ކޮވިޑު ޖެހިގެން ލ. ގަމުން މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 199 އަށް އަރައިފިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލް މެނޭޖަރު އަލީ ނަޝީދު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މަރުވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަކީ އެރަށު ތުނޑީ އަވަށު މީހެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ މިރޭ 9:23 ގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށާއި މީގެ ކުރިންވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މިއަދު ހާލު އިތުރަށް ގޯސްވެ، އަލުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ވިދާޅުވި އެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 199 އަށް އަރާފަ އެވެ. އެއީ 184 ދިވެހީންނާއި 15 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.