ޔޫރޯ 2020ގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި ސްލޮވޭކިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސްލޮވޭކިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ އޮއިވަރު ދެވަނަ ހާފުގައި ބަދަލުވެގެން ދިޔައީ މުބާރާތުގެ ފުރަތަމަ ރަތް ކާޑު ޕޮލެންޑްގެ ގްރެޒެގޯވް ކްރީކޯވިއާއަށް ދެއްކުމުންނެވެ. އެ ރަތް ކާޑާއެކު ދެވަނަ ހާފުގެ ބޮޑުބައި ޕޮލެންޑަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ސްލޮވޭކިއާއިން ޔޫރޯއެއްގައި ފުރަތަމަ ކުޅުނީ 2016 ވަނަ އަހަރުއެވެ. އެޓީމުން މިފަހަރުގެ ޔޫރޯއަށް ނުކުތީ ފުރަތަމަ ޔޫރޯގެ ކާމިޔާބީގެ ހިތްވަރާ އެކުގައެވެ. އެންމެފަހުން ފްރާންސްގައި ބޭއްވި ޔޫރޯގެ ގަދަ 16ގައި ސްލޮވޭކިއާ ކުޅެފައިވުން އެއީ މިރޭގެ މެޗަށް އޮތް ބޮޑު ހިތްވަރެކެވެ. އެހެންނަމަވެސް ސަމާލުވާން ޖެހުނީ، އަނެއް ކޮޅުން ނުކުތީ އެންމެފަހުން ބޭއްވި ޔޫރޯގެ ކުއާޓާއަށް ދިޔަ ޕޮލެންޑް ކަމަށްވާތީއެވެ. ހާއްސަކޮށް މެޗުގެ ކުރިން ހުރިހާ ފޯކަސްއެއް އަމާޒުވެފައި ވަނީވެސް ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީއަށެވެ.

ޔަގީނުންވެސް ލެވަންޑޯސްކީއަކީ ނިމިދިޔަ ސީޒަންގައި ކުޅުނު އެންމެ މޮޅު ފޯވަޑެވެ. އޭނާއަކީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި ކުޅުންތެރިޔާވެސް މެއެވެ. މުޅި މެޗުގެ ވާހަކަ ލެވަންޑޯސްކީއަށް ފޯކަސް ވެފައި އޮތް ނަމަވެސް ސްލޮވޭކިއާއިން އެކަމަށް ސަމާލުކަން ނުދޭނެކަން މެޗުގެ ފެށުމުންވެސް އެނގުނެވެ.

ފުރަތަމަ ހާފު ޑޮމިނޭޓްކޮށް، ރަނގަޅު ކުޅުމެއް ދެއްކީ ސްލޮވޭކިއާއިންނެވެ. ހާއްސަކޮށް މެދުތެރެ ޑޮމިނޭޓްކޮށް ސްލޮވޭކިއާއިން ވަނީ ހާފުގައި ލީޑުވެސް ނަގައިފައެވެ. އެއީ ހައްގުވެސް ލީޑެކެވެ. ރަނގަޅަށް ކުޅެމުން އައި ސްލޮވޭކިއާއިން ލީޑު ނެގި ގޯލަކީ ޕޮލެންޑްގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެހެންނަމަވެސް އެ ގޯލުގެ ހަގީގީ ކްރެޑިޓް ހައްގު ވަނީ އަރިމަތިން ދެ ކުޅުންތެރިން ނައްޓައި އޭރިއާ ތެރެއަށް ވަން މަކް އަށެވެ. އޭނާ ވަދެ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން ގޯލަށް ވަނީ ޝެޒްނީ ގައިގައި ޖެހިފައެވެ.

އޭގެ އިތުރުންވެސް ޖުރާކް ކުކާއާއި ޕެކަރިކް ދުރުން ފޮނުވާލި ހަމަލާތައް ސްލޮވޭކިއާއިން ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހާފުގައި ޕޮލެންޑްގެ ތަރި ލެވަންޑޯސްކީ ފެނުނީ އާދައިގެ ކޮށެވެ. ފާހަގަކޮށްލެވުނީ އޭނާއަށް އެކަށީގެންވާ ވަރަށް ބޯޅަ ސަޕްލައި ކޮށްދިނުމުގައި ޕޮލެންޑްގެ މިޑްފީލްޑް ނާކާމިޔާބުވި ތަނެވެ.

މާޔޫސީ ފުރަތަމަ ހާފަކުން ޕޮލެންޑް އަރައިގަތީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގޯލް ޖަހައި ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. އަރިމަތިން އަރައި ސައިޑް ބެކް މާސިޖް ރީބަސް ތިރިތިރިން ހުރަސް ކޮށްލި ބޯޅަ ގޯލަށް ވައްދާލީ ކެރޮލް ލިނެޓީއެވެ. އެ ގޯލާއެކު ޕޮލެންޑް ހޭލިއެވެ. ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ނުރައްކާވެސް ކުރަން ފެށިއެވެ.

އެހެންނަމަވެސް އެޓީމަށް ފަހަތުން އަރަން އުނދަގޫވީ 62 ވަނަ މިނެޓުގައި މެދުތެރެއަށް ކުޅެމުން އައި ގްރެޒެގޯވް ކްރީކޯވިއާކަށް ދެއްކި ރަތްކާޑާއެކު ގައެވެ. އޭގެ ފަހުން ޕޮލެންޑަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ސްލޮވޭކިއާއިން އަނެއްކާވެސް މެޗުގެ ކޮންޓްރޯލް ހޯދައި ޕާސްތައް ގިނަކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނައިރެއްނުވެ އަނެއްކާވެސް ސްލޮވޭކިއާ މެޗުގެ ލީޑު ނެގިއެވެ. މަރެކް ހަމްޝިކްގެ ކޯނަރަކުން އެ ގޯލް ޖަހައިދިނީ އިންޓަ މިލާންގެ ޑިފެންޑަރު މިލާން ސްކިރިނިއާއެވެ. އޭރިއާ ތެރޭގައި ހުރެ ކޯނަރު ކޮންޓްރޯލް ކޮށްލައި، ދެވަނަ ޓަޗުގައި ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

އެ ގޯލާއެކު ސްލޮވޭކިއާ ހަމަޖެހިލައި، މުޅި ގޭމް ލަސްކޮށްލިއެވެ. ފުރަތަމަ މެޗުގެ މޮޅަކަށް އެޓީމުން ވަނީ ކާމިޔާބުކަމާއެކު 10 ކުޅުންތެރިންގެ ޕޮލެންޑް ހިފަހައްޓައިފައެވެ. މެޗުގެ ފަހު ދެމިނެޓެއްހާއިރު ތެރޭގައި ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތު ކޮޅެއްވެސް ސްލޮވޭކިއާއަށް ދިޔައެވެ. ޕޮލެންޑަށް ލިބުނު ރަނުގެ ފުރުސަތެއްގައި ބެޑްނަރެކް ފޮނުވާލި ހަމަލާ ދިޔައީ ފޫޓެއްހާތަން އަރިމަތިން ބޭރަށެވެ.

ޔޫރޯ 2020 ގައި މިރޭ ދެން އޮންނަ މެޗަކީ ގްރޫޕް އީގައި ސްޕެއިން އާއި ސްވިޑެން ވާދަކުރާ މެޗެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން 00:00 ގައެވެ.