ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ކަމަށްވާ، އެޕޯލޯ ހޯލްޑިންގްސްއާ ހަވާލު ކޮށްގެން ހުޅުމާލޭގައި ހަދާ 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އަދި އެޕޯލޯ ހޯލްޑިގްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހުސިން ހުސެއިނެވެ.
ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހަދާ މި ހައުސިން ޔުނިޓުތައް ޑިޒައިންކޮށް، އިމާރާތްކޮށް އަދި ފައިނޭންސް ކުރަނީ އެޕޯލޯ އިންނެވެ. އަދި މިއީ ދިވެހި ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯޝަލް ހައުސިން މަޝްރޫއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހެއިލް ވިދާޅުވީ، މި ފުލެޓްތަކުގައި ތިން ކެޓަގަރީއެއްގެ ހައުސިން ޔުނިޓް ހިމެނޭނެ ކަމަށެވެ. އެއީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 ޔުނިޓު އަދި މިޑް ރޭންޖުގެ 660 ހައުސިން ޔުނިޓެވެ.
ކައުންސިލް ހައުސިން ޔުނިޓުތަކުގައި އުޅޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތަކަކާއި 800 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތަކަކެވެ. އެފޯޑަބަލް ހައުސިންގެ އުޅޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތަކަކާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ.
މިޑް ރޭންޖުގެ ހައުސިން ޔުނިޓުތަކުގައިވެސް ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ޔުނިޓުތައް ހިމެނޭނެއެވެ. އެގޮތުން ދެ ކޮޓަރީގެ ޔުނިޓުތަކުގެ ސައިޒަކީ 750 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގެ ސައިޒަކީ 1000 އަކަފޫޓެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި ހައުސިން މަޝްރޫއުއަކީ އެޕޯލޯ އިން ފައިނޭންސް ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށްވާ އިރު، މި ޕްރޮޖެކްޓަށް ސަރުކާރުން ދިން ހަމަ އެކަނި ގެރެންޓީއަކީ ސޯޝަލް ހައުސިން ޔުނިޓުތަކާއި އެފޯޑަބަލް ހައުސިން ޔުނިޓުތައް ގަންނާނެ މީހުން ހޯދައިދޭނެ ކަމުގެ ގެރެންޓީ ކަމަށެވެ.
އަދި މި ހައުސިން ޔުނިޓުތަކުގެ ތެރެއިން މިޑް ރޭންޖުގެ ހައުސިން ޔުނިޓުތަކަށް އަކަފޫޓަކަށް 2400 ރުފިޔާގެ މަގުން އަގު ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު