ޕްރެސް ކޮންފަރެންސަށް ގޮސް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ކޯކު ފުޅި އެއްފަރާތް ކޮށްލި ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރައިފިއެވެ. ދެ ކޯކު ފުޅި އެއްފަރާތް ކޮށްލައި ރޮނާލްޑޯ ކެމެރާއަށް ފެން ފުޅި ދައްކާލައި ފެން ބޯން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ކޮންމެއަކަސް އެ މަންޒަރުގެ މާނަ ތަފާތު ގޮތްގޮތަށް ނަގައި، މީޑިއާތަކުން އަންނަނީ އެވާހަކަ ދައްކަމުންނެވެ.
ރޮނާލްޑޯއަށް ލޯބިކުރާ ސަޕޯޓަރުންނަށް ވީ އެއީ ރޮނާލްޑޯގެ ކިބައިގައި ހުންނަ ސިއްހަތަށް ލޯބިކުރުމުގެ ނަމޫނާ ސިފައަކަށެވެ. އަބަދުވެސް ސޮފްޓް ޑްރިންކްސް އާއި އެފަދަ ތައްޔާރީ ކާނާތަކާ ދެކޮޅަށް ރޮނާލްޑޯ ވާހަކަ ދައްކާއިރު، ގިނަ ބަޔަކު ބުނެފައި ވަނީ ކޯކު ފުޅި ދުރަށްލީ ބަޔަކު ހޭލުންތެރި ކުރުވުމަށް ކަމަށެވެ. ރޮނާލްޑޯގެ ހަށިގަނޑަށް ބަލައިލުމުންވެސް އޭނާއަށް ފިޓްނަސް މުހިއްމު ވާ ވަރު އެނގެއެވެ.
ރޮނާލްޑޯ ކޮކާ ކޯލާއާ ދެކޮޅު ނަމަވެސް އެ ފުޅި ޓީވީއަށް އަރާނެހެން ޔޫއެފާއިން ޕްރެސްގައި ބަހައްޓާފައި ހުރީ ސްޕޮންސާޝިޕްގެ ބޮޑު އެއްބަސްވުމެއްގެ ދަށުންނެވެ. ކޮކާ ކޯލާއަކީ ޔޫއެފާގެ ބޮޑު ސްޕޮންސާއެކެވެ. އަދި ޔޫރޯގެވެސް މުހިއްމު ސްޕޮންސާއެކެވެ. ރޮނާލްޑޯގެ އަމަލާއެކު ކޮކާ ކޯލާގެ ޕްރޮމޯޝަނަށް ހުރަސްތަކެއް ދިމާވެފައިވާއިރު، ވިޔަފާރީގެ ނަޒަރުން ވިސްނާ ފަރާތްތަކުން ރޮނާލްޑޯއަށް ފާޑު ކިޔާފައިވެއެވެ. ހާއްސަކޮށް ބޮޑު މުބާރާތެއްގެ ޕްރެސްއެއްގައި ސްޕޮންސާއަކަށް ބޭ އަދަބީ ގޮތަކަށް އަމަލުކުރުން އެއީ ބަލައި ނުގަނެވޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އެކަމަށް ޔޫއެފާއިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް އެންޑޯސްމަންޓާއި ސްޕޮންސާޝިޕްގެ ކަންކަމުގެ އިސް މާހިރުން ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރޮނާލްޑޯގެ އަމަލަކީ ސްޓަންޓެއް ކަމަށެވެ. ޕެޕްސީއާއެކު ރޮނާލްޑޯގެ ސްޕޮންސާޝިޕް ޑީލެއް އޮންނަ ކަމަށް ސްޕެއިންގެ ވަރުގަދަ ފުޓުބޯޅަ ނޫސް މަރްކާއިން ބުނެފައިވެ އެވެ. ޕެޕްސީއަކީ ކޮކާ ކޯލާގެ އެންމެ ވާދަވެރި ކުންފުނި ކަމަށްވާއިރު، ރޮނާލްޑޯ ކަންކުރި ގޮތުން ޕެޕްސީއަށް ފައިދާވާނެ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ރޮނާލްޑޯ ކޮކާ ކޯލާ ދެ ފުޅި އެއްފަރާތް ކޮށްލުމާއެކު ޕެޕްސީ ޕްރޮމޯޓް ކުރާ ފަރާތްތަކުން އޭގެ ނާޖައިޒު ފައިދާ ނަގައި ޓުވިޓާގައި ޕެޕްސީ ޓްރެންޑްވެސް ކޮށްލިއެވެ. އެ ކަމާއެކު ކޮކާ ކޯލާގެ މާކެޓިން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހޭނެ ކަމަށްވެސް ބެލެވެއެވެ.
ސިއްހަތަށް ލޯބި ކުރުމުގެ ގޮތުން ނަމަވެސް ރޮނާލްޑޯ ހެދީ މާކެޓިންގެ ބޮޑު ގޯހެކެވެ. ހާއްސަކޮށް ޔޫއެފާގެ ނަޒަރުގައި އެކަން ވާނީ ގޯހަކަށެވެ. އެއީ ކޮކާ ކޯލާއަކީ ވަރުގަދަ ބްރޭންޑަކަށްވެފައި ޔޫއެފާގެ ބޮޑު ސްޕޮންސާއަކަށްވެސް ވާތީއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު