މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްސީއޭ)ގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދައި، ބޯޑަށް މެންބަރުން އައްޔަނުކޮށްފިއެވެ.

އެ މަގާމުތަކަށް ބޭފުޅަކު އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސް ސޯލިހު މިއަދު އައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑޮކްޓަރު އަބްދުލްހަންނާން ވަހީދެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. މި ގާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދެވީ ޑރ. އަބްދުލްހަންނާނެވެ.

ޑރ. އަބްދުލްހަންނާނަކީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް)ގެ ސީއީއޯގެ މަގާމާއި ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ. ޑރ. އަބްދުލްހަންނާން ޕީއެޗްޑީ ހާސިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީންނެވެ.

  • ޑރ. އަބްދުލްހަންނާނު ވަހީދު، ދަފްތަރު ނަންބަރު 2968 (ޗީފް އެގްޒެކެޓިވް އޮފިސަރު)
  • ހަދީޖާ އާދަމް، ގ.އަލަފަރު މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިޔުކޭޝަން (މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)
  • ޑރ. އަހުމަދު އަލިމަނިކު، މއ.މާނިކަ (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  • ޑރ. އާއިޝަތު ރީޝާ، މ.ސްނޯޑައުން (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ)، (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  • ޑރ. މުހައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލާ / ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން އައްޔަންކުރާ 1 މެންބަރު)
  • އާދަމް ހަލީމް، ދަފްތަރު ނަންބަރު 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން އައްޔަންކުރާ 1 މެންބަރު)
  • މޫސާ މުހައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރު / ވިލާ ކޮލެޖް (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަންކުރާ 1 މެންބަރު)