މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.

މިގޮތުން މާލެ، ކުޅުދުއްފުށި ސިޓީ އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ބީއެމްއެލުން ވަނީ ނިންމާފައެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭޕް ކުރިޔަށް ގެންގޮސްފައެވެ.

ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލުން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކްގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.