކަން ނުކުރެވޭނެ ކަމަށެވެ.
"އިސްލާމީ އެހެން ގައުމުތަކަށް ބަލާއިރުވެސް އެންމެ ކާމިޔާބީ ހަމަ އެމީހުން ބަންދުކޮށްފައި ބައިތިއްބައިގެން އެމީހުންނަށް އިސްލާމީ އިލްމުވެރިން ގެންނަވައިގެން އެމީހުންގެ ހުރި ޝުބުހަ ތަކަށް ރައްދުދީ އެމީހުންގެ ވާހަކަތަކަށް ޑިބޭޓްކޮށް އިލްމީ ހުއްޖަތުގެ އަލީގައި އެމީހުން ބަލި ކުރުން،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމާއި ހަރުކަށި ފިކުރާ ގުޅުވައި އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދުދެއްވައި އޭނާ ވިދާޅުވީ އެއީ ސިޔާސީ ވާހަކަތަކެއް ކަމަށާއި އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތަށް ވާހަކަތައް ދައްކަމުން ދަނީ އާންމުންގެ މެދުގައި އޭނާއާ މެދު ނަފުރަތު އުފެއްދުމަށް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރަށް ތާއީދު ނުކުރާ މީހެއްކަން އޭނާގެ ގާތް މީހުންނާއި ދަންނަ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު