ކޮވިޑުގެ ހާލަތާ ގުޅިގެން ސަރުކާރުގެ ގިނަ އޮފީސްތަކާއި އަމިއްލަ ގިނަ މަސައްކަތްތައް މިވަނީ ވޯކް ފުރޮމް ހޯމް ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމަށް ބަދަލު ކޮށްފަ އެވެ.

އޮފީހަށް ދާން ނުޖެހުން ގިނަ ބަޔަކަށް ފަސޭހައަކަށް ވީ ނަމަވެސް، ބައެއް ގޭގޭގެ ހާލަތު ހުންނަ ގޮތުން މަސައްކަތަށް ސަމާލުކަން ދިނުން އުނދަގޫ ވާ ފަހަރުވެސް އަންނާނެ އެވެ.

ދިވެހީންގެ ދިރިއުޅުމުގެ ގިނަ ފަހަރަށް ހުންނަނީ އެއް ގެއެއްގައި ދެތިން ހަތަރު އާއިލާއާ އެކު ދިރިއުޅޭ ގޮތަށް ބައްޓަން ކުރެވިފައެވެ. ތޮއް ޖެހިފައިވާ މާލޭގައި ވަކި ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވަނީ ވަރަށް މަދު ބަޔަކަށެވެ.

މިފަދަ މާހައުލެއްގައި ރަސްމީ ވަޒީފާ އަދާކުރާއިރު މަސައްކަތުގެ ފޯކަސް ގެއްލިގެން ދާ ކިތަންމެ ހާލަތެއް މެދުވެރި ވާނެ އެވެ.

އަންނަނިވި ކަންކަން ކޮށްލައިގެން މަސައްކަތަށް ދޭ ސަމާލުކަން ކުޑަވިޔަ ނުދީ ކުރިއަށް ގެންދިއުމަށް އެހީއަކަށް ވާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މެޑިޓޭޝަން އަކީ ކޮންމެހެން ދެފައި ވައްކޮށްގެން ދެލޯ މަރާލައިގެން އިނުމެއް ނޫނެވެ. ނަމަވެސް މީގެ މައިގަނޑު ބޭނުމަކީ ހިޔާލުތަކާއި ފިކުރުތަކުން އެއްފަރާތް ވެ، ތަނެއްގައި އެކަހެރި ވެލައިގެން އިނުމެވެ. ބޯ ހާސް ކުރުވާ ހިޔާލުތަކާއި މަސައްކަތްތަކާއި ގޭތެރޭގެ މާހައުލުން އެކަހެރި ވެލައިގެން 10 ވަރަކަށް މިނެޓު ހޭދަކޮށްލާށެވެ. ނުވަތަ ދެ ރަކުއަތް ނަމާދެއް ކޮށްލައި ޒިކުރު ކޮށްލަން އިނދެލުމުންވެސް ހިތަށް ހަމަޖެހުން ލިއްބައިދޭނެއެވެ. ދުވާލު އޮފީސް މަސައްކަތްތައް ފަށައިގަތުމަށްފަހު ހެނދުނުގެ 11 ޖަހާކަށްހާއިރު އިންތަނުން ތެދު ވެ ދެ ރަކުއަތުގެ ލުހާ ނަމާދަކާއެކު ވަގުތުކޮޅެއް ހުސްކޮށްލައި 10 މިނިޓެއްވަރު ދުނިޔަވީ ހިޔާލުތަކުން ދުރުވެ އިނދެލުމުން މިކަމުން ދެ ދުނިޔޭންވެސް މަންފާ ލިއްބައިދޭނެއެވެ.

މަސައްކަތެއް ނުނިމި އަވަދިނެތި ތެޅިފޮޅުމުގެ ބަދަލުގައި، ކުޑަ ބްރޭކެއް ނަގައި ސިކުނޑި ތާޒާކޮށްލާށެވެ. މާ ގިނަ ކަންކަން ސިކުނޑި ވަށާލައި އަވަދިނެތި ކަންކަން ނިންމަން އުޅުމުން މީހާ ސްޓްރެސް ވެ، މަސައްކަތް ކުރަންވީ އެންމެ ރަނގަޅު ގޮތުގައި ނުކުރެވި، ކުދިކުދި ގޯސްތައް ތަކުރާރުކުރުމުގެ ފުރުސަތު ބޮޑުވެއެވެ. މަސައްކަތްތައް އެއް ފަހަރާ މާ ގިނަ ވާ ނަމަ، އެނޫން ކަމެއްގައި މަސްއޫލުވެލާށެވެ. ގޭތެރޭގައި ކުދީންނާއެކު ކުޑަކޮށް މަޖާކޮށްލުން، ވާހަކަ ފޮތެއް ކިޔައިލުން ނުވަތަ ފޭސްބުކް ބަލައިލުން ފަދަ ކަމަކަށް ކުޑަ ވަގުތުކޮޅަކަށް މަސައްކަތާ ދުރަށް ސިކުނޑި ގެންދާށެވެ. ނަމަވެސް މި ބުރޭކް މާ ދިގުވެގެން ނުވާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.

ގޭގައި މަސައްކަތްކުރާ ގިނަ އަންހެނުންނަށް މަސައްކަތް ކުރެވޭނީ އެއްފަހަރާ ދެތިން ހަތަރު ކަންތައް ކުރަމުންކަން ގަބޫލުކުރަން ޖެހެއެވެ. ނުވަތަ އާއިލީ ޒިއްމާތަކަށް ވަގުތު ދިނުމަށް އޮފީހުގެ ދެތިން ހަތަރު މަސައްކަތް އެއްފަހަރާ ކޮށްލައި ނިންމާލަންވެސް އުޅެވޭ ފަހަރު އާދެއެވެ. ނަމަވެސް މިއީ ބުއްދިވެރި ގޮތެއް ނޫނެވެ. ފަހަރަކު ކަމެއް ކުރަން ސިކުނޑި ހާނާށެވެ. ދުވަހުގެ މަސައްކަތްތައް ބަލައި، ބައިބަޔަށް ބަހާލައިގެން ފަހަރަކު ކަމެއް ނިންމަމުން ގެންދިއުމަކީ ބޯ ހާސް ނުވެ މަސައްކަތްތައް ފަސޭހައިން ނިންމާލެވެން އޮތް މަގެވެ.

ކިތަންމެ ދަތި ނަމަވެސް، ގޭގައި މަސައްކަތްކުރާއިރު ވަކި ޖާގައެއް ކަނޑައެޅުމަކީ މުހިއްމުކަމެކެވެ. ބޭރުން އިވޭ އަޑުތަކާއި ކަންކަމާ ވަކިވެ އިނދެގެން މަސައްކަތް ކުރާނަމަ، މަސައްކަތުގެ ސްޕީޑު ރަނގަޅު ވެ، ފޯކަސް ކުރެވޭ މިންވަރު އިތުރުވެގެންދާނެއެވެ. މިއީ ކޮންމެ ކޮންމެ ގެއެއްގައި ކުރަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ސިޓިންރޫމުގައި މަސައްކަތްކުރަން ޖެހޭ ނަމަވެސް، ހެޑްޕީސެއްގެ އެހީގައި އެހެނިހެން އަޑުތައް ނުއިވޭ ގޮތް ހަދައިގެން އިނދެ މަސައްކަތް ކޮށްލާ ނަމަ، މިކަމަށް ފަސޭހަވެގެން ދާނެއެވެ.